އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިޓަން އެންޑް ހޯވް އެލްބިއަންއިން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަ ސިޓީ ބަލިކޮށްފިއެވެ. މިއީ ސިޓީ ޖެހިޖެހިގެން ބަލިވި ހަތަރުވަނަ މެޗެވެ.
ބްރައިޓަންގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ ފަހަތުން އަރައި 22-1 އިންނެެވެ.
މިއީ ސިޓީއިން ޖެހިޖެހިގެން ބަލިވި ހަތަރުވަނަ މެޗެވެ.
ފުރަތަމަ ހާފުގައި ސިޓީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު ބްރައިޓަންއިން ވެސް ވަނީ ޑިފެންސް ކުރުމާ އެކު ލިބޭ ފުރުސަތުތަކުގައި ކައުންޓާ އެޓޭކްކޮށް ފަހަކަށް އައިސް ހީނަރުކޮށް ފެންނަ ޑިފެންސްއަށް ނުރައްކާ ކޮށްފައެވެ.
މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 23 ވަނަ މިނެޓުގައި ކާމިޔާބުކޮށް، މެޗުގެ ލީޑު ނަގައިފާވަނީ ސިޓީންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނުރައްކާތެރި ފޯވަޑް އާލިން ހާލަންޑެވެ. މިއީ އޭނާ މި ފަހަރުގެ މުބާރާތުގައި ކާމިޔާބުކުރި 12 ވަނަ ލަނޑެވެ.
މި ހާފުގައި ލަނޑު ޖަހާނެ އިތުރު ފުރުސަތު ލިބިގެންދިޔަ ނަމަވެސް ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުކުރެވޭގޮތެއް ނުވިއެވެ.
މެޗުގެ ދެވަނަ ހާފަށް ބްރައިޓަންއިން ނުކުތީ ފުރަތަމަ ހާފަށްވުރެ ކުޅުން ރަނގަޅުކޮށް މެޗުން ނަތީޖާއެއް ނެރުމުގެ އަޒުމާ އެކުއެވެ. މި ހާފުގައި ބްރައިޓަންއިން ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފެއްދިތަން ފެނިގެންދިޔައެވެ.
މެޗުގެ 78 ވަނަ މިނެޓުގައި ބްރައިޓަންއިން އުފެއްދި ހަމަލާއެއް ކްލިއާކުރުމުގައި ސިޓީގެ ކުޅުންތެރިން ލަސްވުމުގެ ފައިދާ ނަގައި، އެ ޓީމުންވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިޔާ ޖާއޮ ޕެޑްރޯއެވެ. އެ ޓީމުގެ ދެވަނަ ލަނޑު މެޗުގެ 83 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މެޓް އޯރައިލީއެވެ.
މި ކާމިޔާބީއާ އެކު މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުންދާ ބްރައިޓަން މިހާރުވަނީ 19 ޕޮއިންޓާ އެކު ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައެވެ.
ސިޓީއަށް ބަލާލާއިރު މިއީ 2006 ވަނަ އަހަރަށް ފަހު ސިޓީ ހަތަރު މެޗުން ޖެހިޖެހިގެން ބަލިވި ފުރަތަމަ ފަހަރެވެ. ހަމައެއާއެކު މިއީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ކޯޗިން ކެރިއަރުގައި އޭނާގެ ޓީމެއް ޖެހިޖެހިގެން ހަތަރު މެޗުން ބަލިވި ފުރަތަމަ ފަހަރެވެ.
ސިޓީއަށް މި ވަގުތު މައްސަލަ ދިމާވެފައިވަނީ އެ ޓީމުގެ ކުޅުންތެރިންނަށް ނުކުޅެވުމުގެ ބަދަލުގައި އެ ޓީމުގެ މުހިންމު ގިނަ ކުޅުންތެރިންތަކަކަށް އަނިޔާވެފައިވުމެވެ. ޚާއްސަކޮށް ޑިފެންސްގެ މުހިންމު ކުޅުންތެރިންތަކެއް އަނިޔާގައި ތިބިކަން ފާހަގަ ވެގެންދެއެވެ. އަދި، އަނިޔާއިން އެނބުރި އައިސްފައިވާ ކުޅުންތެރިންގެ ކިބައިން މެޗު ފިޓްނުވުމުގެ އަސަރު ވަރަށް ބޮޑަށް ފެނިގެންދެއެވެ.
މި ނާކާމިޔާބީއާ އެކު ވެސް ސިޓީ އޮތީ 23 ޕޮއިންޓާ އެކު ތާވަލުގެ ދެވަނައިގައެވެ.
މުބާރާތުގައި ފުލަމްއާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށްފައިވަނީ ފުލަމެވެ. ޕެލަސްގެ ދަނޑުގައި ކުޅުނު މިމެޗުގައި ފުލަމްގެ ފުރަތަމަ ލަނޑު އެމީލް ސުމިތު ރޯ ކާމިޔާބު ކޮށްދިންއިރު ދެވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހެރީ ވިލްސަންއެވެ.
މި ކާމިޔާބީއާ އެކު ފުލަމް އޮތީ 18 ޕޮއިންޓާ އެކު ތާވަލުގެ އަށްވަނައިގައެވެ. އަދި، ޕެލަސް އޮތީ ހަތް ޕޮއިންޓާ އެކު ތާވަލުގެ 17 ވަނައިގައެވެ.