ސަރުކާރުގެ އިދާރާތާކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ހިންގި ދިވެހިބަހާއި ތާރީޚުގެ ކުރު މުއްދަތުގެ ކޯސް ނިންމާލައިފިއެވެ.
މިދިޔަ އާދިއްތަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ކޯހަކީ 10ގަޑިއިރުގެ ކޯހެކެވެ.
ދިވެހި ބަހުގެ އެކެޑަމީން މި ކޯހަށް އިއުލާނު ކޮށްފައި ވަނީ ކޮންމެ އިދާރާއަކުން ތިން ބައިވެރިންނަށް ބައިވެރިވެވޭ ގޮތަށް ޖުމްލަ 100 ފަރާތަކަށް ފުރުސަތު ދޭ ގޮތަށެވެ. ނަމަވެސް ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުން މި ކޯހަށް ޝައުގުވެރިކަން ފާޅުކޮށް ބޮޑު ތަރުހީބެއް ލިބިފައިވާތީ ކޯހުގައި ބައިވެރިވާން އެދުނު ހުރިހައި ފަރާތްތަކަށް އެކަޑމީއިން ވަނީ ފުރުސަތު ފަހިކޮށްދީފައެވެ.
އެކެޑަމީން ބުނީ މި ކޯހުގެ މަގުސަދަކީ ދިވެހިބަހުގެ ހަމަތަކާއި ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ލިޔެކިޔުންތައް ބެހެއްޓުމާއި، އަދަބު އިޙުތިރާމާއެކު މުއާމަލާތުކުރާނެ ގޮތްތައް މުވައްޒަފުންނަށް އޮޅުންފިލުވައިދިނުމާއި ދިވެހިރާއްޖޭގެ ތާރީޚުގެ މުހިންމު ކަންކަމުގެ މައުލޫމާތު ބައިވެރީންނަށް ދިނުން ކަމަށެވެ.
އެ ކޯސް ބޭއްވީ އާންމުކޮށް އިޢުލާންކޮށްގެން މުޅި ރާއްޖެއަށް ހުޅުވައިލައިގެން، އޮންލައިންކޮށާއި ކުލާހަށް ހާޒިރުވެގެން ކިޔެވޭ ގޮތަށެވެ. އެގޮތުން ކުލާހަށް ހާޒިރުވެގެން 20 ބައިވެރިޔަކު، އަދި އޮންލައިންކޮށް 322 ފަރާތަކުން ބައިވެރިވެ ސެޓްފިކެޓް ހާސިލުކޮށްފައިވާ ކަމަށް އެކެޑަމީން ބުންޏެވެ.
އެކެޑަމީން ބުނީ މި ކޯހުގެ ކްލާސްތައް ކުރިއަށް ގެންދިޔައީ ފަސް ދަންފަޅިއަކަށް ބަހައިލައިގެން ކަމަށެވެ. އަދި ކިޔަވައިދިން ބައިތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ތާރީޚުގެ މުހިންމު ކަންކަމާއި، ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދާއި ސުކުނާއި ފިލިތަކާއި ދިވެހިބަހުގެ ދަރަޖަތައް ބޭނުންކުރާ ގޮތްތަކާއި ސާފު ރީތި ބަހުން އިބާރާތްކުރާނެ ގޮތްތައް ހިމެނޭ ކަމަށް އެކެޑަމީން ބުންޏެވެ.
މި ކޯހުގައި ބައިވެރީންނަށް ކިޔަވައިދެއްވީ ގައުމީ ޔުނިވާސިޓީގެ ލެކްޗަރާ މުޙައްމަދު ދީދީއާއި ގައުމީ އަރުޝީފުގެ ޑިރެކްޓަރު ޖެނެރަލް މުޙައްމަދު އާމިރު (ފަރެސް އާމިރު) އާއި ގައުމީ ޔުނިވާސިޓީގެ ލެކްޗަރާ ޢަބްދުﷲ ޖަމީލާއި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ މުޝީރު މުޙައްމަދު ޝާހިދު ހަލީމާއި ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމެވެ.