މީޑިއާ ކައުންސިލް ހާޒިރުކުރި ކޮމިޓީ ބައްދަލުވުން ސިއްރުކޮށްފި

މިއަދު މީޑިއާ ކައުންސިލު ހާޒިރުކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބައްދަލުވުމުގެ ތެރެއިން: ކޮމިޓީ ވަނީ ސިއްރުކޮށްފައި -- ފޮޓޯ/ މަޖިލިސް

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ހާޒިރުކުރި، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބައްދަލުވުން މިއަދު ސިއްރުކޮށްފިއެވެ.

މިއަދު ކޮމިޓީގެ އެޖެންޑާގައި އޮތީ ހުށަހަޅާފައިވާ ބައެއް ސިޓީތަކާއި ޝަކުވާތަކާ ގުޅޭގޮތުން މީޑިއާ ކައުންސިލާ ބައްދަލުކުރުމެވެ.

ކޮމިޓީގެ ބައްދަލުވުން ފެށި ވަގުތު، ކޮމިޓީ ސިއްރުކުރަން ހުށަހެޅުއްވީ ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހިމް ދީދީއެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިންއެވެ.

ހަ މެންބަރުންގެ ވޯޓާއެކު ކޮމިޓީ ބައްދަލުވުން ސިއްރުކުރަން ނިންމިއިރު، އެކަމާ ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.

މިއަދު މީޑިއާ ކައުންސިލު ހާޒިރުކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ކޮމިޓީ ބައްދަލުވުން ސިއްރުކުރުމަށް މެންބަރު ހުށަހެޅުއްވީ، މަސްލަހަތަށް ފުށުއަރާނެ ކަމަކަށް ވެދާނެތީ ކަމަށް ވިދާޅުވެއެވެ.

"އެޖެންޑާގައި ހުރި ކަންތައްތަކަކީ ތަންކޮޅެއް ބައެއް ކަހަލަ މަސްލަހަތަށް ފުށުއަރާ ކަންތައްތަކަކަށް ވެދާނެ. އެހެންވީމަ މި ބައްދަލުވުން ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ގެންދަން އަޅުގަނޑު ހުށަހަޅަން،" މެންބަރު އިބްރާހީމް ވިދާޅުވިއެވެ.

ކޮމިޓީ ސިއްރުކުރުމާއެކު ނުރުހުން ފާޅުކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މެންބަރު މީކާއިލް ވިދާޅުވީ މުއައްސަސާތަކުގެ ބައެއް މެންބަރުން ވަކިކުރުމަށް ތައްޔާރުވަމުން އަންނަ ދަނޑިވަޅެއްގައި، "ޖީ ސްކީލާން" ޑޮކިއުމެންޓްރީއަށް މީޑިއާ ކައުންސިލުން ދީފައިވާ އެވޯޑުގެ މައްސަލައިގައި ކައުންސިލް މެންބަރުން ހާޒިރުކޮށް، މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ސިއްރުކޮށްގެން ކުރިއަށްގެންދާކަމީ ނޫސްވެރިކަމަށް އޮތް ބިރެއް ކަމަށެވެ.

ކޮމިޓީއަށް މީޑިއާ ކައުންސިލް ހާޒިރުކޮށްފައި ވާއިރު މިފަހުން މީޑިއާ ކައުންސިލުން ދިން އެވޯޑުގެ މައްސަލަ ބޮޑުވެފައިވެއެވެ. އެއީ ތަހުގީގީ ނޫސްވެރިކަމުގެ ވީޑިއޯ ކެޓަގަރީން ދިން އެވޯޑަކާ ގުޅިގެންނެވެ.

މިއަދު މީޑިއާ ކައުންސިލު ހާޒިރުކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބައްދަލުވުމުގައި އެމްއެމްސީގެ ރައީސް އަހްމަދު މުސްތަފާ -- ފޮޓޯ/ މަޖިލިސް

އެންމެ ފުރަތަމަ އެ ކަން ސަމާލުކަމަށް އައީ އެވޯޑު ހަފުލާ އޮތް ރޭ އެވޯޑުގެ ނޮމިނޭޝަން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ލައިވުން ދެއްކުމާ އެކުއެވެ. އެގޮތުން، ލައިވް ތެރޭ ކުރިއާލައި އެންގުމެއް ނެތި ދެއްކި އެ ކޮންޓެންޓަކީ ޕީއެސްއެމަށް އޮޅުވައިލައި ދެއްކި އެއްޗެއްކަމަށް ތުހުމަތުކޮށް ބަޔާނެއް ނެރުނެވެ. އެއީ އެ ކުންފުނީގެ އެޑިޓޯރިއަލާ ޚިލާފު، ނޫސްވެރިކަމުގެ މިންގަނޑުތަކާ ވެސް ޚިލާފު ކޮންޓެއްޓެއް ކަމަށް ބުނެފައިވެއެވެ.

އެ މައްސަލައިގައި، ޕީއެސްއެމްގައި 30 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި، އެމްއެމްސީގެ ރައީސްކަން ކުރައްވާ އަހްމަދު މުސްތަފާ، ކުންފުނީގައި އަދައިކުރައްވަމުން އައި ޓެކްނިކަލް މެނޭޖަރުގެ ވަޒީފާއިން ވެސް ވަކިކުރިއެވެ. ނަމަވެސް، އަލުން ވަޒީފާ މިހާރު ވަނީ އިއާދަކޮށްދީފައެވެ.

މިއަދު މީޑިއާ ކައުންސިލު ހާޒިރުކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބައްދަލުވުމުގައި އެމްއެމްސީ މެމްބަރު އަލީ ނިޝާން (މިލްޒީރޯ) -- ފޮޓޯ/ މަޖިލިސް

އެމްއެމްސީ އެވޯޑަށް މި ފަހަރުގެ ހުށަހެޅުންތައް އިންސާފުކުރެއްވި ހަތް ފަނޑިިޔާރުން ވެސް ވަނީ ތަހުގީގީ ނުސްވެރިކަމުގެ ވީޑިއޯ ކެޓަގަރީން އެވޯޑު ލިބުނު އުފެއްދުމަށް އެވޯޑު ދިނީ އުސޫލާ ޚިލާފަށް ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ.

މިއަދުގެ މަޖިލީހުގައި ވަނީ 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން' އުފައްދައި، އެ ކައުންސިލްގެ ޒިންމާތައް އެ ކޮމިޝަނަށް ދެވޭ ގޮތަށް ބިލެއް ވެސް ހުށަހަޅާފައެވެ.

comment ކޮމެންޓް