އަމިއްލަ އިންޝުއަރެންސް އޮންނަ މީހުންނަށް އާސަންދަ ޚިދުމަތް ދިނުމުގައި ގެނައި ބަދަލާއެކު 500 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.
މި މަހުން ފެށިގެން ސިއްޙީ ޚިދުމަތް ދޭ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ޚިދުމަތް ހޯދާ ބަލިމީހުންނަށް އާސަންދަ ލިބޭނީ އަމިއްލަ އިންޝުއަރެންސް އޮންނަ މީހަކު ނަމަ އެ އިންޝުއަރެންސަކަށް ކެނޑުމަށް ފަހުއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ވާހަކަދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، އާސަންދައަށް އެފަދަ ބަދަލުތައް ގެނައީ އިސްރާފު ކުޑަކޮށް، އެންމެ ބޭނުންޖެހޭ ރައްޔިތުންނަށް އޭގެ ފައިދާ ލިބޭނެ ގޮތަކަށް ކަމަށެވެ.
މެންބަރުންގެ ވާހަކަތަކަށް އިޝާރާތްކުރައްވައި ޒަމީރު ވިދާޅުވީ އެ ބަދަލުތަކާއެކު އޮޅޭ ބައެއް ކަންތައްތައް އެބަހުރި ކަމަށެވެ. އެގޮތުން މިހާރު ބަލްކް ޕްރޮކިއުމަންޓާއި ސްކީމަށް ގެންނަން ނިންމާފައި ހުރި ބައެއް ކަހަލަ ބަދަލުތަކާއެކު އާންމު ރައްޔިތުންނަށް ލިބޭ ޚިދުމަތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ޒަމީރު ވިދާޅުވިއެވެ. އަދި އިތުރަށް އެއްޗެއް ދައްކަން ނުޖެހޭނެ ކަމަށް ވެސް ޒަމީރު ވިދާޅުވިއެވެ.
"އެކަމަކު އަޅުގަނޑުމެން ކުރިން މި ދެންނެވިހެން ލީކޭޖް ރަނގަޅުކޮށްގެން އަޅުގަނޑުމެންނަށް ގާތްގަނޑަކަށް 500 މިލިއަނާ ގާތަށް ސޭވް ކުރެވޭނެ ކަމަށް އަޅުގަނޑުމެންނަށް މިހާރު ވެސް އެބަ ދައްކާ. އެހެންވީމަ މިއީ ކުރެވޭނެ ކަމެއް،" ޒަމީރު ވިދާޅުވިއެވެ.
އަންނަ އަހަރަށް ދައުލަތުން ލަފާކޮށްފައިވާ ބަޖެޓުގެ ރިކަރެންޓު ޚަރަދުގެ 5.1 އިންސައްތަ ހިއްސާކުރަނީ އާސަންދައަށް ކުރާ ހޭދައެވެ.
އޭގައިވާ ގޮތުން އާސަންދައިގެ ޚިދުމަތް ބޭނުންކުރުމުގައި އެންމެ މުއްސަނދި ފަރާތްތަކަށް ބޭހާއި އައުޓްޕޭޝަންޓު ޚިދުމަތްތަކަށް ކޮންމެވެސް މިންވަރަކަށް ފައިސާ ދައްކަން ޖެހޭހެން ނުވަތަ އަމިއްލައަށް ޚަރަދުކުރަން ޖެހޭގޮތަށް ބަދަލުކުރަން ވަނީ ނިންމައިފައެވެ. އަދި އިންކަމް ޓެކްސް ދައްކާ ފަރާތްތަކުގެ އަތުން ޕްރީ ޕޭމަންޓެއް ނަގައި، އާސަންދަ ނިޒާމު ފައިނޭންސްކުރަން އެ ފަރާތްތައް ހިއްސާވާ ގޮތަށް ބަދަލުކުރަން ވަނީ ނިންމައިފައެވެ.
މީގެ އިތުރުން އާސަންދަ ސްކީމުން ޕްރައިވެޓް ހޮސްޕިޓަލްތަކާއި ފެސިލިޓީތަކުގައި ދޭ ޚިދުމަތްތަކަށް ޕެކޭޖް އަގުތައް ކަނޑައަޅައި ހާމަނައިޒްކުރާނެކަމަށް ވަނީ ލިޔެފައެވެ.