ވިކްރާންތުގެ އާ ފިލްމު އިއުލާންކުރުމާއެކު އިންޒާރުގެ މެސެޖުތަކެއް ލިބެމުން އަންނަ ކަމަށް ބުނެފި

މި މަހުގެ 15 ވަނަ ދުވަހު ރިލީޒްކުރުމަށް ތާވަލުކޮށްފައިވާ އެކްޓަރު ވިކްރާންތު މަސޭގެ ފިލްމު "ދަ ސަބަރުމަތީ ރިޕޯޓު" ފިލްމު އިއުލާނުކުރުމާ އެކު ފިލްމުގެ ކާސްޓުންނަށް އިންޒާރުތަކެއް ލިބެމުން އަންނަ ކަމަށް އެކްޓަރު ބުނެފިއެވެ.

މި ފިލްމުގެ ޓްރެއިލާ ލޯންޗުކުރި ހަފުލާގައި ވާހަކަ ދައްކަމުން ވިކްރާންތު ބުނީ، ފިލްމު ބިނާކޮށްފައިވާ ހާދިސާ ގެނެސްދީފައިވާ ގޮތާ ބެހޭގޮތުން ބައެއް މީހުން ހިތްހަމަނުޖެހުން ފާޅުކޮށް ވިކްރާންތުގެ އިތުރުން ފިލްމުގެ މުހިއްމު އެހެން ތަރިންނަށް ވެސް އަންނަނީ އެކި ކަހަލަ އިންޒާރުތައް ލިބެމުން ކަމަށެވެ.

އެކަމާބެހޭ މާބޮޑު ތަފުސީލަކަށް ނުގޮސް ވިކްރާންތު ބުނީ، އެމީހުންނަކީ އެކްޓަރުން ކަމަށާއި ފިލްމުގައި އަދާކުރާ ރޯލަކީ ފިލްމު އުފައްދާ ފަރާތުން ނިންމާ ނިންމުންތައް ކަމަށެވެ. އެކަމާ ބެލުންތެރިން ހިތްހަމަނުޖެހުން ފާޅުކުރިޔަސް އެކްޓަރުންނަށް އެކަމުގައި ކުރެވޭނެ މާބޮޑު ކަމެއް ނޯންނާނެ ކަމަށް ވިކްރާންތު ވަނީ ބުނެފައެވެ.

ފިލްމު "ދަ ސަބަރުމަތީ ރިޕޯޓު"ގެ ޕޯސްޓަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ

ވިކްރާންތު ޖެހިލުން ކުޑަ ނޫސްވެރިއެއްގެ ރޯލް ކުޅޭ މި ފިލްމަކީ، 2002 ވަނަ އަހަރު އިންޑިއާގެ ހިންދޫންގެ 59 މީހަކު އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ އަޔޯދިޔާއިން ހިންދޫންގެ ޚާއްސަ އަޅުކަމެއް ނިންމުމަށްފަހު އެނބުރި އެމީހުން ދިރިއުޅޭ އަވަށްތަކަށް ކުރި ދަތުރުގައި ހިނގި އަލިފާނުގެ ހާދިސާއަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.

ދީރަޖު ސަރުނާ ޑައިރެކްޓްކޮށް އެކްތާ ކަޕޫރު ޕްރޮޑިއުސްކުރާ މި ފިލްމުން ވިކްރާންތާއެކު ސައުތު ބަތަލާ ރާޝީ ކަންނާ އަދި ރިދީ ދޯގްރާ ވެސް ފެންނާނެއެވެ.

comment ކޮމެންޓް