ތަފާތު ބާވަތްތަކުގެ ގިނަ ފޮތްތަކާ އެއްކޮށް، ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އިން "އިޤްރާ"ގެ ނަމުގައި ކުރިއަށް ގެންދާ އައިޔޫއެމް ހައިބްރިޑް ބުކް ފެއާ މިއަދު ހުޅުވައިފިއެވެ.
އައިޔޫއެމްގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މައުރަޒު ހުޅުވައިދެއްވީ ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމެވެ.

ދިވެހި ބަހުގެ އެކަޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަޙީމް ފޮތް މައުރަޒު ހުޅުވައިދެއްވަނީ ---- ސަން ފޮޓޯ/ މޫސާ ނަދީމް
އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް އައިޔޫއެމްގެ ހޯލުގައި ކުރިއަށް ގެންދާ މި މައުރަޒުގައި އައިޔޫއެމްގެ އިތުރުން 15 ފަރާތަކުން ބައިވެރިވެފައިވެއެވެ. އެ ފަރާތްތަކުގެ ތެރޭގައި:
- މެސެޖް އޮފް އިސްލާމް
- ނޮވެލްޓީ ބުކްޝޮޕް
- ދިވެހި ބަހުގެ އެކަޑަމީއާ
- ބުންޔާން ބުކްސް
- އެންޑެވޯ
- ފަނާޝް
- އައިކޭން ރީޑްސް
- އިނާ ޕަބްލިކޭޝަންސް
- ބުކްސް އެންޑް ބްލޮކްސް
- އިލްމާސް ޕަބްލިކޭޝަންސް
- ލީޝް ވިސާމް
- ކީން ސްޓާ
- ލާނާސް
- މޫސް ބުކްޝޮޕް
- ވިއްސާރަ ދުނި
އައިޔޫއެމް އިން ބުނި ގޮތުގައި، މި މައުރަޒު ބޭއްވުމުގެ މަގުސަދަކީ އާންމުންނަށް އެއްތަނަކުން ގިނަ ވައްތަރުގެ ފޮތްތައް ހެޔޮ އަގުގައި ގަންނަން ލިބޭނެ މާހައުލެއް އުފެއްދުމާއި ފޮތް ވިއްކަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދިނުމެވެ. އަދި ކިޔުންތެރިކަމަށް ޝައުގުވެރިކަން އިތުރުކުރުމަށް ތަފާތު އިލްމީ ހަރަކާތްތައް ހިންގުމެވެ.

އައިޔޫއެމްގެ ފޮތް މައުރަޒުގެ ތެރެއިން: މި މައުރަޒުން ތަފާތު ވައްތަރު ފޮތްތައް ލިބެން އެބަ ހުރި ---- ސަން ފޮޓޯ/ މޫސާ ނަދީމް
އައިޔޫއެމް އިން ބުނީ، މި މައުރަޒު ކުރިއަށްދާ މުއްދަތުގައި އެކި އުމުރު ފުރާތަކަށް އަމާޒުކޮށްގެން ތަފާތު ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށެވެ. އޭގެތެރޭގައި، ޕެނަލް ޑިސްކަޝަންއާއި ބުކްމާކް ފަރުމާ ކުރުމުގެ މުބާރާތް އަދި ނޮލެޖް ކޯނާ ފަދަ ހަރަކާތްތައް ހިމެނެއެވެ.
މީގެއިތުރުން، މައުރަޒަށް ޒިޔާރަތްނުކޮށް ވެސް ފޮތް ގަތުމުގެ ފުރުސަތު އެ ޔުނިވާސިޓީން ވަނީ ހުޅުވާލަފާއެވެ. އެގޮތުން، މައުރަޒަށް ޚާއްސަކޮށް ހަދާފައިވާ ޕޭޖް މެދުވެރިކޮށް ފޮތް ގަންނަން ލިބޭނެއެވެ.
ތަފާތު ބާވަތްތަކުގެ ގިނަ ފޮތްތައް މި މައުރަޒުން އެކި އަގުތަކުގައި ލިބެން އެބަ ހުއްޓެވެ. މިގޮތުން، ވާހަކައާއި ކުޑަކުދިންގެ ފޮތްތަކާއި ދީނީ އަދި އަދަބީ ތާރީޚީ ފޮތްތައް ލިބޭނެއެވެ.

އައިޔޫއެމްގެ ފޮތް މައުރަޒުގެ ތެރެއިން: މި މައުރަޒު ކުރިއަށް ދާނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ---- ސަން ފޮޓޯ/ މޫސާ ނަދީމް
އައިޔޫއެމްގެ ލާނިން ސެންޓަރުތައް ހުންނަ ލ. ފޮނަދޫއާއި ފުވައްމުލައް ސިޓީގައި ވެސް އަންނަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ތަފާތު ހަރަކާތްތަކާ އެކު، ފޮތް މައުރަޒު ކުރިއަށް ގެންދާނެއެވެ.
ފުރަތަމަ ފަހަރަށް 2018ވަނަ އަހަރު ބޭއްވި މި މައުރަޒަކީ 2019 ވަނަ އަހަރު ފިޔަވައި ކޮންމެ އަހަރަކު ވެސް އައިޔޫއެމްއިން ބާއްވަމުން އަންނަ މައުރަޒެކެވެ.
ކޮވިޑްގެ އާލަމީ ވަބާއާ ގުޅިގެން 2020ވަނަ އަހަރު ފުރަތަމަ ފަހަރަށް އޮންލައިންކޮށް މި މައުރަޒު ބާއްވާފައިވާއިރު، 2021ވަނަ އަހަރުން ފެށިގެން މައުރަޒު ބާއްވަނީ ހައިބްރިޑްކޮށެވެ.