ޔޫޓިއުބް ޝޯޓްސްއަށް އައު އޭއައި މޮޑެލެއް ތަޢާރަފުކޮށްފި

ޔޫޓިއުބުން އެ ޕްލެޓްފޯމުގެ ކޮންޓެންޓް ކްރިއޭޓަރުންނަށް އަމާޒުކޮށް އާ އޭއައި ފީޗަރެއް ތަޢާރަފުކޮށްފިއެވެ.

ގޫގުލްއިން ބުނީ އެކުންފުނީގެ ވިއޯ-2 އޭއައި މޮޑެލް ޑްރީމް ސްކްރީން ފީޗަރާއެކު މިހާރު ޔޫޓިއުބަށް އިންޓެގްރޭޓްކޮށްފައިވާ ކަމަށެވެ.

މި އާ ވީޑިއޯ ޖެނެރޭޝަން މޮޑެލްގެ ސަބަބުން ޔޫޒަރުންނަށް މުޅިން އަމިއްލައަށް އޭއައި މެދުވެރިކޮށް ވީޑިއޯ އުފެއްދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ކުރިން ޑްރީމް ސްކްރީން ފީޗާ މެދުވެރިކޮށް ލިބެންހުރީ ހަމައެކަނި ވީޑިއޯގެ ބެކްގްރައުންޑް އޭއައި މެދުވެރިކޮށް އުފެއްދުމުގެ ފުރުސަތެވެ.

އެހެންނަމަވެސް މިހާރު ތަޢާރަފުކޮށްފައިވާ އައު ފީޗާގެ ސަބަބުން ވީޑިއޯ މުޅިން އަލުން އުފެއްދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އެ ކުންފުނިން ބުނާގޮތުގައި މި ފީޗާގެ ބޭނުން ހިފޭނީ ނަގަން އުނދަގޫ ފުޓޭޖްތައް ހޯދުމަށާއި ހިޔާލީ މަންޒަރުތައް ވީޑިއޯއަށް ގެނައުމަށެވެ.

ވިއޯ-2 އަކީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ތަޢާރަފުކުރި، ކުރީގެ ވިއޯ މޮޑެލްގެ ފަހުގެ ވާޝަންއެވެ. މި އައު މޮޑެލް ވަނީ ވީޑިއޯގެ ޑީޓެއިލްސްތަކާއި ރިއަލިޒަމް އިތުރަށް ރަނގަޅުކޮށްފައެވެ. އަދި ސިނަމެޓޮގްރަފީގެ ގޮތުން ވެސް މި މޮޑެލްއަކީ ކުރީގެ މޮޑެލްއަށްވުރެ ކުރިއަރާފައިވާ އެއްޗެކެވެ.

ވީޑިއޯގެ ޖާންރަ، ލެންސްގެ ބާވަތްތައް، ސިނަމެޓިކް އިފެކްޓްތަކާއި ކެމެރާ މޫވްމަންޓް ފަދަ ކަންކަމަށް މި މޮޑެލް އަހުލުވެރިވެފައިވެއެވެ.

މި ވަގުތު މި ފީޗާ ލިބެން ހުންނާނީ އޮސްޓްރޭލިއާ، ކެނެޑާ، ނިއުޒިލޭންޑް އަދި އެމެރިކާގައި އެކަނި ނަމަވެސް ދުނިޔޭގެ އެހެން ހިސާބުތަކަށް ވެސް މި ފީޗާ މާ ދުރުނޫން މުސްތަޤްބަލެއްގައި ލިބޭނެކަމަށް އެ ކުންފުނިން ބުނެއެވެ.

ވީޑިއޯ އުފެއްދުމަށް ޝޯޓްސް ކެމެރާ ހުޅުވުމަށްފަހު "އެޑް" އަދި "ކްރިއޭޓް" ބަޓަން މެދުވެރިކޮށް ޕްރޮމްޕްޓް ލިޔެ، ސްޓައިލް އިޚްތިޔާރުކުރުމަށްފަހު ވީޑިއޯގެ ދިގުމިން ކަނޑައެޅިދާނެއެވެ.

ޑީޕްފޭކް ވީޑިއޯތަކުގެ ރިސްކް ކުޑަކުރުމަށްޓަކައި ހުރިހާ އޭއައި ވީޑިއޯއެއްގައިވެސް ސިންތުއައިޑީ ވޯޓާމާކް ޖަހާނެ ކަމަށް ޔޫޓިއުބުން ބުނެއެވެ.

މި ވޯޓާމާކްގެ ސަބަބުން އޭއައި މެދުވެރިކޮށް އުފައްދާފައިވާ ވީޑިއޯތައް ފަސޭހައިން ދެނެގަނެވޭނެއެވެ.

comment ކޮމެންޓް