ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު/އެކްޓަރު ފަރުހާން އަޚްތަރު އެކްޓަރެއްގެ ގޮތުގައި ފެންނާނެ އަސްކަރީ ފިލްމު "120 ބަހާދުރު" ރިލީޒްކުރުން އަންނަ އަހަރަށް ތާވަލުކޮށްފިއެވެ.
ފިލްމުގައި ފަރުހާން ފެންނާނެ ގޮތުގެ 'ފަސްޓް ލުކް'އާ އެކު ފިލްމުގެ ފުރަތަމަ ޕޯސްޓަރު މިހާރު ވަނީ އާއްމުކޮށްފައެވެ. މި ފިލްމަކީ އިންޑިއާއާއި ޗައިނާއާ ދެމެދު 1962 ވަނަ އަހަރު ކުރި ރެޒާންގްލާ ހަނގުރާމައަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.
މި ހަނގުރާމަ ހިނގިތީ 62 އަހަރު ފުރުމާ ދިމާކޮށް އުފައްދާ މި ފިލްމަކީ އެ ހަނގުރާމައިގައި ޗައިނާގެ 3،000 އަސްކަރީ އޮފިސަރުންނާ ކުރިމަތިލުމުގެ ގަދަ ހިތްވަރު ނެރުނު 120 އަސްކަރީ އޮފިސަރުންނަށް ފަރުހާން ދޭ ޓްރިބިއުޓެއް ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.
މި ފިލްމުގައި ފަރުހާން ފެންނާނީ ރެޒަންގްލާ ހަނގުރާމައިގައި އިސްކޮށް އުޅުނު މޭޖާ ޝައިތާން ސިންގްގެ ރޯލެވެ. މި ފިލްމާ ގުޅޭގޮތުން ކުރި އިންސްޓަގްރާމް ޕޯސްޓުގައި ފަރުހާން ބުނީ، 1962 ވަނަ އަހަރުގެ މި ހަނގުރާމައަށް 62 އަހަރު ފުރޭއިރު މިނިވަންކަމަކީ ކިހާ އަގުހުރި އެއްޗެއްކަން މި ހަނގުރާމައިގެ ވާހަކަތަކުން ވަރަށް ރަނގަޅަށް ދޭހަވާ ކަމަށެވެ.
އަމިއްލަ ޤައުމުގެ ރައްޔިތުން ބައެއްގެ އަޅުވެތިކަމުން ސަލާމަތް ކުރުމަށް މަސައްކަތްކުރި އޮފިސަރުންނަށް ސެލިއުޓްކުރާ ކަމަށާއި ޤައުމުގެ ދިފާއުގައި ހަނގުރާމައަށް ނުކުތް އޮފިސަރުންގެ އަގު އަބަދު ވެސް ހިފަހައްޓާނެ ކަމަށް ފަރުހާން ވަނީ ބުނެފައެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ފަރުހާން އެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރަން ފެށި މި ފިލްމު އަންނަ އަހަރު ރިލީޒްކުރާނެ ވަކި ތާރީޚެއް މިހާތަނަށް އިއުލާނުކޮށްފައެއް ނުވެއެވެ. ފަރުހާން އެކްޓަރެއްގެ ގޮތުގައި ފިލްމެއްގެ މަސައްކަތް ފަށާފައިވާއިރު އޭނާ ވަނީ ދެ ފިލްމެއް ޑައިރެކްޓްކުރާނެކަން އިއުލާނުކޮށްފައެވެ.
އޭގެ ތެރޭގައި މަސައްކަތް ނުފެށި އޮތް ފިލްމު "ޖީ ލޭ ޒަރާ" އަދި ކޮންމެވެސް ވަރަކަށް މަސައްކަތް ފެށުމުގެ ކުލަވަރު ފެނުނު ފިލްމު "ޑޮން 3" ހިމެނެއެވެ.