ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)ން މުވައްޒަފުންގެ ޕެންޝަން ފައިސާ ނުދައްކާތާ ތިން މަސް ދުވަސްވެފައިވާއިރު، އެ މައްސަލައިގައި އެއްވެސް ޖަވާބެއް ދޭން އެ ކުންފުނިން ދެކޮޅު ހަދައިފިއެވެ.
މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަފްރާހް އިސްމާއިލް ކިޔާ މީހަކު ވަނީ ސަރުކާރު ކުންފުނިތަކުން އެންމެ ފަހުން ޕެންޝަނަށް ފައިސާ ދެއްކި ތާރީޚުތަކާއި ދެއްކި ފައިސާގެ އަދަދު ހިއްސާކުރަން އެދިފައެވެ. އެ މައުލޫމާތު ހާމަކުރުމުން ސަރުކާރުގެ ތިން ކުންފުންޏަކުން ގަވާއިދުން ޕެންޝަނަށް ފައިސާ ނުދައްކާކަން ވަނީ އެނގިފައެވެ.
އޭގެ ތެރޭގައި ބީސީސީ ހިމެނޭއިރު، އެ ކޯޕަރޭޝަނުން އެންމެ ފަހުން ފައިސާ ޖަމާކުރީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހެވެ. އެ ފަހުން ޕެންޝަނަށް ބީސީސީން ފައިސާ ދައްކާފައެއް ނުވެއެވެ.

ބީސީސީގެ އެމްޑީ އިބްރާހިމް ޒިޔާއު -- ފޮޓޯ: ބީސީސީ
މި ކަމާ ގުޅިގެން ބީސީސީގެ ބަހެއް ހޯދަން އިއްޔެއިން ފެށިގެން މަސައްކަތްކުރި ނަމަވެސް މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވެއެވެ. އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒިޔާއުގެ ބަހެއް ހޯދަން މެސެޖުކޮށް، ފޯނަށް ގުޅި ނަމަވެސް ޖަވާބެއް ދީފައެއް ނުވެއެވެ.
އެހެންވެ، ބީސީސީން ޕެންޝަނަށް ފައިސަ ޖަމާ ނުކުރަނީ ކީއްވެ ކަމެއް ސާފުވެފައެއް ނުވެއެވެ.
ބީސީސީގެ އިތުރަށް، ވޭސްޓް މެނޭޖުމަންޓު ކޯޕަރޭޝަން (ވެމްކޯ)އިން ވެސް ޕެންޝަނަށް ފައިސާ ނުދައްކާތާ އެތައް މަހެއް ވެއްޖެއެވެ. މި ގޮތުން، ވެމްކޯއިން އެންމެ ފަހުން ޕެންޝަނަށް ފައިސާ ދެއްކީ އޮކްޓޫބަރު 2024 ގައެވެ. އޭގެ ފަހުން މިދިޔަ 14 މަހު އެ ކުންފުނިން ޕެންޝަނަށް ފައިސާ ދައްކާފައެއް ނުވެއެވެ.
'ސަން'އިން ސުވާލުކުރުމުން އިއްޔެ އެ ކުންފުނިން ބުނީ، ޕެންޝަނަށްވާ ފައިސާ މުވައްޒަފުންގެ މުސާރައިން އުނިކުރި ނަމަވެސް، އެ ފައިސާ ފަންޑަށް ޖަމާނުވަނީ، އެ ކުންފުނީގެ އިންވޮއިސްތަކަށް ލިބެން ޖެހޭ ފައިސާތައް ނުލިބޭތީ މާލީ ގޮތުން ދަތިވުމުން ކަމަށެވެ.
އަދި، ޑިސެންބަރު މަހު ވެސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ން 1.1 މިލިއަން ރުފިޔާ ޕެންޝަން ފަންޑަށް ޖަމާކުރި ކަމަށް ޝީޓުން ދައްކައެވެ. އެކަމަކު، އެ ކުންފުނިން ޕެންޝަން ފަންޑަށް ޖަމާކުރަންޖެހޭ ފައިސާތަކެއް ޖަމާނުކޮށް ހުރުމުން، އެ ކުންފުންޏާ މުއާމަލާތްކުރަމުން އަންނަ ކަމަށް ޕެންޝަން އޮފީހުން ހާމަކުރި މައުލޫމާތުގައިވެއެވެ.
ފާހަގަކުރެވޭ ގޮތުގައި، ޕެންޝަނަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގެކެވެ. ޕެންޝަން ފައިސާގެ އެއް ބަޔަކީ މުވައްޒަފުންގެ މުސާރައިން ކަނޑާ އަދަދެކެވެ. އަނެއް ބައި ދައްކާނީ ވަޒީފާ ދިން ފަރާތުންނެވެ. އެ ފައިސާ ޕެންޝަން ފަންޑަށް ޖަމާކުރާނީ ވަޒީފާ ދިން ފަރާތުންނެވެ.
ޕެންޝަން ތައާރަފުކުރީ މުވައްޒަފުން ޚިދުމަތްކުރުމަށް ފަހު، ރިޓަޔާކުރުމުން އާމްދަނީއެއް ލިބޭނެ މަގުފަހިކުރާށެވެ. އެ ގޮތުން ވަޒީފާ ދޭ ފަރާތުން ހަތް އިންސައްތައާއި މުވައްޒަފުގެ މުސާރައިން ހަތް އިންސައްތައާ އެކު ޖުމުލަ 14 އިންސައްތަ ޕެންޝަން ފަންޑަށް ޖަމާކުރަން ޖެހޭނެއެވެ.
އެހެންވެ، ރިޓަޔާވުމުން ލިބޭ ފައިސާގެ އަދަދު ބިނާވާނީ ޕެންޝަން ލިބޭ އުމުރު ހަމަވާއިރު އެ މީހެއްގެ ރިޓަޔާމަންޓް ސޭވިންސްގެ ގޮތުގައި ޖަމާވެފައި ހުރި އަދަދެއްގެ މައްޗަށެވެ.