ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނު އައްޑޫ ސިޓީ ހިތަދުއަށް 110 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު އޮފީސް) އިން މިއަދު ބުނެފިއެވެ.
މެޓު އޮފީހުން ބުނީ، ރާއްޖޭގެ ހުޅަނގު މޫސުން ނިމި، އިރުވައި މޫސުން ފެށޭ ދުވަސްވަރާ ދިމާކޮށް މި ސަރަހައްދުގައި އުފެދިފައިވާ ލޯ ލެވެލް ސާކިއުލޭޝަންއަކާ ދިމާކޮށް، ދޭތުވެދިޔަ 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހިފައިވާ ކަމަށެވެ.
އެގޮތުން، އެންމެ ގިނައިން ވާރޭ ވެހިގެން ރެކޯޑު ކޮށްފައި ވަނީ ހިތަދޫއަށް ކަމަށްވާއިރު، އެ އަތޮޅު ގަމަށް ވަނީ 106 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. އަދި، އއ. ތޮއްޑުއަށް 103 މިލިމީޓަރުގެ ވާރޭވެހުނުއިރު، އދ. މާމިލިގިއްޔަށް ވެހުނީ 95 މިލިމީޓަރުގެ ވާރެއެވެ.
މީގެ އިތުރުން، އެމްއެންޑީއެފުން ވަނީ އައްޑޫގެ ބައެއް ރަށްތަކުގައި ފެން ބޮޑުވެގެން ޕަންޕު ޖަހައިގެން ފެން ހިންދަން ވެސް ނުކުމެފައެވެ.
މެޓުން ވަނީ ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށްފައެވެ. އެހެންވެ، މޫސުމަށް ސަމާލުވާން އެ އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ.
ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް ލަފާކޮށް، މެޓުން ވަނީ ހެނދުނު 08:50 އިން މެންދުރު 13:00އަށް ބ އަތޮޅުން ފެށިގެން ވ އަތޮޅަށް ރީނދޫ ސަމާލު ވެސް ނެރެފައެވެ. އަދި، ހެނދުނު 10:00 އިން ފެށިގެން 13:30އާ ހަމައަށް ވ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ވަނީ ހުދު ސަމާލު ވެސް ނެރެފައެވެ.