ނަމޫނާ އިގުތިސާދެއް ބިނާކުރުމުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދައުރު މިހާރަށް ވުރެ ވެސް ބޮޑަށް ދެނެގަނެ ވިޔަފާރިވެރީންގެ ގާބިލުކަން އިތުރުކޮށްދިނުމަކީ އެންމެންގެ ޒިންމާއެއް ކަމަށް ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް ރޭ ވިދާޅުވެއްޖެއެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ބިޒްނަސް ސެންޓާ ކޯޕަރޭޝަން ބީސީސީން އިފުތިތާހުކުރި މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑު އިފުތިތާހުކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، މި އެވޯޑަކީ ބީސީސީން ދިވެހި އިގުތިސާދުގެ އުޖާލާ ކުރިމަގަކަށް ކޮށާލެވޭ ފަހި ރާސްތާއެއް ކަމަށެވެ.
މި އުންމީދީ މަސައްކަތުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް މަންފާވަނިވި ލާބަހުރި ދޮރުތަކެއް ހުޅުވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ބިޒްނަސް ސެންޓާ ކޯޕަރޭޝަން ބީސީސީއިން އިފްތިތާހުކުރި މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑު އިފްތިތާހު ކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް
ފަރުދީ ގޮތުންނާއި ގައުމީ ގޮތުން އަދި ބައިނަލްއަގުވާމީ ގޮތުން ދިވެހި އިގުތިސާދީ މައިދާނުގައި އާ ވިޔަފާރިތައް އާލާވެ ފައިދާވަނޭކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
އިގުތިސާދީ ތަރައްގީގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދައުރު ވަރަށް ބޮޑު ކަމަށާއި ރޭ ތައާރަފުކުރެވުނު އެމްއެސްއެމްއީ އެވޯޑަކީ ބީސީސީ މެދުވެރިކޮށް ސަރުކާރުން ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ގައުމީ ފެންވަރުގައި ދެވޭ ވަރަށް ބޮޑު ހިތްވަރެއްކަމަށް ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ.
އެއްވެސް ޝައްކެއް ނެތް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކީ އަޅުގަނޑުމެންގެ އިގުތިސާދުގެ ނާރެސް. އެއީ، ވަޒީފާގެ ފުރުސަތުތައް އުފެއްދުމާ އާ އީޖާދުތައް ކުރުމާއި އިގުތިސާދީ ދުވެލި ހަލުވިކުރުމަށް އެންމެ މުހިންމު ދައުރެއް އަދާކުރާ ވިޔަފާރިތައް ކަމަށް ވާތީ، ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ބިޒްނަސް ސެންޓާ ކޯޕަރޭޝަން ބީސީސީއިން އިފްތިތާހުކުރި މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑު އިފުތިތާހު ކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް
ނައިބު ރައީސް ވިދާޅުވީ، މި ވިޔަފާރިތައް ހިންގާ ވިޔަފާރިވެރީންނަކީ ރާއްޖޭގެ މުޖުތަމައުގެ ތަަރައްގީއާއި ކުރިއެރުމަށްޓަކައި ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްދެއްވާ ގައުމީ ތަރައްގީއަށްޓަކައި ގުރުބާންވެ ވަޑައިގަންނަވާ ޚިދުމަތްތެރީންތަކެއް ކަމަށެވެ.
އަޅުގަނޑު ދެކެނީ އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރީންގެ ހިތްވަރާ ކެރުންތެރިކަމާއި އީޖާދީ ޚިޔާލުތަކަކީ އަޅުގަނޑުމެންގެ އިގުތިސާދު ކުރިއަރުވާ ބާރު ކަމުގައި، ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް
ނައިބު ރައީސް ވިދާޅުވީ، ރައީސުލް ޖުމްރިއްޔާގެ ގައުމީ ތަރައްގީގެ އެންމެ މުހިންމު އެއް ސިޔާސަތަކީ އީޖާދީ މުޖުތަމައެއް ބިނާކުރުމުގެ ސިޔާސަތު ކަމަށެވެ. މި އިގުތިސާދުގެ އެންމެ މުހިންމު މަސައްކަތްތަކާއި ދިރުންހުރި ޚިދުމަތުގެ ސަފުހާތަކުން ބޮޑުބައެއް ލިޔެވެމުން އަންނަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ މައްޗަށް ކަމަށް ނައިބުރައީސް ވަނީ ވިދާޅުވެފައެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ބިޒްނަސް ސެންޓާ ކޯޕަރޭޝަން ބީސީސީއިން އިފްތިތާހުކުރި މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑު އިފްތިތާހު ކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް
އެ މަނިކުފާނު ވަނީ ކުދި އަދު މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އަދިވެސް ބުރަ މަސައްކަތްތަކެއް ކުރައްވަން ޖެހޭކަން ފާހަގަކުރައްވާފައެވެ. މާލީ އެހީތެރިކަމާއި ފަންނީ ތަމްރީނުތަކުގެ އިތުރުން ގާނޫނީ ލުއިތައް އެ ވިޔަފާރިތަކަށް ހޯދައިދޭންޖެހޭކަން އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ބީސީސީން ރޭ ތައާރަފުކުރި އެވޯޑަކީ ގައުމީ ފެންވަރުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އަގުވަޒަންކުރުމަށް އެފަދަ ވިޔަފާރިތައް ކުރިއަރަން އެޅުނު ހަރުދަނާ ފިޔަވަޅެކެވެ.