އެކްޓަރު ސުނިލް ޝެޓީ ކާފައަކަށް ވަނީ

ސުނިލް ޝެޓީ އާއިލާއާ އެކު--ފޮޓޯ/ޕިންކްވިލާ


ބޮލީވުޑްގެ އެކްޓަރު ސުނިލް ޝެޓީއަށް ކާފަ ދަރިފުޅަކު ލިބޭކަން އިއުލާނުކޮށްފިއެވެ.

ސުނިލް ޝެޓީގެ ދޮށީ ދަރިފުޅު އަތިޔާ ޝެޓީ އާއި ފިރިމީހާ އަދި އިންޑިއާގެ ޤައުމީ ކްރިކެޓް ޓީމުގެ ކުޅުންތެރިޔާ ކޭއެލް ރާހުލް ވަނީ ދެމަފިރިންނަށް އަލަތު ދަރިއަކު ލިބޭކަން އިއުލާނުކޮށްފައެވެ.

އަތިޔާ ޝެޓީ ފިލްމީ ދާއިރާއަށް ތައާރަފުވެފައި ވަނީ 2015 ވަނަ އަހަރެވެ. މިހާތަނަށް އެންމެ ހަތަރު ފިލްމުން އަތިޔާ ބެލުންތެރިންނަށް ފެނިފައިވާއިރު 2019 ވަނަ އަހަރަށް ފަހު އަތިޔާ އެއްވެސް ފިލްމަކަށް ސޮއިކޮށްފައެއް ނުވެއެވެ.

އަތިޔާގެ ބައްޕަ ސުނިލް ޝެޓީއަކީ 90ގެ އަހަރުތަކުން ފެށިގެންވެސް ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމީ ތަރިއަކަށްވީ ނަމަވެސް އަތިޔާގެ ފިލްމުތަކަށް އާއްމުންގެ މާބޮޑު ތަރުހީބެއް ނުލިބެއެވެ.

ފިލްމުތަކުން ނުފެނުނު ނަމަވެސް އަތިޔާ އަކީ އިންޑިއާގައި ބާއްވާ ވަރަށް ގިނަ ފެޝަން ޝޯތަކުން ފެންނަ މޫނެކެވެ. ހަމައެއާއެކު ވަރަށް ގިނަ އުފެއްދުންތަކުގެ އެންޑޯސްމެންޓްތަކުން ވެސް އަތިޔާ ފެނެއެވެ.

އަތިޔާ ޝެޓީ ފިރިމީހާ ރާހުލްއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ

މިދިޔަ އަހަރުގެ ޖެނުއަރީ މަހު އަތިޔާ އާއި ކުރިކެޓް ކުޅުންތެރިޔާ ރާހުލްގެ ކައިވެނި ކުރީ ދެ މީހުން ވަރަށް ދުވަސްވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހުއެވެ. ކައިވެންޏާ ހަމައަށް ވެސް ދެ މީހުންގެ ލޯބީގެ ގުޅުން ދިޔައީ އާއްމުންނަށް ސިއްރުކުރަމުންނެވެ.

ޢުމުރުން 63 އަހަރުގެ ސުނިލް ޝެޓީގެ އާއިލާއަށް އާ މެމްބަރަކު އިތުރުވާތީ އެކަމާ އެންމެ އުފާކުރާ އެކަކީ ސުނިލްއެވެ. އަތިޔާ ބަލިވެއިންކަން އިއުލާން ކުރުމާ ގުޅިގެން ވަރަށް ގިނަ ބަޔަކު ވަނީ އެ އާއިލާއަށް މަރުހަބާގެ މެސެޖުތައް ފޮނުވާފައެވެ.


ސުނިލް ޝެޓީގެ ދެ ކުދިން ތިބޭއިރު ހަގު ދަރިފުޅު އަހާން ޝެޓީ ވެސް ވަނީ ފިލްމު އިންޑަސްޓްރީއާ ގުޅިފައެވެ. އަހާން ޝެޓީ ފިލްމީ ދާއިރާއަށް ތައާރަފްވީ 2021ވަނަ އަހަރު ރިލީޒްވި ފިލްމު "ތަޅަޕް"އިންނެވެ. އަހާން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ އަންނަ އަހަރު ރިލީޒްކުރާ ފިލްމު "ސަންކީ"އިންނެވެ.

comment ކޮމެންޓް