ކުރީގެ މަޝްހޫރު އެކްޓަރު ސުނިލް ޝެޓީ މިހާރު މަސައްކަތް ކުރަމުން އަންނަ ވެބް ސީރީސް "ހަންޓަ: ޓޫޓޭގާ ނެހީ، ތޯޅޭގާ"ގެ މަންޒަރުތަކެއް ނަގަން އުޅުމުގެ ތެރޭ ވަރަށް ބޮޑަށް އަނިޔާވެއްޖެއެވެ.
ސުނިލް ޝެޓީއަށް އަނިޔާވެފައި ވަނީ އިންޑިއާގެ މުމްބާއީގައި މި ވެބް ސީރީސްގެ މަންޒަރުތަކެއް ނެގުމުގެ މަސައްކަތް ކުރިއަށް ދަނިކޮށެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ބޮލީވުޑްހަންގާމާގައި ބުނެފައިވާ ގޮތުން 63 އަހަރުގެ އެކްޓަރުގެ މޭ ކަށިގަނޑަށް ވަރަށް ބޮޑަށް އަނިޔާވެ ވަގުތުން ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.
މީގެކުރިންވެސް ވަރަށް ގިނަ އެކްޝަން ފިލްމުތަކުން ފެނިފައިވާ ސުނިލްއަށް އަނިޔާ ލިބުނީ މިހާރު މަސައްކަތް ކުރަމުންދާ ވެބް ސީރީސްގެ ވެސް އެކްޝަން ސީންއެއް ނެގުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.
މި އެކްޝަން ސީން ކުރިއަށްދިޔައީ އެކަމަށް ބޭނުންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކަމަށާއި އެހެންނަމަވެސް ސުނިލްއަށް އަނިޔާ ލިބުނީ ކުއްލިގޮތަކަށް ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ. ސުނިލްގެ މޭ ކަށިގަނޑަށް އަނިޔާވުމާ ގުޅިގެން ޑޮކްޓަރު ލަފާ ދީފައި ވަނީ މިވަގުތު ހަރަކާތްތެރިވެ ކުރަންޖެހޭ އެންމެހާ މަސައްކަތާ ދުރުހެލިވެ އަރާމު ކުރުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ވެބް ސީރީސް އަކީ ވަރަށް ގިނަ ދުވަސްތަކަކަށްފަހު ސުނިލް ޝެޓީ އެކްޝަން ފިލްމަކުން ބެލުންތެރިންނަށް ފެންނާނެ ސީރީސްއެކެވެ. ފިލްމުގެ ސްޓޯރީ ލައިންގެ މާނައިން ވެސް ދޭހަކޮށްދޭ ގޮތުގައި މިއީ ވަރަށް ވަރުގަދަ އެކްޝަން ސީންތައް ހިމެނޭނެ ސީރީސްއެކެވެ. ސުނިލްއަށް އަނިޔާވުމާ ގުޅިގެން ވަރަށް ގިނަ ބަޔަކު އަންނަނީ ހެޔޮ ދުއާގެ މެސެޖުތައް އެކްޓަރަށް ފޮނުވަމުންނެވެ.
ވެބް ސީރީސް "ހަންޓަ: ޓޫޓޭގާ ނެހީ، ތޯޅޭގާ"ގެ ފުރަތަމަ ސީޒަން މިދިޔަ އަހަރު ރިލީޒްކޮށްފައި ވާއިރު މިހާރު މަސައްކަތް ފަށާފައި ވަނީ މި ވެބް ސީރީސްގެ ދެވަނަ ސީޒަންގެ މަސައްކަތެވެ. ދެވަނަ ސީޒަން ބެލުންތެރިންނާ ހަމައަށް ގެނެސްދޭނެ ތާރީޚެއް އަދި ރަސްމީކޮށް އިއުލާނެއް ނުކުރެއެވެ.