ދައުލަތުގެ ސިއްހީ ފަރުވާގެ އިންޝުއަރެންސް ސްކީމް، އާސަންދަ ނިޒާމު ރިފޯމް ކުރާ ވަރަށް ވުރެ ހާލަތު ގޯސް ކަމަށާއި އެ ސްކީމް ހުއްޓާލައި އާ ސްކީމެއް އަލުން ފަށަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައި އޮތް 56.6 ބިލިއަން ރުފިޔާގެ ބަޖެޓާ ގުޅޭގޮތުން ބަހުސްކުރައްވާ ނާޒިމް ވަނީ އާސަންދަ ސްކީމަށް ކުރަންޖެހޭ ޚަރަދުތައް ބޮޑުކަން ފާހަގަކުރައްވާފައެވެ. އެގޮތުން އާސަންދައިގެ ކަންތައްތައް މާލިއްޔަތު ކޮމިޓީން ބެލިބެލުމުގައި އާސަންދަ ވަނީ ރަނގަޅު ނުކުރެވޭ ވަރަށް ނުވަތަ ރިފޯމް ނުކުރެވޭ ވަރަށް ގޯސްވެފައި ކަމަށް ނާޒިމް ވިދާޅުވިއެވެ.
އަސްލު ކެންސަރު ޖެހިފައި ވަނީ އާސަންދައަށް. އެހެންވީމަ އަޅުގަނޑުމެން އެބަޖެހޭ އެހެން ވިސްނުމެއް ގެންގުޅެން. އަޅުގަނޑުމެން އެއާ މޯލްޑިވްސްއާ އެހެން ކުންފުނިތައް ވެސް ދޫކޮށްލި ފަދައިން އާސަންދަ ދޫކޮށްލާފައި އަލުން ބަލުން ފަށަންވީ ކަމާ ދޭތެރޭ ވަރަށް ފުންކޮށް ވިސްނަން އެބަޖެހޭ، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް
ނާޒިމް ވިދާޅުވީ އާސަންދައިން ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކާއެކު ހަދާފައި ހުރި ކޮންޓްރެކްޓްތަކުގެ މެދުވެރިއަކު ހުންނަކަން ޔަގީންކުރެވޭ ކަމަށެވެ. އޭގެ ސަބަބަކީ ޗާޖުކޮށްފައި ހުންނަ އަގުތަކަކީ ގަބޫލުކުރަން ދަތި ވަރަށް ބޮޑެތި އަގުތަކެއް ކަމަށް ނާޒިމް ވިދާޅުވިއެވެ. އެހެންކަމުން ބަޔަކަށް ބައި އެޅޭ ގޮތަށް ހަދާފައި ހުރި އެގްރިމަންޓެއްގެ މަތީގައި މި ސަރުކާރަކުން ދެމިތިބޭކަށް ނުޖެހޭ ކަމަށް ވިދާޅުވެ ނާޒިމް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އެ ސަބަބުތަކާ ހުރެ އާ ކުންފުންޏެއް ހަދާފަ ނަމަވެސް އެ އެގްރިމަންޓްތައް ބާތިލުކޮށް އާސަންދަ ހަމަމަގަށް އަޅުވަން ޖެހޭކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް އެފަދައިން ވާހަކަދެއްކެވިއިރު ދައުލަތަށް ބުރައަކަށް ވެފައިވާ އާސަންދަ ސްކީމް ރިފޯމް ކުރުމުގެ މަސައްކަތް މި ސަރުކާރުން މިހާރު ވަނީ ފަށާފައެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި ވެސް އާސަންދައަށް ކުރާ ޚަރަދު ކުޑަކުރުމަށް ވަނީ އިސްލާހުތަކެއް ހިމަނާފައެވެ.
2025ގެ ބަޖެޓުގައި އާސަންދަ އިސްލާހުކުރަން ހިމަނާފައިވާ ކަންކަން
އަންނަ އަހަރަށް ދައުލަތުން ލަފާކޮށްފައިވާ ބަޖެޓުގެ ރިކަރެންޓު ޚަރަދުގެ 5.1 އިންސައްތަ ހިއްސާކުރަނީ އާސަންދައަށް ކުރާ ހޭދައެވެ. އެއާއެކު ސަރުކާރުން އާސަންދަ ނިޒާމު އިސްލާހުކުރުމަށް ކަނޑައަޅައިފައިވާ ކަންކަން އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ފޮތުގެ ތަފްސީލުގައި ވަނީ ހިމަނާފައެވެ.
އޭގައިވާ ގޮތުން އާސަންދައިގެ ޚިދުމަތް ބޭނުންކުރުމުގައި އެންމެ މުއްސަނދި ފަރާތްތަކަށް ބޭހާއި އައުޓްޕޭޝަންޓު ޚިދުމަތްތަކަށް ކޮންމެވެސް މިންވަރަކަށް ފައިސާ ދައްކަން ޖެހޭހެން ނުވަތަ އަމިއްލައަށް ޚަރަދުކުރަން ޖެހޭގޮތަށް ބަދަލުކުރަން ވަނީ ނިންމައިފައެވެ.
އަދި އިންކަމް ޓެކްސް ދައްކާ ފަރާތްތަކުގެ އަތުން ޕްރީ ޕޭމަންޓެއް ނަގައި، އާސަންދަ ނިޒާމު ފައިނޭންސްކުރަން އެ ފަރާތްތައް ހިއްސާވާ ގޮތަށް ބަދަލުކުރަން ވަނީ ނިންމައިފައެވެ.
މި ނިންމުންތަކަކީ ދައުލަތުން އަންނަ އަހަރު އާސަންދައަށް ކުރާ ހޭދަ ކުޑަވާނެ ކަމަށް އަންދާޒާކުރި ސަބަބުތަކެކެވެ.
މީގެ އިތުރުން އާސަންދަ ސްކީމުން ޕްރައިވެޓް ހޮސްޕިޓަލްތަކާއި ފެސިލިޓީތަކުގައި ދޭ ޚިދުމަތްތަކަށް ޕެކޭޖް އަގުތައް ކަނޑައަޅައި ހާމަނައިޒްކުރާނެކަމަށް ވަނީ ލިޔެފައެވެ.
މި އަހަރަށް އާސަންދައަށް ބަޖެޓުކުރީ 1.9 ބިލިއަން ރުފިޔާއެވެ. ނަމަވެސް އެ ބަޖެޓު ވަނީ އަހަރު ނުނިމެނީސް ހުސްވެފައެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުނިން ކުރި ހޭދަ 838 މިލިއަން ރުފިޔާއަށް އަރައެވެ. އަދި ދެވަނަ ކުއާޓަރުގައި އާސަންދަ ސްކީމުގެ ދަށުން 823 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އަދި ތިންވަނަ ކުއާޓަރުގައި އާސަންދަ ސްކީމުގެ ދަށުން 903 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
އެއާއެކު އަހަރުގެ މިހާތަނަށް އާސަންދައިން 2.5 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވެއެވެ.