ސަރުކާރު ކުންފުނި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ހިމެނޭހެން ތިން ކުންފުންޏަކުން މުވައްޒަފުންގެ ޕެންޝަން ފައިސާ ނުދައްކާތާ ގިނަ ދުވަސްވެފައިވާ ކަމަށް ޕެންޝަން އޮފީހުން ހާމަކުރި މައުލޫމާތުން އެނގިއްޖެއެވެ.
ޕެންޝަނަކީ ގާނޫނުއަސާސީން ކޮންމެ މުވައްޒަފަކަށް ވެސް ކަށަވަރުކޮށްދޭ އަސާސީ ހައްގެކެވެ.
މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަފްރާހް އިސްމާއިލް ކިޔާ މީހަކު ވަނީ ސަރުކާރު ކުންފުނިތަކުން އެންމެ ފަހުން ޕެންޝަނަށް ފައިސާ ދެއްކި ތާރީޚުތަކާއި ދެއްކި ފައިސާގެ އަދަދު ހިއްސާކުރަން އެދިފައެވެ. އެ މައުލޫމާތު ހާމަކުރުމުން ސަރުކާރުގެ ދެ ކުންފުންޏަކުން ގަވާއިދުން ޕެންޝަނަށް ފައިސާ ނުދައްކާކަން ވަނީ އެނގިފައެވެ.
އެ ގޮތުން، ކުނި ނެގުމުގެ ކަންކަން ކުރަން އުފައްދާފައި އޮތް ވެމްކޯއިން އެންމެ ފަހުން ޕެންޝަނަށް ފައިސާ ދެއްކީ އޮކްޓޫބަރު 2024 ގައެވެ. އޭގެ ފަހުން ފާއިތުވި 14 މަސް ދުވަހު އެ ކުންފުނިން އެއްވެސް ވަރަކަށް ޕެންޝަނަށް ފައިސާ ދައްކާފައެއް ނުވެއެވެ.
އަދި، ޑިސެންބަރު މަހު ވެސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ން 1.1 މިލިއަން ރުފިޔާ ޕެންޝަން ފަންޑަށް ޖަމާކުރި ކަމަށް ޝީޓުން ދައްކައެވެ. އެކަމަކު، އެ ކުންފުނިން ޕެންޝަން ފަންޑަށް ޖަމާކުރަންޖެހޭ ފައިސާތަކެއް ޖަމާނުކޮށް ހުރުމުން، އެ ކުންފުންޏާ މުއާމަލާތްކުރަމުން އަންނަ ކަމަށް ޕެންޝަން އޮފީހުން ހާމަކުރި މައުލޫމާތުގައިވެއެވެ.

ބީސީސީގެ އެމްޑީ އިބްރާހިމް ޒިޔާއު: އެ ކުންފުނިން ޕެންޝަނަށް ފައިސާ ޖަމާ ނުކުރާތާ ތިން މަސް ވެއްޖެ -- ފޮޓޯ/ ބީސީސީ
މީގެ އިތުރުން، ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)ން ވެސް މުވައްޒަފުންގެ ޕެންޝަން ފައިސާ ނުދައްކާތާ ތިން މަސް ދުވަސް ވެއްޖެއެވެ. އެ ކުންފުނިން އެންމެ ފަހުން ޕެންޝަން ފަންޑަށް ފައިސާ ޖަމާކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހެވެ. އޭގެ ފަހުން އެ ފަންޑަށް ފައިސާ ޖަމާކޮށްފައެއް ނުވެއެވެ.
ޕެންޝަން ފައިސާގެ އެއްބަޔަކީ މުވައްޒަފުންގެ މުސާރައިން ކަނޑާ އަދަދެކެވެ. އަނެއް ބައި ދައްކާނީ ވަޒީފާ ދިން ފަރާތުންނެވެ. އެ ފައިސާ ޕެންޝަން ފަންޑަށް ޖަމާކުރާނީ ވަޒީފާ ދިން ފަރާތުންނެވެ.
ޕެންޝަން ތައާރަފުކުރީ މުވައްޒަފުން ޚިދުމަތްކުރުމަށް ފަހު، ރިޓަޔާކުރުމުން އާމްދަނީއެއް ލިބޭނެ މަގުފަހިކުރާށެވެ. އެ ގޮތުން ވަޒީފާ ދޭ ފަރާތުން ހަތް އިންސައްތައާއި މުވައްޒަފުގެ މުސާރައިން ހަތް އިންސައްތައާ އެކު ޖުމުލަ 14 އިންސައްތަ ޕެންޝަން ފަންޑަށް ޖަމާކުރަން ޖެހޭނެއެވެ. އެހެންވެ، ރިޓަޔާވުމުން ލިބޭ ފައިސާގެ އަދަދު ބިނާވާނީ ޕެންޝަން ލިބޭ އުމުރު ހަމަވާއިރު އެ މީހެއްގެ ރިޓަޔާމަންޓް ސޭވިންސްގެ ގޮތުގައި ޖަމާވެފައި ހުރި އަދަދެއްގެ މައްޗަށެވެ.