މި ސަރުކާރަށް އަހަރެއް ފުރުނުއިރު، ރައްޔިތުން ތިބީ ސަރުކާރާ ދޭތެރޭގައި މާޔޫސްވެފައި ކަމަށް ޕީއެންސީއަށް ނިސްބަވްތެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ނަސީރު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި 2025ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓަށް ބަހުސް ކުރައްވަމުން ނަސީރު ވިދާޅުވި ގޮތުގައި މިދިޔަ އަހަރުގެ ތެރޭގައި ރައްޔިތުންނާ ގުޅުންހުރި މަޝްރޫއުތައް ކުރިއަށް ގޮސްފައިނުވާތީ ރައްޔިތުން ތިބީ އެކަމާ މާޔޫސްވެ ކަންބޮޑުވުމެއްގެ ތެރޭގައެވެ.
އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުގެ ފުރަތަމަ އަހަރުދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތެއް ރައްޔިތުންނަކަށް ނޭނގެއެވެ. އެހެން ކަމުން ޓީވީއާއި ރޭޑިއޯ މެދިވެރިކޮށް، ސަރުކާރުން އަހަރުދުވަހު ކުރި މަސައްކަތް ރައްޔިތުންނަށް ކިޔައިދީ، އޮޅުފިލުވައިދޭންޖެހޭ ކަމަށް އޭނާ ނަސީރު ވިދާޅުވިއެވެ. ނަސީރު ވިދާޅުވީ ސަރުކާރުން އެ ވާހަކަތައް ދެއްކި ނަމަވެސް، އަދި ރައްޔިތުންނަށް އެ ކަން އޮޅުން ނުފިލާ ކަމަށެވެ.
"އަޅުގަނޑުމެން އެބަޖެހޭ ހަމަ އެކަނި ޓީވީއާ ރޭޑިއޯގެ އިތުރުން ރައްޔިތުންނާ ހިސާބަށް އަޅުގަނޑުމެން މި ކުރި މަސައްކަތްތައް ކިޔައިދޭން. އުންމީދުތަކެއްގެ އަލީގައި މި ސަރުކާރު ގެނައި ގިނަ އަދަދެއްގެ ރައްޔިތުން ތިބީ މާޔޫސްކަން މަތީގައި. އެއް އަހަރުވެގެންދިޔަ ގިނަ އަދަދެއްގެ ދާއިރާތަކުގެ ރައްޔިތުންގެ އިހުސާސްތައް ހުރީ މާޔޫސްވެ ކަންބޮޑުވުމެއްގެ ތެރޭގައި އިއްޒަތްތެރި ރައީސް" ނަސީރު ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ މިދިޔަ ސަރުކާރުގެ ވައްކަންތައް ވެސް ހުރިހާ ރައްޔިތުންނަށް އޮޅުންފިލުވައިދޭންޖެހޭ ކަމަށެވެ. ދައުވާކޮށްގެން ރުފިޔާތަކެއް ހޯދާނެ ކަމެއް ނެތްކަން ފާހަގަކުރައްވައި އޭނާ ވަނީ، ދައުލަތަށް ގެއްލިގެންދިޔަ ވަގުތުތައް އަނބުރައި ހޯދާނީ ކިހިނެއްތޯ ސުވާލު އުފައްދަވައިފައެވެ. މި ކަމާ ދޭތެރޭގައި ވިސްނައި، މި ނޫން އެހެން ގޮތަކަށް ކަންކަން ކުރިއަށް ގެންދިއުމަށް އޭނާ ގޮވައިލެއްވިއެވެ.
"ދައުވާކޮށްގެން ރުފިޔާތަކެއް ނޫން ހޯދަން މި ޖެހެނީ އިއްޒަތްތެރި ރައީސް. އެ ރުފިޔާތައް ހޯދުމުގެ ބަދަލުގައި މި ގެއްލުނު ވަގުތު ކިހިނެއްތޯ އަޅުގަނޑުމެން ހޯދާނީ. ފަސް އަހަރު ދައުލަތެއް ދަރުވާލާފައި އެ ވަގުތު ހޯދުމަށް ޓަކައި އަޅުގަނޑުމެން ކިހިނެއްތޯ އަލުން އަނބުރާ އެ ވަގުތުތައް ހޯދާނީ" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ރަށްތަކަށް ދަތުރުކޮށް، ރައްޔިތުންގެ ވިންދާ އެއްގޮތަށް ގައުމު ހިންގަން މަސައްކަތް ކުރާކަން ރައްޔިތުންނަށް ބުނެދޭން ޖެހެއެވެ.
