މުވައްޒަފުންގެ މުސާރައިން ކެނޑި ނަމަވެސް, ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)ން މުވައްޒަފުންގެ ޕެންޝަން ފައިސާ ނުދައްކާތާ ތިން މަސް ދުވަސްވީ ކޭޝް ފްލޯއަށް އައި ތާށިކަމަކުން ކަމަށާއި މިހާރު އެކަން ހައްލުކޮށްފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.
މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަފްރާހް އިސްމާއިލް ކިޔާ މީހަކު ވަނީ ސަރުކާރު ކުންފުނިތަކުން އެންމެ ފަހުން ޕެންޝަނަށް ފައިސާ ދެއްކި ތާރީޚުތަކާއި ދެއްކި ފައިސާގެ އަދަދު ހިއްސާކުރަން އެދިފައެވެ. އެ މައުލޫމާތު ހާމަކުރުމުން ސަރުކާރުގެ ތިން ކުންފުންޏަކުން ގަވާއިދުން ޕެންޝަނަށް ފައިސާ ނުދައްކާކަން ވަނީ އެނގިފައެވެ. އެއީ ވެމްކޯއާއި ބީސީސީއާއި އާރުޑީސީއެވެ.
އެ އާރްޓީއައި ބުނާގޮތުން ބީސީސީން އެންމެ ފަހުން ޕެންޝަން ފަންޑަށް ފައިސާ ޖަމާކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހެވެ. އޭގެ ފަހުން އެ ފަންޑަށް ފައިސާ ޖަމާކޮށްފައެއް ނުވެއެވެ.
ބީސީސީގެ އެމްޑީ އިބްރާހިމް ޒިޔާއު މިއަދު "ސަން"އަށް ވިދާޅުވީ، ޕެންޝަން ފަންޑަށް ފައިސާ ޖަމާކުރުން މަޑުޖެހުނީ މިދިޔަ އަހަރުގެ ފަހުކޮޅު އެ ކުންފުނީގެ ކޭޝްފްލޯއަށް ދިމާވި ތާށިކަމަކުން ކަމަށެވެ. ނަމަވެސް، އޭރު ވެސް ޕެންޝަންގެ ގޮތުގައި މުވައްޒަފުންގެ އަތުން ކަނޑަމުންދިޔަ ބައި ދިޔައީ ރައްކާކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ.
"މުވައްޒަފުންގެ އަތުން ކަނޑާބައި ސޭވްގައި ހުންނާނެ އޭގެން އެއްވެސް އެއްޗެއް ބޭނުން ނުކޮށް. އެއީ މުވައްޒަފުންގެ ހައްގަކަށް ވާތީވެ ބީސީސީއަކުން އޭގައެއް ނުޖެހެން," ޒިޔާއު ވިދާޅުވިއެވެ.
ޕެންޝަން ފަންޑުގެ ގާނޫނު އިންނަގޮތުން މުވައްޒަފުން އަތުން ޕެންޝަނަށް ކަނޑާ އަދަދާ އެއްވަރުގެ އަދަދެއް ކުންފުނިން ވެސް ޕެންޝަންގެ ގޮތުގައި ޖަމާކޮށްދޭން ޖެހެއެވެ. ޒިޔާއު ވިދާޅުވީ، އެ ތިން މަހު އެކަން ނުވީ އެ ތާށިކަމުގެ ސަބަބުން ކަމަށެވެ.
ނަމަވެސް، މިހާރު އެ މައްސަލަ ހައްލުކޮށްފައިވާ ކަމަށާއި ޕެންޝަންގެ ގޮތުގައި ތިން މަހަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން ދެ މަހުގެ ފައިސާ ދައްކާ ނިންމާފައިވާ ކަމަށް ޒިޔާއު ވިދާޅުވިއެވެ.
ވެމްކޯއިން ވެސް ޕެންޝަނަށް ފައިސާ ނުދައްކާތާ އެތައް މަހެއް ވެއްޖެއެވެ. މި ގޮތުން، ވެމްކޯއިން އެންމެ ފަހުން ޕެންޝަނަށް ފައިސާ ދެއްކީ އޮކްޓޫބަރު 2024 ގައެވެ. އޭގެ ފަހުން މިދިޔަ 14 މަހު އެ ކުންފުނިން ޕެންޝަނަށް ފައިސާ ދައްކާފައެއް ނުވެއެވެ.
'ސަން'އިން ސުވާލުކުރުމުން އިއްޔެ އެ ކުންފުނިން ބުނީ، ޕެންޝަނަށްވާ ފައިސާ މުވައްޒަފުންގެ މުސާރައިން އުނިކުރި ނަމަވެސް، އެ ފައިސާ ފަންޑަށް ޖަމާނުވަނީ، އެ ކުންފުނީގެ އިންވޮއިސްތަކަށް ލިބެން ޖެހޭ ފައިސާތައް ނުލިބޭތީ މާލީ ގޮތުން ދަތިވުމުން ކަމަށެވެ.
އަދި، ޑިސެންބަރު މަހު ވެސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ން 1.1 މިލިއަން ރުފިޔާ ޕެންޝަން ފަންޑަށް ޖަމާކުރި ކަމަށް ޝީޓުން ދައްކައެވެ. އެކަމަކު، އެ ކުންފުނިން ޕެންޝަން ފަންޑަށް ޖަމާކުރަންޖެހޭ ފައިސާތަކެއް ޖަމާނުކޮށް ހުރުމުން، އެ ކުންފުންޏާ މުއާމަލާތްކުރަމުން އަންނަ ކަމަށް ޕެންޝަން އޮފީހުން ހާމަކުރި މައުލޫމާތުގައިވެއެވެ.
ޕެންޝަން ތައާރަފުކުރީ މުވައްޒަފުން ޚިދުމަތްކުރުމަށް ފަހު، ރިޓަޔާކުރުމުން އާމްދަނީއެއް ލިބޭނެ މަގުފަހިކުރާށެވެ. އެ ގޮތުން ވަޒީފާ ދޭ ފަރާތުން ހަތް އިންސައްތައާއި މުވައްޒަފުގެ މުސާރައިން ހަތް އިންސައްތައާ އެކު ޖުމުލަ 14 އިންސައްތަ ޕެންޝަން ފަންޑަށް ޖަމާކުރަން ޖެހޭނެއެވެ.
އެހެންވެ، ރިޓަޔާވުމުން ލިބޭ ފައިސާގެ އަދަދު ބިނާވާނީ ޕެންޝަން ލިބޭ އުމުރު ހަމަވާއިރު އެ މީހެއްގެ ރިޓަޔާމަންޓް ސޭވިންސްގެ ގޮތުގައި ޖަމާވެފައި ހުރި އަދަދެއްގެ މައްޗަށެވެ.