އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ޑޮނަލްޑް ޓްރަމްޕް ކާމިޔާބުކުރެއްވުމާއެކު، ބިޓްކޮއިންގެ އަގު ތާރީޚުގައި ފުރަތަމަ ފަހަރަށް 100,000 ޑޮލަރާ ވަރަށް ކައިރިވެއްޖެއެވެ.
ކްރިޕްޓޯކަރަންސީއަށް މިހާބޮޑު ކުރިއެރުމެއް މިލިބުނީ ޓްރަމްޕްގެ އިދާރާއިން ކްރިޕްޓޯކަރަންސީއަށް ފަހި މާހައުލެއް ގާއިމުކުރައްވާނެ ކަމުގެ އުއްމީދު އޮތުމާއެކުގައި ޓެކް ރިޕޯޓްތައް ބުނެއެވެ.
ބްރާސްފަތި ދުވަހުގެ މެންދުރުފަހު، ދުނިޔޭގެ އެންމެ މަޤްބޫލު ކްރިޕްޓޯކަރަންސީ ކަމުގައިވާ ބިޓްކޮއިން ވިކެމުން ދިޔައީ 98,000 އާއި 99,000 ޑޮލަރުގެ ދެމެދުގައެވެ. އަދި އެއް ވަގުތެއްގައި 99,073 ޑޮލަރަށް އަރާފައިވެއެވެ.
މިއަހަރު ތެރޭގައި ބިޓްކޮއިންގެ އަގު ދެގުނައަށްވުރެ މައްޗަށް ގޮސްފައިވާއިރު، ޓްރަމްޕް އަދި ކްރިޕްޓޯއަށް ތާއީދުކުރައްވާ ގިނަ މެންބަރުން ކޮންގްރެސްއަށް އިންތިޚާބުވުމަށްފަހު ވޭތުވެދިޔަ ދެ ހަފްތާގައި އަގު 40 ޕަސެންޓް އިތުރުވެފައިވެއެވެ.
ޓްރަމްޕް ވަނީ އޭނާގެ ކެމްޕޭންގައި ކްރިޕްޓޯކަރަންސީއަށް ފުރިހަމަ ތާއީދު އޮތްކަން ފާޅުކުރައްވާފައެވެ. އަދި "ދުނިޔޭގެ ކްރިޕްޓޯ ވެރިކަންކުރާ ޤައުމަކަށް" އެމެރިކާ ހެއްދެވުމަށާއި ޤައުމީ ފެންވަރެއްގައި ބިޓްކޮއިން ރައްކާކުރައްވާނެ ކަމަށް ވަޢުދުވެވަޑައިގެންފައިވެއެވެ.
މިހާރުގެ އެސްއީސީ ޗެއާ ގެރީ ގެންސްލާ ބަދަލުކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވާތީ، ކްރިޕްޓޯ އިންވެސްޓަރުން ދެކެނީ އެސްއީސީގެ ހަރުކަށި ސިޔާސަތުތަކަށް ނިމުމެއް އަންނާނެ ކަމަށެވެ.
ސެޕްޓެމްބަރު މަހު ޓްރަމްޕް ވަނީ "ވޯލްޑް ލިބާޓީ ފައިނޭންޝަލް" ގެ ނަމުގައި އައު ކްރިޕްޓޯ ވިޔަފާރިއެއް ފަށްޓަވާފައެވެ. މި ވިޔަފާރިއާ ބެހޭ ގިނަ މަޢުލޫމާތެއް ހާމަކުރައްވާފައި ނުވިނަމަވެސް، އިންވެސްޓަރުން ދެކެނީ މިއީ އެ ދާއިރާއަށް ކުރިއެރުން ލިބޭނެ ކަމުގެ ރަނގަޅު ސިގްނަލެއްގެ ގޮތުގައެވެ.
ޓްރަމްޕްގެ ގާތް އެކުވެރިއެއް ކަމަށްވާ ބިލިއަނަރު އީލޮން މަސްކް ވެސް ވަނީ ކްރިޕްޓޯކަރަންސީއަށް ތާއީދުކުރައްވާފައެވެ.
16 އަހަރަށްވުރެ ގިނަ ދުވަސްވީ ބިޓްކޮއިން މިހާރު ވަނީ މައިންސްޓްރީމް ޤަބޫލުކުރުމާ ކައިރިވެފައެވެ.
"މިހާތަނަށް ބިޓްކޮއިން ގަނެފައިވާ ހުރިހާ މީހުންނަށް ވެސް މިވަގުތު ފައިދާވަމުންދޭ،" ކުކޮއިން ކްރިޕްޓޯ އެކްސްޗޭންޖްގެ މެނޭޖިން ޑިރެކްޓަރު އަލީޝިއާ ކާއޯ ވިދާޅުވިއެވެ.
2022ވަނަ އަހަރުގެ ފަހުކޮޅު 16,000 ޑޮލަރަށް ވެއްޓުނު ބިޓްކޮއިންގެ އަގު އަނބުރާ މައްޗަށް ދިއުން އަވަސްވެފައިވަނީ މިއަހަރުގެ ޖަނަވަރީ މަހު އެމެރިކާގައި ބިޓްކޮއިން އީޓީއެފްތައް ހުއްދަކުރުމާ ގުޅިގެންނެވެ.
މީގެ ކުރިން އެސްއީސީން އީޓީއެފްތައް ހުއްދަކުރުމަށް ދެކޮޅުހަދަމުން ދިޔަ ނަމަވެސް، މި ޕްރޮޑަކްޓްތަކުގެ ސަބަބުން އިތުރު އިންވެސްޓަރުންނަށް އަދި އިންސްޓިޓިއުޝަނަލް އިންވެސްޓަރުންނަށް ބިޓްކޮއިންގައި އިންވެސްޓްކުރުމުގެ ފުރުސަތު ލިބިގެން ގޮސްފައިވެއެވެ.