އާ އަހަރުގެ ޗުއްޓީއަށް ބޮލީވުޑްގެ މަޝްހޫރު ދެމަފިރިން ކަމަށްވާ ވިކީ ކޯޝަލް އާއި ކެޓްރީނާ ކައިފް ރާއްޖެ އަތުވެއްޖެއެވެ.
މި ދެތަރިން އާ އަހަރުގެ ޗުއްޓީއަށް ރާއްޖެ އައިސްފައިވާކަން ބަތަލާ ކެޓްރީނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ފޮޓޯތަކުން އެނގެންހުރި ނަމަވެސް ޗުއްޓީ ހޭދަކުރަމުން އަންނަ ރިސޯޓުގެ ނަން ހާމަކޮށްފައެއް ނުވެއެވެ.
ވިކީ އާއި ކެޓްރީނާ ވަނީ ރާއްޖެ އައުމުގެ ކުރިން ޑިސެމްބަރު މަހު ފަހުކޮޅު ކްރިސްމަސް ޗުއްޓީއަށް އިނގިރޭސިވިލާތުގައި ވެސް ދުވަސްކޮޅެއް ހޭދަކޮށްފައެވެ.
އިނގިރޭސިވިލާތަށް ނިސްބަތްވާ ބަތަލާ ބްރިޓިޝް ވައިލްޑްލޭންޑްސްގައި ޗުއްޓީ ހޭދަކުރި އެންމެ ބޮޑު އެއް ބޭނުމަކީ އެ ޤައުމުގައި ދިރިއުޅޭ ކެޓްރީނާގެ އާއިލާގެ މެމްބަރުންނާ އެކު އަހަރު ނިމުމުގެ އުފާ ފާޅުކޮށް އާ އަހަރާ ދިމާކޮށް އާއިލާއާ އެކު ވަގުތު ހޭދަކުރުމެވެ.
ބޮލީވުޑްގެ އެންމެ ޑިމާންޑު ބޮޑު ފިލްމީ ތަރިންގެ ތެރޭ ހިމެނޭ ކެޓްރީނާގެ ދެމަފިރިން އިންޑިއާގެ މުމްބާއީ އެއާޕޯޓަށް ދިޔަ މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާއްމުވެ ދެ ތަރިން އާ އަހަރުގެ މުނާސަބާ ފާހަގަ ކުރުމަށް ރާއްޖެއަށް ދިޔަކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން ވެސް ވަނީ ބުނެފައެވެ.
ކެޓްރީނާ އާއި ވިކީއަކީ މީގެކުރިން ވެސް ވަރަށް ގިނަ ފަހަރު ޗުއްޓީއަށް ރާއްޖެ އައިސްފައިވާ ތަރިންނެވެ. އަމިއްލަ ޗުއްޓީ ދަތުރު ތަކުގެ އިތުރުން މި ދެތަރިން ކުޅެފައިވާ ބައެއް ފިލްމުތަކުގެ މަންޒަރުތައް ނެގުމަށް ވެސް އެކި ފަހަރު މަތިން ދެ ތަރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
އެގޮތުން ކެޓްރީނާ ވަނީ ބަތަލާގެ 39 ވަނަ އުފަން ދުވަސް ފާހަގަކުރުމަށް ގާތް ރަހްމަތްތެރިންނާ އާއިލާގެ މެމްބަރުންނާ އެކު ވެސް ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.