ފޯނު ކޯލުތައް ވަގުތުން ބްރޯޑްކާސްޓު ކުރާ ނަމަ އެކަން އެ ފަރާތަކަށް ސާފުކޮށް އަންގަންޖެހޭނެ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ބުނެފިއެވެ.
މީޑިއާ ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މީޑިއާ އިދާރާތަކާއި ނޫސްވެރިން އަދި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުން ފޯނު ކޯލްތަކާއި އިންޓަވިއުތައް އަދި ލައިވް ޕްރޮގްރާމްތައް ހިމެނޭހެން ޕްރޮގްރާމުތައް ބްރޯޑްކާސްޓްކުރާއިރު ގާނޫނާއި ގަވާއިދުތަކާއި ސުލޫކީ މިންގަނޑުތަކަށް ރިއާޔަތްކުރަންޖެހޭނެ ކަމަށެވެ.
ކޮންމެ މީހެއްގެ ޒާތީ އަދި އާއިލީ ދިރިއުޅުމާއި އަނެކުންނާ ކުރާ މުއާމަލާތަކީ ހުރުމަތްތެރިވެގެންވާ ކަންކަންކަން ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާކަން ވެސް އެ ކޮމިޝަނުން ފާހަގަކުރިއެވެ.
އެ ކޮމިޝަނުން ބުނި ގޮތުގައި، ފޯނު ކޯލަކަށް ޖަވާބުދޭ ކޮންމެ މީހަކީ އެ މުއާމަލާތެއް އާންމުންނަށް ބްރޯޑްކާސްޓްކުރުމަށް އިއުތިރާޒެއް ނެތް ފަރާތެއްކަން ކަށަވަރުކުރަން ޖެހޭނެއެވެ.
"ރުހުން ހޯދުމާއި އަމިއްލަ ދިރިއުޅުމުގެ ސިއްރު ހިފެހެއްޓުމާއި ކަރާމާތް ރައްކާތެރިކުރުމާއި އަދި އިންސާފުވެރިކަމާއެކު މުއާމަލާތްކުރުމާ ގުޅޭގޮތުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުން އަމަލުކުރަންވާނެ،" މީޑިއާ ކޮމިޝަނުން ނެރުނު ބަޔާނުގައިވެއެވެ.
މީޑިއާ ކޮމިޝަނުން މިފަދަ ބަޔާނެއް ނެރެފައި މިވަނީ މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި، އެ ޓީވީ ސްޓޭޝަންގެ ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން ޑިޕާޓްމަންޓްގެ ހެޑް އާމިރު ސަލީމް ލައިވްކޮށް ސްޓެލްކޯގެ އެޗްއާރު ޑިޕާޓްމަންޓުގެ ލޭންޑްލައިނަށް ގުޅައި ވާހަކަދެއްކި މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.
އެ ކޯލުގައި، އީސީގެ ޕޯޓަލުން ޕާޓީއަށް ވަނުމަށްފަހު އެކަން ފެންނަ ސްކްރީންޝޮޓް ފޮނުވަންވީ ކޮން ނަންބަރަކަށްތޯ ސުވާލުކުރުމުން، އެޗްއާރު މުވައްޒަފު ވަނީ ސްޓެލްކޯ އެޗްއާރު ނަންބަރަށް ކަމަށް ބުނެ ޖަވާބުދީފައެވެ.
ރާއްޖެ ޓީވީން ފުރަތަމަ ފަހަރު ގުޅިއިރު އެއީ ލައިވް ބްރޯޑްކާސްޓެއްކަން އަންގާފައެއް ނުވެ އެވެ. ނަމަވެސް ދެވަނަ ފަހަރަށް ގުޅައި އެއީ ރާއްޖެ ޓީވީން ކަމަށް ބުނި ހިސާބުން ފޯނު ވަނީ ކެނޑިފަ އެވެ. މި ހާދިސާއާ ގުޅިގެން ސްޓެލްކޯއިން ވަނީ އެ ކޯލަށް ޖަވާބުދިން މުވައްޒަފު ސަސްޕެންޑުކޮށް، އެ މައްސަލަ ބަލަން ފަށާފައެވެ.
މީޑިއާ ކޮމިޝަނުން ވަނީ ވަކިވަކި ފަރުދުންގެ އަމިއްލަ ދިރިއުޅުމުގެ ސިއްރުތަކާއި ކަރާމާތް އަދި ހައްގުތައް ރައްކާތެރިކުރުމުގައި ހުރިހާ މީޑިއާތަކުން ވެސް ފަންނީ އަދި ސުލޫކީ މިންގަނޑުތަކާ އެއްގޮތަށް އެއްބާރުލުން ދިނުމަށް އިލްތިމާސްކޮށްފައެވެ.