މި ސަރުކާރުން ބޮޑުކުރި ފަހި ދިރިއުޅުން ފްލެޓްތަކުގެ ކުއްޔާއި ޑައުންޕޭމަންޓު ކުޑަކުރަން ރައީސް ނިންމަވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު: އެމަނިކުފާނު ވަނީ، ގެދޮރުވެރިޔާ ފްލެޓުތަކުގެ އެޑްވާންސާއި ކުލި ކުޑަކޮށްދޭން ނިންމަވައިފަ --- ފޮޓޯ: ރައީސް އޮފީސް

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެޅި، ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ ފްލެޓްތަކުގެ ޑައުންޕޭމަންޓާއި، ކުލި ކުޑަކޮށްދޭން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ނިންމަވައިފިއެވެ.

ރައީސް އެކަން ހާމަކުރެއްވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ރައްޔިތުންނާ އެކީ މިރޭ ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެފްޑީސީން އަޅަމުންދާ ފުލެޓުތަކަށް ކުޑަ ދުވަސްކޮޅެއް ތެރޭ ފުލެޓުތަކުގެ ހައްގުވެރިންނަށް ވަދެވޭނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ގެދޮރުވެރިޔާގެ ދަށުން ދޫކުރާ ފުލެޓުތަކުގެ ތެރެއިން ތިން ކޮޓަރީގެ އެޕާޓްމަންޓުތަކަށް ދައްކަން ޖެހޭ މަހު ކުލި 10،500 ރުފިޔާ 10،000 ރުފިޔާއަށް ކުޑަކޮށް، އެޑްވާންސްގެ ގޮތުގައި ދައްކަންޖެހޭ 25،000 ރުފިޔާ 8،000 ރުފިޔާއަށް ކުޑަކުރުމަށް ނިންމަވާފައިވާ ކަމަށެވެ.

އަދި ދެ ކޮޓަރީގެ އެޕާޓްމަންޓުތަކަށް ދައްކަންޖެހޭ މަހުކުލި 7،000 ރުފިޔާއިން 6،000 ރުފިޔާއަށް ކުޑަކޮށް، އެޑްވާންސްގެ ގޮތުގައި ދައްކަންޖެހޭ އަދަދު އެއް މަހުގެ ކުއްޔަށް ވާ ވަރަށް ކުޑަކުރަން ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ.

"އެހެންވީމާ އެގޮތަށް އެފްޑީސީގެ ފަރާތުން އެ ފްލެޓުތައް ލިބުނު ފަރާތްތަކާ އެކީގައި އެގްރީމެންޓު އާކޮށް ރިވައިސްކުރާނެ،" ރައީސް ވިދާޅުވިއެވެ.

https://sun.mv/203122

މިރޭގެ ބައްދަލުވުމުގެ ތެރެއިން، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ލިބުނު މީހުންގެ ތެރެއިން އެކަކު ވަނީ އެ ވާހަކަ ދައްކައިފައެވެ.

ފާހަގަކުރެވޭ ގޮތުގައި މި ސަރުކާރުން ނިންމީ ދެ ކޮޓަރީގެ ކުއްޔަށް 7،000 ރުފިޔާ ނެގުމަށާއި ތިން ކޮޓަރިއަށް 9،000 ރުފިޔާ ނެގުމަށެވެ. އޭގެ ތެރެއިން ދެ ކޮޓަރީގެ ފްލެޓަށް މެއިންޓެނެންސްގެ ގޮތުގައި 1،000 ރުފިޔާއާއި ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 15،000 ރުފިޔާ ނަގާނެއެވެ. ތިން ކޮޓަރީގެ އެޕާޓްމެންޓަށް މެއިންޓެނެންސް ފީގެ ގޮތުގައި 1،500 ނަގާއިރު ސެކިއުރިޓީ ޑިޕޮސިޓަށް 25،000 ރުފިޔާއެވެ.

އޭނާ ބުނީ 4،000 ފްލެޓްގެ އެގްރިމަންޓް ދިން އިރު، އެ ތަންތަނުގެ ކުލީގެ ގޮތުގައި ކަނޑައަޅައިފައިވަނީ ސެކިއުރިޓީ ޑިޕޮސިޓާއެކު 8،000 ރުފިޔާ ކަމަށާއި ޑައުންޕޭމަންޓް ދައްކަން ނުވެސް ޖެހޭ ކަމަށެވެ.

"ނަމަވެސް ހިތާމައާއެކު ނަންގަންނަނީ މި ސަރުކާރުން 25،000 ރުފިޔާ ޑައުންޕޭމަންޓުގެ ގޮތުގައި ނަންގަވާ ކުލި، ސެކިއުރިޓީ ޑިޕޮސިޓާއެކު 10،500 ރުފިޔާއަށް ބޮޑުކޮށްފައިވާކަން،" އޭނާ ބުންޏެވެ.

އޭނާ ބުނީ އުންމީދަކީ ކުލި ކުޑަކޮށްދެއްވުން ކަމަށެވެ.

comment ކޮމެންޓް