މި ފަހަކަށް އައިސް ހޮރޯ ކޮމެޑީ ޖޯންރާގެ ފިލްމުތައް ގެނެސްދެމުން އަންނަ މެޑްޑޮކް ފިލްމްސްގެ ހޮރޯ ކޮމެޑީ ޔުނިވާސްއިން އުފައްދާ ފިލްމަކަށް ފިލްމީތަރިން ކަމަށްވާ އަޔުޝްމާން ކުރާނާއާއި ރަޝްމިކާ މަންދަންނާ ސޮއިކޮށްފިއެވެ.
އަންނަ އަހަރު އިންޑިއާގައި ފާހަގަކުރާ ދިވާލީ ދުވަސްވަރާ ދިމާކޮށް ރިލީޒްކުރަން ތައްޔާރުވަމުން އަންނަ މި ފިލްމުގެ ނަމަކީ "ތާމާ"އެވެ. މިއީ ޕްރޮޑިއުސަރު ދިނޭޝް ވީޖަންގެ ހޮރޯ ކޮމެޑީ ޔުނިވާސްއިން އަނެއްކާ ވެސް ބެލުންތެރިންގެ ޝައުގުވެރިކަން ވަރަށް ބޮޑަށް އަތުލާނެ ފިލްމަކަށް ވާނެކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ފިލްމުގެ ޑައިރެކްޓަރަކީ ވެސް ދިނޭޝް ވިޖަންގެ ފިލްމު "މުންޖުޔާ"ގެ ޑައިރެކްޓަރު އަދިތިޔާ ސަރުޕޮދާރެވެ. ފިލްމު "މުންޖުޔާ"އަކީ ވަރަށް ކުޑަ ބަޖެޓަކުން އުފައްދާ ބޮޑު ކާމިޔާބީއެއް ބޮކްސް އޮފީހުގައި ލިބުމުގެ އިތުރުން ބެލުންތެރިންގެ ތަރުހީބު ވަރަށް ބޮޑަށް ހޯދި ފިލްމެކެވެ.
އަޔުޝްމާންއާއި ރަޝްމިކާގެ އިތުރުން މި ފިލްމުން ފެންނާނެ މުހިއްމު ތަރިންގެ ތެރޭ ތަޖުރިބާކާރު އެކްޓަރު ނަވާޒުއްދީން ސިއްދީގީ އަދި ހެއްވާ ރޯލްތައް ކުޅެފައިވާ ޕަރޭޝް ރާވަލް ހިމެނެއެވެ. ރިޕޯޓުތައް ބުނާގޮތުން މި ފިލްމުން ހޮރޯ ކޮމެޑީ ޔުނިވާސްއަށް ވެމްޕެއާސް ތައާރަފުކުރާނެއެވެ.
އެހެންކަމުން އަނެއްކާ ވެސް ބިރުވެރިކަމުގެ ސިލްސިލާއެއް މެޑްޑޮކް ފިލްމްސްއަށް އިތުރުވެ، ބެލުންތެރިންގެ ޝައުގުވެރިކަން ވަރަށް ބޮޑަށް ފިލްމަށް ލިބޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މެޑްޑޮކް ފިލްމްސްއިން މިހާތަނަށް ގެނެސްދީފައިވާ މަގުބޫލު ފިލްމުތަކުގެ ތެރޭ "އިސްތިރީ" އަދި "ބޭޅިޔާ" ހިމެނޭއިރު ފިލްމު "އިސްތިރީ 2" އަކީ މި އަހަރު ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން މިހާތަނަށް ގިނަ ރެކޯޑުތަކެއް ބޮކްސް އޮފީހުގައި މުގުރާލި ފިލްމެކެވެ.