ދާއިރާގެ ގޮނޑި އިދިކޮޅު އެމްޑީޕީއަށް ދޭން ރައްޔިތުން ނިންމީތީ، ސިޔާސީ ފިކުރަށް ބަލައި، 2025 ވަނަ އަހަރުގެ ބަޖެޓުގައި ދާއިރާ "ބިކަކޮށް ނިކަމެތިކޮށްލައިފި" ކަމަށާއި އިސްތިއުފާ ދޭން ތައްޔާރަށް ހުންނެވި ކަމަށް ކެންދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު މައުރޫފް ޒާކިރު މިއަދު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ޖުމުލަ ބަޖެޓުގެ ގޮތުގައި 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް މާލީ ވަޒީރު މޫސާ ޒަމީރު ވަނީ މަޖިލީހަށް މިދިޔަ މަހުގެ 31 ގައި ހުށަހަޅުއްވާފައެވެ.
ބަޖެޓުގެ ބަހުސް މިއަދު ކުރިއަށްދިޔަ އިރު، މައުރޫފް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓު ވާނީ ''ރައީސުލްޖުމްޙޫރިއްޔާގެ ފައިންޕުޅުގައި އާދޭސްކުރަން'' މަޖުބޫރުކުރުވާ ބަޖެޓަކަށް ކަމަށެވެ. އަދި ކެބިނެޓު މިނިސްޓަރުންގެ ފަހަތުން އާދޭސްކޮށް ސަލާންޖަހަން ދާން ޖެހޭ ފަދަ ބަޖެޓަކަށް އެ ބަޖެޓު ވެފައިވާ ކަމަށް މައުރޫފް ވިދާޅުވިއެވެ. އަދި މެންބަރު، ސަރުކާރުގެ ވެރިންގެ ފަހަތުން ސަލާންޖަހައި އާދޭސްކޮށްގެން މެނުވީ އެއްވެސް މަޝްރޫއެއް ރަށެއްގައި ހިންގަން ނުލިބޭނެ ބަޖެޓެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ނުރުހުން ފާޅުކުރައްވައި މައުރޫފް ވިދާޅުވީ ފުރަތަމަ ފަހަރަށް ކެންދޫ ދާއިރާގެ ރައްޔިތުން ބިކަކޮށްލާނެ ބަޖެޓަކަށް އެ ބަޖެޓު ވާނެ ކަމަށެވެ. އަދި އެއީ ދާއިރާގެ ރައްޔިތުން މިފަހަރު އެމްޑީޕީގެ މެންބަރަކު އިންތިޚާބުކުރީތީ، ދިވެހިރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ފިކުރަށް ބަލައި، ދާއިރާއެއް ބިކަކޮށް ނިކަމެތިކޮށްލުން ކަމަށް މައުރޫފް ވިދާޅުވިއެވެ.
އަޅުގަނޑު ކެންދޫ ދާއިރާގެ ރައްޔިތުންގެ ކިބައިން އިންތިހާއަށް މައާފަށް އެދެން. ތިޔަ ރައްޔިތުން އެމްޑީޕީ މެންބަރަކު ހޮވައިދެއްވީތީ 2025 ވަނަ އަހަރުގެ ބަޖެޓުގައި ހަމަ އެކައްޗެއް ވެސް ދާއިރާގެ ރައްޔިތުންނަކަށް ނެތް. އެހެންނަމަވެސް އަޅުގަނޑަށް ކުރެވުނު މަސައްކަތެއް މިކަމުގައި ކުރާނަން. ރައްޔިތުން ބޭނުންކަމުގައި ވާނަމަ އަޅުގަނޑު މި މަގާމުން އިސްތިއުފާދޭން ވެސް މިހުރީ ތައްޔާރަށް، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
ބަޖެޓްގެ އަދަދުތަކާ ގުޅޭގޮތުން އިދިކޮޅު އެމްޑީޕީން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެގޮތުން އެއީ ޚަރަދުތައް ކުޑަކުރުމުގެ ބަދަލުގައި ޚަރަދުތައް ބޮޑުވާނެ ބަޖެޓެއް ކަމަށާއި، ޑެފިސިޓް ކުޑަ ބަޖެޓެއް ކަމަށް މި ސަރުކާރުން ބުނި ނަމަވެސް އެއީ އޮޅުވާލުމެއް ކަމަށް ތުހުމަތުކުރައްވައެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ޖުމުލަ ޚަރަދަކީ 49.2 ބިލިއަން ރުފިޔާއެވެ. އެއީ، ރިކަރަންޓް ޚަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާއާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 13.3 ބިލިއަން ރުފިޔާއެވެ.
އަންނަ އަހަރުގެ ޖުމުލަ އާމްދަނީއާއި ހިލޭ އެހީ 39.8 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށްވަނީ އަންދާޒާކޮށްފައެވެ. އެއީ، ހިލޭ އެހީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ހިމަނައިގެންނެވެ.
ދަރަނި އަނބުރާ ދައްކަން އަންނަ އަހަރުގެ ބަޖެޓުގައި 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.
މި އަހަރަށް ފާސްކުރި 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓާ އެކު މި އަހަރުގެ ޖުމުލަ ބަޖެޓަކީ 55 ބިލިއަން ރުފިޔާއެވެ. އެހެންވެ، އަންނަ އަހަރަށް ލަފައިކުރަނީ މި އަހަރަށް ވުރެ 1.6 ބިލިއަނެއްހާ ރުފިޔާ ބޮޑު ބަޖެޓެކެވެ.