ސައުދީ އަރަބިއާގެ ވެރިރަށް ރިޔާދުގައި މިހާރު ކުރިއަށްދާ ޑަބްލިޔުޓީއޭ ފައިނަލްސްއިން އެންމެ ފަހުގެ ޗެމްޕިއަން ޕޯލަންޑްގެ އީގާ ޝްވާޓެކް މުބާރާތުން ކަޓައިފިއެވެ.
މިމުބާރާތަށް ޝްވާޓެކް އަލްވަދާއު ކިޔަން ޖެހުނީ އޭނާ ކުޅުނު ފަހު މެޗު ކާމިޔާބު ކުުރުމާއެކުވެސް އޮރެންޖް ގްރޫޕްގައި ދެން ކުޅުނު މެޗުން އަށް ވަނައަށް ސީޑު ކުރެވިފައިވާ ޗެކް ރިޕަބްލިކްގެ ބާބޮރާ ކްރެއިޗިކޯވާ އާއި ތިންވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ކޯކޯ ގައުފް ބައްދަލުކުރި މެޗު ސީދާ ދެސެޓުން ކްރެއިޗިކޯވާ ކާމިޔާބު ކުރުމުންނެވެ.
ޝްވާޓެކް އާއި މިމުބާރާތަށް އެންމެ ފަހު ވަގުތު ބައިވެރިވުމުގެ ފުރުސަތު ދިން ރަޝިއާގެ ޑާރިއާ ކަސަޓްކީނާ ބައްދަލުކުރި މެޗު ޝްވާޓެކްވަނީ ފަސޭހަ ކަމާއެކު ހައެއް އެކެއް އަދި ހައެއް ސުމަކުން ކާމިޔާބު ކޮށްފައެވެ. ނަމަވެސް މިނަތީޖާ މިގޮތަށް ނުކުތުމުގެ އިތުރުން އޭނާއަށް ޖެހުނީ ގައުފް އާއި ކްރެއިޗިކޯވާ މެޗުގެ ނަތީޖާއަށް އިންތިޒާރު ކުރާށެވެ. އަދި އެމެޗު ކްރެއިޗިކޯވާ ސީދާ ދެސެޓުން ކާމިޔާބު ކުރުމާއެކު ކްރެއިޗިކޯވާއަށް ސެމީ ފައިނަލްގެ ޖާގަ ލިބުނީއެވެ.
މިއާއެކު ގައުފް އާއި ކްރެއިޗިކޯވާ އަދި ޝްވާޓެކްއިން ކުރެ ކޮންމެ ކުޅުންތެރިޔަކު ދެމެޗު ކާމިޔާބު ކޮށްފައިވީ ނަމަވެސް ޝްވާޓެކް ކާމިޔާބު ކުރި ދެމެޗުގެ ތެރެއިން އެއްމެޗު ދެ ސެޓު އެއް ސެޓުން ކާމިޔާބު ކުރެވިފައިވުމުން އޭނާއަށް ކުރި ނުލިބުނީއެވެ. އަދި އަނެއް ދެ ކުޅުންތެރިން ކާމިޔާބު ކުރި ދެމެޗުވެސް ކާމިޔާބު ކޮށްފައިވަނީ ސީދާ ދެސެޓުންނެވެ. މިއީ 2021 ވަނަ އަހަރަށް ފަހު މިމުބާރާތުގެ ގްރޫޕް މަރްހަލާއިން ޝްވާޓެކްއަށް މުބާރާތަށް އަލްވަދާއު ކިޔަން ޖެހުނު ފުރަތަމަ ފަހަރެވެ.
މިމުބާރާތުގައި ގައުފްގެ މައްޗަށް ކްރެއިޗިކޯ ކުރި ހޯދީ ހަތެއް ފަހެއް އަދި ހައެއް ތިނަކުންނެވެ. އަދި މިކާމިޔާބީއާއެކު އޭނާ ސެމީފައިނަލުން ޖާގަހޯދާފައިވަނީ ގްރޫޕްގެ އެއްވަނަ ކުޅުންތެރިޔާގެ ގޮތުގައެވެ. އެހެން ކަމުން ސެމީފައިނަލްގައި ކްރެއިޗިކޯވާ ބައްދަލުކުރާނީ ޕާޕަލް ގްރޫޕުން ދެވަނައަށް ދިޔަ ހަތްވަނަ ސީޑު ޗައިނާގެ ޒެން ގިންވެން އާއެވެ. އަދި ގައުފް ބައްދަލުކުރާނީ އެއްވަނައަށް ސީޑު ކުރެވިފައިވާ ޕާޕަލް ގްރޫޕްގެ އެއްވަނަ ހޯދި ބެލަރޫސްގެ އެރިނާ ސަބަލެންކާ އާއެވެ.
ގައުފްގެ މައްޗަށް ކުރި ހޯދި މެޗަށްފަހު ވާހަކަ ދައްކަމުން ކްރެއިޗިކޯވާ ބުނީ އޭނާގެ ކެރިއަރުގެ އެންމެ ފާހަގަ ކޮށްލެވޭ ވަގުތަކީ ވިމްބަލްޑަން ޗެމްޕިއަންޝިޕްގެ އަންހެން ސިންގަލްސް ކާމިޔާބު ކުރުން ކަމަށާއި މިމުބާރާތަށް އައިސް ސެމިފައިނަލުން ޖާގަ ހޯދުން މިއީ އޭނާ ހިތަށް އެރިކަމެއްވެސް ނޫންކަމަށެވެ. އަދި މިމެޗުގައި އޭނާ ދިޔައީ ކޮންމެ ބޯޅައަކަށްވެސް ކުރެވުނު ހުރިހާ މަސައްކަތެއް ކުރަމުންކަމަށާއި އެއީ ގައުފް ކަހަލަ ކުޅުންތެރިއެއް ކައިރީ ކާމިޔާބު ލިބޭނީ އެވަރަށް ކުޅެގެން ކަމަށްވާތީ ކަމުގައި ކްރެއިޗިކޯވާ ހާމަކުރިއެވެ.