މޫސުމީ ބަދަލުތަކަށް ހޭނުމުގައި ހޯދާ ކާމިޔާބީއަށް ބަލައި ދަރަނި މާފުކުރުން ފަދަ އީޖާދީ ވިސްނުންތަކެއް ގެންގުޅެން ޖެހޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އަޒަރުބައިޖާންގައި ކުރިއަށްދާ ކޮޕް29 ސަމިޓުގެ ހަވާސާގައި ބޭއްވި ހައި-ލެވެލް ރައުންޑްޓޭބަލް އެނޭބްލިން ކްލައިމެޓް ފައިނޭންސްގައި ރައީސް ވިދާޅުވީ މޫސުމީ ބަދަލުތަކާ ގުޅުން ހުރި ކަންކަމަށް ފައިސާ ހަމަޖެއްސުމުގައި އާ ލަނޑުދަނޑިއެއް ކަނޑއަޅަން ޖެހޭ ކަމަށެވެ. އަދި މޫސުމީ ބަދަލުތަކުން ލިބިދާނެ ގެއްލުންތަކުގެ ނުރައްކާ އެންމެ ބޮޑަށް އޮތް ގައުމުތައް ބާކީ ނުކުރާނެކަމުގެ ޔަގީންކަން މި ސަމިޓުން ދޭން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ލަނޑުދަނޑިތައް ކަނޑައެޅުމުން ނުނިމޭ ކަމަށާއި އަމަލުން ވެސް އެކަން ދައްކައި، ދެމެހެއްޓެނިވި ގޮތެއްގައި އެކަށީގެންވާ ވަރަށް މާލީ އެހީ ލިބޭނެ މަގު ފަހިކޮށްދޭން ޖެހޭ ކަމަށެވެ.
"މޫސުމީ ލަނޑުދަނޑިތަކާއި ދަރަނި މާފު ކުރުން ގުޅުވުން ފަދަ އީޖާދީ ގޮތްތައް އަޅުގަނޑުމެން އެބަ ބޭނުންވޭ،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ބައިނަލްއަގުވާމީ މުޖުތަމައުން ތަރައްގީ ވަމުން އަންނަ ޖަޒީރާ ގައުމުތައް މާލީ ގޮތުން ބާރުވެރިކުރަން ޖެހޭ ކަމަށާއި އެގޮތުން ހިލޭ އެހީއާއި ލުއި ލޯނުތައް ދިނުން އިތުރުކުރަން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ފިޔަވަޅު ނޭޅުން ނުވަތަ ފިޔަވަޅު އެޅުން ފަސްކުރުމަކީ ވެސް އަޅުގަނޑުގެ ގައުމު ފަދަ ގައުމުތަކަށް އޮތް ގޮތެއް ނޫން،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ މިކަމުގައި ޕްރައިވެޓް ސެކްޓަރުގެ ދައުރު ވެސް މުހިންމު ކަމަށާއި އެ ދާއިރާގެ އެހީތެރިކަމާއެކު ފަހި އިނާޔަތްތަކަކާއެކު މާނަވީ ބަދަލުތަކެއް ގެނައުމަށް މަގުފަހި ކުރެވޭނެ ކަމަށެވެ. އެގޮތުން ޕްރައިވެޓް ސެކްޓަރުން ލޯން ދޫކުރާ ރަސްމީ ފަރާތްތަކާ ގުޅިގެން އެކަށޭނަ ގޮތްތަކެއްގައި ލޯނު ދިނުމަށާއި އެ ލޯނު އަނބުރާ ދެއްކުމުގެ މުއްދަތަށް ލުއި ގޮތްތައް ހަމަޖައްސަވައިދެއްވުމަށް ރައީސް އެދިވަޑައިގަތެވެ.
ކޮޕް29ގެ ހައި-ލެވެލް ރައުންޑްޓޭބަލްގެ މިފަހަރުގެ ބައްދަލުވުމުގައި، ގައުމުތަކުގެ ވެރިންނާއި ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި މަލްޓިލެޓްރަލް ޑިވެލޮޕްމަންޓް ބެންކުތަކުން ބައިވެރިވެ، ޕެރިސް އެގްރީމަންޓްގެ ލަނޑުދަނޑިތައް ބިންގަލަކަށް ބަލައިގެން އެ ލަނޑުދަނޑިތައް ފުޅާކުރުމުގައި އާ އަމާޒުތަކެއް ކަނޑައެޅުމަށް ފައިސާ ހޯދުމާ ގުޅޭ މަޝްވަރާކޮށްފައިވެއެވެ.