ސަރުކާރުގެ މަސްކުންފުނި މިފްކޯގެ ސީއީއޯކަމަށް މި ސަރުކާރުގައި ފުރަތަމަ އައްޔަންކުރުމަށްފަހު ވަކިކުރި އަހްމަދު ޝަމާހު، ފަހުން އައްޔަންކުރި ކަރަންޓު ކުންފުނި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވެސް މިއަދު ވަކިކޮށްފިއެވެ.
ޝަމާހު މަގާމަށް އައްޔަންކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ އަށްވަނަ ދުވަހެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ބުނީ، ޝަމާހު ވަކިކުރީ މިއަދުން ފެށިގެން ކަމަށެވެ. ނަމަވެސް އޭނާ ވަކިކުރި ސަބަބާ ބެހޭ އެއްވެސް މައުލޫމާތެއް ހާމަނުކުރެއެވެ.
މި ސަރުކާރުގައި ޝަމާހުއަށް ފުރަތަމަ ދިނީ މިފްކޯގެ ސީއީއޯ ކަމުގެ މަގާމެވެ. އެ މަގާމުން އޭނާ ވަކިކުރީ 2024ވަނަ އަހަރުގެ މެއި 21 ގައެވެ. ޝަމާހު މަގާމުން ވަކިކުރުމުގެ ކުރިން، އޭނާ ދެ ފަހަރެއްގެ މަތިން ސަސްޕެންޑުވެސް ކުރި އެވެ. އޭނާގެ ސަސްޕެންޝަން އުވައިލަން ޕީސީބީން ނިންމީ އެޕްރީލް 24 ގައެވެ.
ޕީސީބީއިން އެންމެ ފުރަތަމަ ސަމާހު ސަސްޕެންޑުކުރީ މާޗު 18 ގައެވެ. އޭރު ސަސްޕެންޑްކުރި މުއްދަތު މާޗު 31، ގައި ހަމަވާތީ އެޕްރިލް 21، ގެ ނިޔަލަށް ސަސްޕެންޝަން އިތުރުކުރިއެވެ. ޝަމާހު ސަސްޕެންޑުކުރީ ކޯޕަރޭޓް ގަވަނެންސްއާ ގުޅޭ މައްސަލަތަކެއްގައި އިންކުއަރީއެއް ހެދުމުގެ ގޮތުންނެވެ. އޭނާ ސަސްޕެންޑުކުރި ނަމަވެސް އެއިރު ވެސް މުސާރައާއި އިނާޔާތްތައް ލިބުނެވެ.
ޝަމާހު މިފްކޯއިން ވަކިކުރުމަށްފަހު، ދެން ދިނީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމެވެ.
މި ސަރުކާރުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަން ފުރަތަމަ ކުރެއްވީ ހުސައިން ފަހުމީއެވެ. އޭނާ އެ މަގާމުން ވަކިކުރީ މިދިޔަ ސެޕްޓެންބަރު، ހަތްވަނަ ދުވަހެވެ. ޖެހިގެން އައި ދުވަހު އޭނާއަށް ސަރުކާރުން ވަނީ ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގެ މަގާމެއް ދެއްވައިފައެވެ.