ބައެއް މީހުންނަށް ޤަބޫލުކުރަން ދަތިވިޔަސް އޭނާއަކީ އަދިވެސް ވަރަށް ރޮމޭންޓިކް މީހެއް ކަމަށް ބޮލީވުޑްގެ އެކްޓަރު އާމިރު ޚާން ބުނެފިއެވެ.
އާމިރު ޕްރޮޑިއުސްކުރާ ފިލްމު "ލަވްޔާޕާ"ގެ ޓްރެއިލާ ދައްކާލި އިވެންޓުގައި ނޫސްވެރިޔަކު ވަނީ އާމިރުގެ ނަޒަރުގައި ލޯތްބަކީ ކޮބައިތޯ އަހާފައެވެ.
މި ސުވާލުގެ ޖަވާބުގައި ޢުމުރުން 59 އަހަރުގެ އެކްޓަރު ބުނެފައިވަނީ ބައެއް މީހުންނަށް ހެއްވާ ކަމެއްގެ ގޮތުގައި ސިފަވިޔަސް އޭނާއަކީ ވަރަށް ރޮމޭންޓިކް މީހެއް ކަމަށެވެ. އެކަން ގަބޫލު ނުކުރެވޭނަމަ ކުރީގެ ދެ އަނބިން ކަމަށްވާ ރީނާ އަދި ކިރަން އެ ކަމަށް ހެކިވާނެ ކަމަށް އާމިރު ވަނީ ބުނެފައެވެ.
ހަގީގީ ލޯތްބަކީ އާމިރު ގަބޫލުކުރާ އިހުސާސެއް ކަމަށާއި މިހާތަނަށް ބަލައިލެވުނު ފިލްމުތަކުގެ ތެރެއިން އެންމެ ކަމުދަނީ ވެސް ލޯބީގެ ފިލްމުތައް ކަމަށް އާމިރު މި އިވެންޓުގައި ބުނެފައިވެއެވެ.
އިންޑަސްޓްރީގެ ޕާފެކްޝަނިސްޓްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ އެކްޓަރު ބުނިގޮތުގައި، ދިރިއުޅުމުގައި ކުރިއަށްދާ ވަރަކަށް ކުރެވޭ ތަޖުރިބާތައް ގިނަވެ ލޯތްބަކީ ކިހާ މުހިންމު އަގުހުރި އެއްޗެއްކަން ދެނެގަނެވެއެވެ. ކުރީގެ ދެ ކައިވެނި ފެއިލްވެފައިވަނީ ވެސް ހެދުނު ގޯސްތަކަކުން ކަމަށް ގަބޫލުކުރާ ކަމަށާއި އެ ގޯސްތައް ރަނގަޅުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް އާމިރު ވަނީ ބުނެފައެވެ.
ދިރިއުޅުމުގައި މިހާތަނަށް ކުރެވުނު ތަޖުރިބާތަކުގެ އަލީގައި އާމިރު ލޯބި ސިފަކުރާނީ އެއީ ހަޔާތުގެ 'ސޯލްމޭޓް' ހޯދުން ކަމަށާއި އެ މީހަކީ އުފަލުގައި ދިރިއުޅުން ފަސޭހަކަމާ އެކު އެކީގައި ހޭދަކުރެވޭނެ މީހަކަށްވާން ވާނެ ކަމަށެވެ. މިއަދުގެ ޒުވާނުން ވެސް އެންމެ ބޮޑު އިސްކަމެއްދޭންވީ ކަމަކީ އަމިއްލަ ނަފުސު ދެކެ ލޯބިވުން ކަމަށާއި އެކަކު އަނެކަކުގެ ކިބައިގައި ހުންނަ އާދަތައް ދޫކޮށްލަން ބާރު ނޭޅުމަށް ކަމަށް އާމިރު ވަނީ ބުނެފައެވެ.
ދާދި ފަހުން ބައިވެރިވި ޕޮޑްކާސްޓު ޝޯއެއްގައި އާމިރު ބުނީ، ޒަވާޖީ ހަޔާތެއް ފަށަން ބޭނުންވާ ކަމަށާއި އެކަނި ދިރިއުޅުމުގެ ދުވަސްތައް ހޭދަކުރުމަކީ އޭނާ އެއްވެސް ގޮތަކަށް އެދޭކަމެއް ނޫން ކަމަށެވެ.