މި ސަރުކާރަށް އަހަރެއް ފުރުނުއިރު، ތަރައްގީގެ އެއްވެސް މަޝްރޫއެއް ނުހިނގާކަމަށް ބުނެ، އިދިކޮޅު ޕާޓީތަކުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ސަރުކާރުން ބުނާ ގޮތުގައި މިދިޔަ ސަރުކާރުން ޒިންމާދާރު ކަމެއްނެތި ދަރަނި ނަގައި، ފައިސާ ޗާޕުކޮށްގެން ރިކަރަންޓު ޚަރަދު ކުރުމުގެ ނަތީޖާއަކީ ދައުރު ނިމުނުއިރު، ދައުލަތުގެ ދަރަނި 123 ބިލިއަނަށް ރުފިޔާއަށް އިތުރުވުމެވެ.
ދައުލަތުގެ ބަޖެޓަށް ނުކަތާ ވަރަށް ޚަރަދު ކުރުމަށްޓަކައި، ފައިސާ ހޯދާނެ ގޮތަކަށް ބެލުމެއް ނެތި، މިދިޔަ ސަރުކާރުން 39 ބިލިއަން ރުފިޔާއަށްވުރެ ގިނަ މަޝްރޫއު ފެށުމުގެ ނަތީޖާއަކަށްވީ ރިޔާސީ އިންތިޚާބަށް ފަހު އެ މަޝްރޫއުތައް ހުއްޓައިލަން ޖެހުން ކަމަށް ސަރުކާރުން ބުނެއެވެ.
މި އަހަރަށް ފާސްކުރި 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓާ އެކު މި އަހަރުގެ ޖުމުލަ ބަޖެޓަކީ 55 ބިލިއަން ރުފިޔާއެވެ.
ދައުލަތުގެ ޚަރަދު ކުޑަކޮށް، އާމްދަނީ އިތުރުކުރުމަށް ޓަކައި ސަރުކާރުން އަންނަނީ ސިޔާސަތުތަކަށް ބަދަލު ގެނެސް، އެ ކަންކަން ތަންފީޒު ކުރަމުންނެވެ. އެ ގޮތުން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި 56.6 ބިލިއަން ރުފިޔާގެ ބަޖެޓުގައި ޚަރަދުކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ގިނަ ކަންތައްތަކެއް ވަނީ ހިމަނައިފައެވެ. ޚާއްސަ ގޮތެއްގައި ސަބްސިޑީތަކާއި، ދައުލަތުގެ ވެލްފެއާ ނިޒާމު ހަރުދަނާކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަން ވަނީ ނިންމައިފައެވެ.
މި ބަޖެޓު ވެގެންދާނީ ބޯހިޔާވަހިކަމުގެ ރަންޒަމާނަކަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިންވަނީ ސިފަކުރައްވައިފައެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް 12.4 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. ފިނޭންސް މިނިސްޓްރީން ބުނީ މިއީ އާ މަޝްރޫއުތަކަށް އެންމެ ބޮޑު އަދަދެއް ބަޖެޓުކުރެވޭ އަހަރަށްވާނެ ކަމަށެވެ.
އަންނަ އަހަރުގެ ބަޖެޓާ ގުޅިގެން މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީއަށް ވަނީ އެމްއެމްއޭގެ ގަވަނަރުނަރު އަހުމަދު މުނައްވަރު ހާޒިރުކޮށްގެން ވެސް މައުލޫމާތު އޮޅުންފިލުވައިފައެވެ. މުނައްވަރު އެދިވަޑައިގަތީ ބޭރުގެ ފައިނޭންސިންގެ ގޮތުގައި ހޯދަންޖެހޭ ފައިސާ ހޯދުމަށް ފަހު ނޫނީ މަޝްރޫއުތައް ނުފެށުމަށެވެ.