އެޕަލް އިން އިންޑޮނޭޝިއާއަށް 100 މިލިއަން ޑޮލަރު ހުށަހަޅައިފި

އިންޑޮނޭޝިއާއިން ގޫގުލްއަށްވެސް ވަނީ ފިޔަވަޅު އަޅާފައި ---

އެޕަލް އިން އިންޑޮނޭޝިއާގައި އައިފޯން 16 ވިއްކުން މަނާކުރުމަށް އެގައުމުން ނެރެފައިވާ އަމުރު ނިމުމަކަށް ގެނައުމަށް 100 މިލިއަން ޑޮލަރު ހުށަހަޅައިފިއެވެ.

ބްލޫމްބާގް ނިއުސްގެ ރިޕޯޓުތަކުން ހާމަވާ ގޮތުގައި، އެޕަލް އިން އިންޑޮނޭޝިއާގައި އިންވެސްޓްކުރުމަށް ކުރިން ހުށަހެޅި އަދަދު 10 ގުނައަށްވުރެ އިތުރުކޮށްފައިވާއިރު، މިއީ އެ ގައުމުގައި އައިފޯން 16 ވިއްކުން ހުއްޓުވުމަށް ނެރެފައިވާ އަމުރު ނިމުމަކަށް ގެނައުމަށް އެ ކުންފުނިން އަޅާ އެންމެ ފަހުގެ ފިޔަވަޅެވެ.

މި މައްސަލައާ ގުޅޭގޮތުން މަޢުލޫމާތު ހާމަކުރި ފަރާތްތަކުން ބުނާ ގޮތުގައި، ދުނިޔޭގެ އެންމެ ބޮޑު އެއް ޓެކްނޮލޮޖީ ކުންފުނި އެޕަލް އިން މިހާރު ހުށަހަޅާފައިވަނީ ދެ އަހަރުގެ ތެރޭގައި ދެކުނު އޭޝިއާގެ އެންމެ ބޮޑު އިޤްތިޞާދުގައި ގާތްގަނޑަކަށް 100 މިލިއަން ޑޮލަރު އިންވެސްޓްކުރުމަށެވެ. މީގެ ކުރިން އެކުންފުނިން ހުށަހަޅާފައިވަނީ ޖަކާޓާގެ ދެކުނު އިރުމަތީގައި އޮންނަ ބަންޑުންގ ސިޓީގައި އެކްސެސަރީސްތަކާއި ބައިތައް އުފައްދާ ފެކްޓަރީއެއްގައި 10 މިލިއަން ޑޮލަރު އިންވެސްޓްކުރުމަށެވެ.

އިންޑޮނޭޝިއާގެ އިންޑަސްޓްރީ މިނިސްޓްރީން ވަނީ ފާއިތުވި މަހު އައިފޯން 16 ވިއްކުމުގެ ހުއްދަ ބްލޮކްކޮށްފައެވެ. އަދި މިހާރު އެ މިނިސްޓްރީން ވަނީ އެޕަލް އިން އެ ގައުމުގައި ސްމާޓްފޯނުތަކުގެ ރިސަރޗް އެންޑް ޑިވެލޮޕްމަންޓަށް އިތުރު އަހައްމިއްޔަތުކަމެއް ދިނުމަށް ގޮވާލާފައެވެ.

އިންޑޮނޭޝިއާގެ ސަރުކާރުން ބުނާ ގޮތުގައި، އެޕަލް އިން މިހާތަނަށް އެ ގައުމުގައި ޑިވެލޮޕަރ އެކަޑަމީތައް މެދުވެރިކޮށް އިންވެސްޓްކޮށްފައިވަނީ 1.5 ޓްރިލިއަން އިންޑޮނޭޝިއާ ރުޕިއާ (95 މިލިއަން ޑޮލަރު) އެވެ. މިއީ އެ ކުންފުނިން ކުރިން ވެފައިވާ 1.7 ޓްރިލިއަން ރުޕިއާގެ ވަޢުދަށްވުރެ ކުޑަ އަދަދެކެވެ.

އިންޑޮނޭޝިއާއިން މި ފިޔަވަޅު އަޅާފައިވަނީ ގޫގުލްގެ ޕިކްސެލް ފޯނުތައް ވެސް ވިއްކުން މަނާކުރުމާއެކުގައެވެ. މިއީ އެ ގައުމުގެ އާ ރައީސް ޕްރަބޯވޯ ސުބިއަންޓޯގެ ސަރުކާރުން، ޑޮމެސްޓިކް އިންޑަސްޓްރީތައް ކުރިއެރުވުމަށް ބައިނަލްއަޤްވާމީ ކުންފުނިތަކަށް އަޅާ އެއް ފިޔަވަޅެވެ.

278 މިލިއަން މީހުން ދިރިއުޅޭ އިންޑޮނޭޝިއާގެ މާކެޓަށް ވަދެ، ޚާއްޞަކޮށް 44 އަހަރުން ދަށުގެ ޒުވާން އާބާދީއަށް ވާސިލުވުމަށް އެޕަލް އިން މަސައްކަތްކުރަމުންދާއިރު، މިފަދަ ހަރުކަށި ފިޔަވަޅުތަކުން އެހެން ކުންފުނިތައް އިންޑޮނޭޝިއާގައި ވިޔަފާރި ފުޅާކުރުމަށް ފަސްޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ފާހަގަކުރެވެއެވެ.

comment ކޮމެންޓް