މަޑުނުކޮށް، އާމިރު ސިނގިރޭޓު ހުއްޓާލައިފި

ބޮލީވުޑްގެ އެކްޓަރު އާމިރު ޚާން--ފޮޓޯ/ޕިންކްވިލާ

އަންނަ މަހުގެ ހަތްވަނަ ދުވަހު ރިލީޒްކުރާ ފިލްމު "ލަވްޔާޕާ" ބޮކްސް އޮފީހުގައި ކާމިޔާބު ފިލްމަކަށް ވެއްޖެނަމަ ސިނގިރޭޓު ބުއިން ހުއްޓާލާނެ ކަމަށް ބުނި ނަމަވެސް މިހާރު އެ އާދަ މުޅިން ދޫކޮށްލައިފި ކަމަށް އެކްޓަރު އާމިރު ޚާން ބުނެފިއެވެ.

މިދިޔަ ހުކުރު ދުވަހު ފިލްމު "ލަވްޔާޕާ"ގެ ޓްރެއިލާ ލޯންޗުކުރުމަށް ބޭއްވި ހަފުލާގައި ވާހަކަދައްކަމުން އާމިރު ޚާން ބުނީ، ސިނގިރޭޓު ބުއިމަކީ އޭނާ ވަރަށް ގަޔާވެގެން ކުރި ކަމެއް ކަމަށެވެ.

ސިނގިރޭޓު ބުއިމަކީ އެތައް އަހަރެއް ވަންދެން އޭނާ ކުރި ކަމެއް ކަމަށާއި ނަމަވެސް ހަގީގަތަކީ ޓޮބޭކޯގެ އެއްވެސް ބާވަތަކީ ސިއްހަތަށް ފައިދާހުރި އެއްޗެއް ނޫންކަން ކަމަށް އާމިރު ވަނީ ބުނެފައެވެ. ސިނގިރޭޓުގެ އިތުރުން ދުންފަތް ބޭނުންކުރާ މީހުންނަށް ވެސް ދޭނެ ނަސޭހަތަކީ އެ އާދައާ ދުރުވެ، ސިއްހަތަށް ސަމާލުވުމަށް ކަމަށް ގިނަ ބައެއްގެ ލޯބި ހޯދާފައިވާ އެކްޓަރު ވަނީ ބުނެފައެވެ.

ބޮލީވުޑްގެ އެކްޓަރު އާމިރު ޚާން ފުރަތަމަ ކައިވެންޏަށް ލިބުނު ދެ ކުދިން ކަމަށްވާ އިރާ އަދި ޖުނައިދއާ އެކު--ފޮޓޯ/ޕިންކްވިލާ

މިދިޔަ ހަފުތާ ތެރޭ އާމިރު ބުނެފައިވަނީ ދަރިފުޅު ޖުނައިދު ޚާންގެ ފިލްމު "ލަވްޔާޕާ" ބޮކްސް އޮފީހުގައި ކާމިޔާބުވެއްޖެނަމަ ސިނގިރޭޓް ބުއިން ހުއްޓާލާނެ ކަމަށެވެ. ދަރިފުޅުގެ ފިލްމު ހިޓަކަށް ވިޔަސް ނުވިޔަސް ބޭނުންވީ ސިނގިރޭޓު ބުއިމުގެ އާދައާ ދުރުވުމަށް ކަމަށާއި އެއީ ވަރަށް މިނިވަންކަމާ އެކު އޭނާ ނިންމި ނިންމުމެއް ކަމަށް އާމިރު ވަނީ ބުނެފައެވެ.

ބައްޕައެއްގެ ހައިސިއްޔަތުން މިއީ ދަރިފުޅަށް ވެސް ކޮށްދެވުނު ވަރަށް ބޮޑު ގުރުބާނީއެއް ކަމަށާއި އާމިރުގެ އާއިލާއިން ވެސް އެކަމަށް އުންމީދުކުރާތާ ވަރަށް ގިނަ ދުވަސްވެއްޖެ ކަމަށް ގަބޫލުކުރާ ކަމަށް ތަޖުރިބާކާރު އެކްޓަރު ވަނީ ބުނެފައެވެ.

ފިލްމު "ލަވްޔާޕާ"އަކީ އާމިރު ޚާން ޕްރޮޑިއުސްކޮށް ޒީސްޓޫޑިއޯއާ ގުޅިގެން ގެނެސްދޭ ފިލްމެކެވެ. ފިލްމު "މަހާރާޖް"އިން ފިލްމީ ދާއިރާއަށް ތައާރަފުވި ޖުނައިދާ އެކު "ލަވްޔާޕާ"ގެ ބަތަލާގެ ރޯލުން ފެންނާނީ ކުރީގެ ބަތަލާ ސްރީދޭވީ އަދި ފިލްމު ޕްރޮޑިއުސަރު ބޮނީ ކަޕޫރުގެ ހަގު ދަރިފުޅު ޚުޝީ ކަޕޫރެވެ.

އެކްޓަރު އާމިރު ޚާންގެ އެންމެ އަވަހަށް ރިލީޒްކުރާނެ ފިލްމަކީ އޭނާ މިހާރު މަސައްކަތް ފަށާފައިވާ ފިލްމު "ސިތާރޭ ޒަމީން ޕަރު"އެވެ.

comment ކޮމެންޓް