މީގެކުރިންވެސް ފިލްމީ ދާއިރާއާ ދުވަސްތަކެއް ވަންދެން ދުރުގައި ހުރި އިންޑިއާގެ މަޝްހޫރު އެކްޓަރު އާމިރު ޚާން ފިލްމީ ދާއިރާގައި ދެމިހުންނާނީ އެންމެ ގިނަވެގެން 10 އަހަރުވަންދެން ކަމަށް ބުނެފިއެވެ.
އާމިރު ދާދިފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ފިލްމީ ދާއިރާއިން ރިޓަޔަވުމުގެ ވިސްނުން ގެންގުޅޭ ކަމަށް ވަނީ ބުނެފައެވެ. އުމުރުން 59 އަހަރުގެ އެކްޓަރު ބުނީ ކޮވިޑް-19އިގެ ޕެންޑަމިކް ދުވަސްވަރު ފިލްމުތަކުން ރިޓަޔާ ވުމަށް ވިސްނި ކަމަށާއި ނަމަވެސް އެވިސްނުން ބަދަލުކުރަން ޖެހުނީ އާއިލާގެ މެމްބަރުންގެ އެދުމުގެ މަތިން ކަމަށެވެ.
ފާއިތުވި 35 ވަރަކަށް އަހަރުތެރޭ ވަރަށް ބުރަކޮށް މަސައްކަތް ކުރެވިއްޖެ ކަމަށާއި އާމިރު ދެން ފިލްމީ މަސައްކަތްތަކުގައި ހަރަކާތްތެރިވެ އުޅޭނީ އެންމެ ގިނަވެގެން 10 އަހަރު ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.
ފިލްމީ މަސައްކަތްތަކާ ދުރުވުމަށް ނިންމި ނިންމުން ބަދަލުކުރުމާ އެކު އެއްފަހަރާ ހަ ޕްރޮޖެކްޓެއްގެ މަސައްކަތް އާމިރު އަންނަނީ ކުރަމުންނެވެ. ފިލްމީ ދާއިރާގައި ހޭދަކުރަން ނިންމި ފަހު 10 އަހަރު އޭނާ ބޭނުންވަނީ ވަރަށް އުފެއްދުންތެރި، މާނަފުން ސިނަމާއަށް މުހިއްމު އުފެއްދުންތަކެއް ގެނެސްދިނުމަށް ކަމަށް އާމިރު ވަނީ ބުނެފައެވެ.
ހަމައެއާއެކު އުފެއްދުންތެރި ޑައިރެކްޓަރުންނާއި ލިޔުންތެރިން އިންޑަސްޓްރީއަށް ނެރެން ބޭނުންވާ ކަމަށްވެސް އާމިރު ވަނީ ބުނެފައެވެ.
އާމިރު ޚާން ފިލްމީ ދާއިރާއިން ރިޓަޔާވާން ނިންމި ނިންމުމާއެކު އޭނާއަށް ސަޕޯޓުކުރާ ގިނަ ބަޔަކު ބުނެފައި ވަނީ އާމިރާ ނުލާ ފިލްމު އިންޑަސްޓްރީ ފުރިހަމަނުވާނެ ކަމަށާއި އިންޑަސްޓްރީ ވަރަށް ފަޅުވާނެ ކަމަށެވެ.
މިސްޓަ ޕާފެކްޝަނިސްޓްގެ ނަމުން ގިނަ ބަޔަކު މުޚާތަބްކުރާ އާމިރުގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އަހަރު ގެނެސްދޭން ނިންމާފައިވާ ފިލްމު "ސިތާރޭ ޒަމީން ޕަރު"އެވެ. އާމިރު މުހިއްމު ރޯލަކުން ފެންނާނެ މި ފިލްމުގެ ޕްރޮޑިއުސަރަކީ ވެސް އޭނާއެވެ.