ސައުދީ އަރަބިއާގެ ވެރިރަށް ރިޔާދުގައި ބޭއްވި ޑަބްލިޔުޓީއޭ ފައިނަލްސްގެ ޗެމްޕިއަންކަން މުބާރާތުގައި ތިންވަނައަށް ސީޑުކުރެވިފައިވާ އެމެރިކާގެ ކޯކޯ ގައުފް ކާމިޔާބުކޮށްފިއެވެ.
މުބާރާތުގެ ޗެމްޕިއަންކަން ގައުފް ކާމިޔާބުކޮށްފައިވަނީ ފައިނަލްގައި ހަތްވަނައަށް ސީޑުކުރެވިފައިވާ ޗައިނާގެ ޒެން ގިންވެންއާ ބައްދަލުކުރި މެޗު 2 ސެޓު އެއް ސެޓުން ކާމިޔާބުކޮށްގެންނެވެ.
މުބާރާތުގެ ފައިނަލްގައި މުޅިން އަލަށް ވާދަކުރަމުންދިޔަ ދެ ކުޅުންތެރިންގެ ފައިނަލް މެޗުގެ ފުރަތަމަ ސެޓު 3-6 އިން ކާމިޔާބުކޮށްފައިވަނީ ޒެންއެވެ. ނަމަވެސް، ދެވަނަ ސެޓުގައި ގައުފްވަނީ އޭނާގެ ކުޅުން ރަނގަޅުކޮށް، 6-4 އިން ދެވަނަ ސެޓު ކާމިޔާބުކޮށް ތިންވަނަ ސެޓަކަށް މެޗު ގެންގޮސްފައެވެ. ތިންވަނަ ސެޓު ދިޔައީ ވަރަށް ހަމަހަމަކޮށެވެ. މިގޮތުން 6-6 އިން އެއްވަރުވެ، ނަތީޖާ ނެރެން ޖެހުނީ ޓައި ބްރޭކަކަށް ގޮސްގެންނެވެ. ޓައި ބްރޭކްގައި ގައުފް ވަނީ 7-2 އިން ކުރި ހޯދާ މުބާރާތް ފުރަތަމަ ފަހަރަށް ކާމިޔާބުކޮށްފައެވެ.
އުމުރުން 20 އަހަރުގެ ގައުފްވެފައިވަނީ މީގެ 20 އަހަރު ކުރިން ރަޝިއާގެ މާރިއާ ޝަރަޕޯވާއަށް ފަހު މި މުބާރާތް ކާމިޔާބުކުރި އެންމެ ޒުވާން ކުޅުންތެރިޔާއަށް ވެގެން ގޮސްފައެވެ. މިއީ 2001 ވަނަ އަހަރު ސެރީނާ ވިލިއަމްސް މި މުބާރާތް ކާމިޔާބުކުރި ފަހުން މި މުބާރާތް ކާމިޔާބުކުރި އެމެރިކާގެ އެންމެ ޒުވާން ކުޅުންތެރިޔާ ވެސް މެއެވެ.
މުބާރާތް ކާމިޔާބު ކުރުމުން އޭނާއަށް ފައިސާގެ އިނާމެއްގެ ގޮތުގައި 4.8 މިލިއަން އެމެރިކާ ޑޮލަރު ލިބިގެންދިޔައެވެ. މިއީ އަންހެން ޕްރޮފެޝަނަލް ޓެނިހުގެ ތާރީހުގައި މިހާ ބޮޑު ފައިސާގެ އިނާމެއް ދެވިގެންދިޔަ ފުރަތަމަ ފަހަރެވެ.
މެޗަށް ފަހު ވާހަކަދައްކަމުން ގައުފް ބުނީ، މިއީ ވަރަށް ޚާއްސަ މެޗެއް ކަމަށާއި އޭނާ މުޅި މެޗުގައި ވެސް ބެލީ ހިތްވަރު އެލުވާނުލާ މެޗު ކާމިޔާބުކުރެވޭތޯ ކަމަށެވެ. އަދި، ސައުދީ އަރަބިއާގައި ބޭއްވި އަންހެން ޕްރޮފެޝަނަލް ޓެނިހުގެ ފުރަތަމަ މުބާރާތް ކާމިޔާބުކުރުމުގެ ޝަރަފް ލިބިގެންދިއުމުން ވަރަށް އުފާ ކުރާ ކަމަށް ވެސް އޭނާ ހާމަކުރިއެވެ.
މުބާރާތުގެ ފައިނަލުން ބަލިވި ނަމަވެސް ޒެންއަށް ވެސް މި ސީޒަން ވެފައިވަނީ ވަރަށް ކާމިޔާބު އަދި ތާރީހީ ސީޒަނަކަށެވެ. މި އަހަރު ބޭއްވި އޮލިމްޕިކް ކުޅިވަރު މުބާރާތުގެ ރަން މެޑަލް ހާސިލުކުރި ޒެން ބުނީ، މެޗުން ބަލިވުމުން ދެރަވާ ކަމަށާއި ނަމަވެސް މިހާރު މުހިންމީ މި ކަންތައް ހަނދާން ނައްތައިލާ ކުރިއަށް އޮތް މުބާރާތަށް މިއަށްވުރެ ރަނގަޅަށް ތައްޔާރުވުން ކަމުގައި ވެސް އޭނާ ހާމަކުރިއެވެ.
މުބާރާތުގައި ޑަބަލްސް ޗެމްޕިއަންކަން ހާސިލުކޮށްފައިވަނީ ދެވަނައަށް ސީޑުކުރެވިފައިވާ ނިއުޒީލަންޑްގެ އެރިން ރޫޓްލިފާއި ކެނެޑާގެ ގެބްރިއޭލާ ޑަބްރޯވްސްކީއެވެ. ދެ ކުޅުންތެރިން މި މުބާރާތް ކާމިޔާބުކޮށްފައިވަނީ ފައިނަލްގައި އެމެރިކާގެ ޓޭލާ ޓައުންސެންޑްއާއި ޗެކް ރިޕަބްލިކްގެ ކެޓެރިނާ ސިނިއަކޯވާއާއި ބައްދަލުކޮށް 7-5 އަދި 6-3 އިން މެޗު ކާމިޔާބުކޮށްގެންނެވެ.