ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދެއްވާނެ ކަމުގެ ޔަގީންކަން ބަންޑާރަ ނައިބު އަޙުމަދު އުޝާމް މިއަދު ނޫސްވެރިންނަށް ދެއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް ވަނީ 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ގާނޫނު'ގެ ނަމުގައި އާ ގާނޫނެއް އުފައްދަން ބިލެއް ހުށަހަޅާފައެއެވެ. އެ ބިލު ހުށަހަޅާފައި ވަނީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލް ހަންނާން އަބޫބަކުރެވެ.

ނޫސްވެރިން އޭޖީ އުޝާމްއާއި ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދުގެ އިތުރުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހީމް ޚަލީލްއާ ބައްދަލުކުރެއްވުމުގެ ތެރެއިން: އޭޖީ ދެއްވީ ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ----
އެ ބިލުގައި ނޫސްވެރިކަން ކުރުން ހަނިވާ ގޮތަށް އޮތުމުން އެކަމާ ކަންބޮޑުވުން ފާޅުކޮށް، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އާއި ޖާނަލިސްޓްސް އެސޯސިއޭޝަން ގުޅިގެން ވަނީ 'ހަތަރެއްގެ ހައްގުގައި' ނަމުގައި ކެންޕޭނެއް ވެސް ފަށާފައެވެ.
އެ ބިލާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކުރަން އެ ކެންޕޭނުގައި އިސްކޮށް ހަރަކާތްތެރިވާ ނޫސްވެރިން ވަނީ އޭޖީ އުޝާމްއާއި ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދުގެ އިތުރުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހީމް ޚަލީލާ ބައްދަލުކޮށްފައެވެ.

ނޫސްވެރިން ބިލާ ގުޅިގެން ކަންބޮޑުވުންތައް ހިއްސާކުރަން ބޭއްވި ބައްދަލުވުމުގެ ތެރެއިން -----
މި ބައްދަލުވުމާ ގުޅޭ ގޮތުން އޭޖީ އޮފީހުން ބުނީ، އެ ބިލާ ގުޅުވައި ނޫސްވެރިންގެ ހުރި ޝަކުވާތައް އޭޖީ އަޑުއައްސަވާފައިވާ ކަމަށާއި ނޫސްވެރިންގެ ކަންބޮޑުވުންތައް ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށެވެ.
އޭގެއިތުރުން، އެ ބައްދަލުވުމަށް ފަހުގައި އެ ކެންޕެއިންގެ ފަރާތުން ބޭއްވި ބައްދަލުވުމުގައި އެމްޖޭއޭގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނާއިފް ވިދާޅުވީ، އެމްއެމްސީއާއި ބްރޯޑްކޮމް އުވާލައި، މީޑިއާ ރެގިއުލޭޓު ނުކުރާ ގޮތް ހެދުމަކީ އޭޖީގެ ވިސްނުންފުޅެއްކަން ހިއްސާކުރެއްވި ކަމަށެވެ.
ދެ ކޮމިޝަން ވެސް އެއްކޮށް އުވާލާފައި މީޑިއާތައް ރެގިއުލޭޓު ނުކުރާ ގޮތަށް ހެދުން އެއީ އޭޖީގެ ވިސްނުންފުޅު އޮތް ގޮތެކޭ އެކަމަކު އެކަމަށް އެއްވެސް ކޮންފަމޭޝަނެއް ވެސް ނެތްއެމްޖޭއޭގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނާއިފް
އެ ބައްދަލުވުމުގައި ޖަމިއްޔާތަކުން ވަނީ މިހާރު ހުށަހަޅާފައި އޮތް ބިލު ބޭރުކޮށް، މީޑިއާތަކާ މަޝްވަރާކޮށްގެން އާ ބިލެއް ޑްރާފްޓު ކުރަން ގޮވާލާފައެވެ.