ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ "ބޮޓުން" ކަމަށް ދޭހަވާ އިބާރާތަކުން މެންބަރުންނާ މުޚާތަބު ނުކުރެއްވުމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު އެދިވަޑައިގެންފިއެވެ.
އެ މަނިކުފާނު އެފަދައިން އެދިވަޑައިގަތީ، އިޒްރޭލް ޕާސްޕޯޓު މަނާކުރުން އަވަސްކުރުމަށް ގޮވާލައި ހުށަހަޅާފައިވާ ގަރާރަށް މިއަދު ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް ދެއްކެވި ވާހަކައަށް ރައްދު ދެއްވައެވެ.
މީކާއިލް ތުހުމަތުކުރެއްވި ގޮތުގައި ޕީއެންސީ މެންބަރުންނަށް އަންގާފައިވަނީ އިޒްރޭލު ޕާސްޕޯޓު މަނާކުރާ ބިލަށް ބަހުސްނުކުރުމަށެވެ. އަދި, ސަރުކާރަށް ނިސްބަތްވާ މެންބަރުން އަމަލުކުރައްވަނީ "ސިޔާސީ ޕާޓީއެއްގެ ބޮޓުންނަށް" ވެގެން ކަމަށް ވިދާޅުވިއެވެ.
"ދިވެހި ރައްޔިތުންނަކީ މޮޔައިން ކަމަށް ދެކިގެން އަމަލުކޮށްގެން ނުވާނެ. ކޮން ބޭނުމެއްގައިތޯ؟ ސިޔާސީ ގޮތުން މެންބަރުން ކޮންޓްރޯލްކުރެއްވުމުގެ ބޭނުމުގައި މި ރައްޔިތުންގެ މަޖިލިސް އޮޕަރޭޓްކުރެވިގެންދާ މަންޒަރު އަޅުގަނޑުމެންނަށް މި ފެނިގެންދަނީ. މިއީތޯ ސިޔާސީ ޕާޓީއެއްގެ ޕަޕެޓުންނަށް ވެގެން ބޮޓުންނަށް ވެގެން މިތާ އުޅުއްވަންތޯ މިއަދު ރައްޔިތުންގެ މަންދޫބުން އެދިލައްވަނީ؟،" މީކާއިލް ވިދާޅުވިއެވެ.
އެއާއެކު ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެދިވަޑައިގަތީ "ބޮޓުން"ގެ ނަމުން މެންބަރުންނަށް މުޚާތަބުނުކުރެއްވުމަށެވެ. އެއީ, މަޖިލީހުގެ މެންބަރުންގެ އިއްޒަތާއި ކަރާމާތަށް އެރުން ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
"މަޖިލީހުގެ މެންބަރުންނަކީ ބޮޓުން ކަމަށް ދޭހަވާ އިބާރާތުން ވާހަކަދެއްކުމަކީ މެންބަރުންގެ ގަދަރާއި އިއްޒަތަށް އުނިކަން އަންނާނެ ކަމެއް ކަމުގައި ދަންނަވަން،" އަބްދުއްރަހީމް ވިދާޅުވިއެވެ.
ޖޫން މަހުގެ 10ވަނަ ދުވަހު މަޖިލީހަށް ބަލައިގަތުމަށް ފާސްކޮށް، 241 ކޮމިޓީއަށް ފޮނުވި ބިލުގެ މަސައްކަތް ކޮމިޓީގައި އޮންނަތާ ފަސް މަސްވެގެން ދިޔައިރު، އިދިކޮޅު އެމްޑީޕީން އަންނަނީ އެ ކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މި މަހުގެ 12 ވަނަ ދުވަހު 241 ކޮމިޓީއަށް އެ މައްސަލަ އެޖެންޑާކުރިއެވެ. ނަމަވެސް، އެ ދުވަހު ކޮމިޓީން ނިންމީ އަންނަ އަހަރުގެ ފެބްރުއަރީ މަހާ ހަމައަށް އެ މަސައްކަތް ދަންމާލަންށެވެ.