ޑަބްލިޔުޓީއޭ ފައިނަލްސްގެ ފައިނަލުން ގައުފް އާއި ޒެން ޖާގަހޯދައިފި

ސައުދީ އަރަބިއާގެ ވެރިރަށް ރިޔާދުގައި މިހާރު ކުރިއަށްދާ ޑަބްލިޔުޓީއޭ ފައިނަލްސްގެ ފައިނަލުން މިމުބާރާތުގައި ތިންވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ކޯކޯ ގައުފް އާއި ހަތްވަނައަށް ސީޑު ކުރެވިފައިވާ ޒެން ގިންވެން ޖާގަހޯދައިފިއެވެ.

މިމުބާރާތުގެ ފައިނަލުން ގައުފް ޖާގަ ހޯދާފައިވަނީ މިމުބާރާތް ކާމިޔާބު ކުރާނެ ކަމަށް ގިނަ ބަޔަކު ގަބޫލްކުރި ދުނިޔޭގައި އެއްވަނައަށް ރޭންކް ކުރެވިފައިވާ އަދި މިމުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވި ބެލަރޫސްގެ އަރިނާ ސަބަލެންކާ ސެމީފައިނަލްގައި ބަލިކުރުމަށްފަހުއެވެ.

އަންހެން ޓެނިސް ކުޅުންތެރިންގެ ސީޒަން ނިންމާ މުބާރާތުގެ ގޮތުގައި ފާހަގަ ކުރެވިފައިވާ މިމުބާރާތުގެ ސެމީފައިނަލް ގައުފް ކާމިޔާބު ކޮށްފާވަނީ ސީދާ ދެސެޓުންނެވެ. ނަމަވެސް މިމެޗުގެ ފުރަތަމަ ސެޓު ގައުފްއަށް ކާމިޔާބު ކުރެވިފައިވާ ވަރަށް އުނދަގުލުންނެވެ. މިގޮތުން މިސެޓު ޓައި ބްރޭކަކަށް ގޮސް އޭނާ އަށް ކުރި ލިބިގެންދިޔައީ ހަތެއް ހަތަރަކުންނެވެ. އަދި ދެވަނަ ސެޓު ގައުފް ކާމިޔާބު ކޮށްފައިވަނީ ހައެއް ތިނަކުންނެވެ.

މިމެޗުގައި ސަބަލެންކާއަށް އޭނާގެ އެންމެ މޮޅު ކުޅުން ތަކުރާރު ކުރެވޭގޮތެއް ނުވިއެވެ. މިގޮތުން މުޅި މެޗުގައި ސަބަލެންކާގެ ފަރާތުންވަނީ 37 އަންފޯސްޑް އެރާ ފެނިފައެވެ.

މިމުބާރާތުގައި ގައުފް އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. މިގޮތުން ގްރޫޕް މަރްހަލާގައި ދެވަނައަށް ސީޑު ކުރެވިފައިވާ ޕޯލަންޑްގެ އީގާ ޝްވާޓެކްވެސް ބަލިކޮށްފައެވެ. އަދި އަހަރުގެ ފަހު ގްރޭން ސްލޭމް މުބާރާތް ކަމަށްވާ ޔޫއެސް އޯޕަންގެ ކްއާޓާ ފައިނަލްއިން ބަލިވިފަހުން މިހާތަނަށް ކުޅުނު 14 މެޗުގެ ތެރެއިން ބަލިވެފައިވަނީ ދެ މެޗުންނެވެ. މިއީ މިމުބާރާތުގެ ފައިނަލުން ގައުފްއަށް ޖާގަހޯދުނު ފުރަތަމަ ފަހަރެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ގައުފް ބުނީ ސީޒަން ނިންމާ މުބާރާތުގެ ފައިނަލުން ޖާގަ ހޯދުން ރަމްޒުކޮށްދެނީ އޭނާއަށް ކާމިޔާބު ސީޒަނެއް ހޭދަކުރެވިއްޖެކަން ކަމަށާއި މިހާ ހިސާބަށް އާދެވުންވެސް މިއީ އިނާމެއް ކަމަށެވެ.

މިމުބާރާތުގެ ފައިނަލްގައި ގައުފް ބައްދަލުކުރުމަށް ހަމަޖެހިފައިވާ ޒެން ފައިނަލުން ޖާގަ ހޯދާފައިވަނީ ސެމީފައިނަލްގައި އަށް ވަނައަށް ސީޑު ކުރެވިފައިވާ ޗެކް ރިޕަބްލިކްގެ ބާބޮރާ ކްރެއިޗިކޯވާ ސިދާ ދެސެޓުން ބަލިކޮށްގެންނެވެ. މިމެޗު ޒެން ކާމިޔާބު ކޮށްފައިވަނީ ހައެއް ތިނެއް އަދި ހަތެއް ފަހަކުންނެވެ. މިއީ އޮލިމްޕިކް ކުޅިވަރު މުބާރާތުގެ ރަން މެޑަލް ހާސިލްކުރި ޒެން ޑަބްލިޔު.ޓީ.އޭ. ފައިނަލްސްގެ ފައިނަލުން ޖާގަހޯދުނު ފުރަތަމަ ފަހަރެވެ. އެހެން ކަމުން މިފަހަރު މިމުބާރާތުގެ ތަށި އާ ކުޅުންތެރިއެއް އުފުލާލާނެކަން މިހާރު މިވަނީ ޔަގީން ވެފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޒެން ބުނީ އޭނާއަށް ޚާއްސަ އިހްސާސްތަކެއް ކުރެވެމުންދާ ކަމަށާއި މިމުބާރާތުގެ ފައިނަލުން ޖާގަ ލިބުމަކީ އާދަޔާ ޚިލާފް ކަމެއް ކަމަށެވެ.

comment ކޮމެންޓް