ޗައިނާއަށް ޖާސޫސްކޮށްދިން ކަމަށް ތުހުމަތު ކުރެވޭ އެމެރިކާ ރައްޔިތަކު ޖަރުމަނުން ހައްޔަރުކޮށްފި

ބާލިންގެ ޗާންސެލަރީގައި ޖަރުމަނުވިލާތާއި ޗައިނާގެ ދިދަ ނަގާފައި. ފޮޓޯ/އޭއެފްޕީ

އެމެރިކާގެ އަސްކަރިއްޔާއާ ބެހޭ ޖާސޫސީ މައުލޫމާތު ޗައިނާއަށް ފޯރުކޮށްދިން ކަމަށް ޝައްކު ކުރެވޭ އެމެރިކާގެ ރައްޔިތަކު ޖަރުމަނުވިލާތުން ހައްޔަރުކޮށްފި ކަމަށް ފެޑެރަލް ޕްރޮސެކިއުޓަރުގެ އޮފީހުން ބުނެފިއެވެ. އެމީހާ އަކީ ޖަރުމަނުވިލާތުގައި މަސައްކަތްކުރާ އެމެރިކާ ސިފައިންގެ މީހެކެވެ.

ޖަރުމަނުވިލާތުގެ ޕީޖީން ބުނާ ގޮތުގައި ޖަރުމަނުގެ ޕްރައިވެސީ ގާނޫނުގެ ދަށުން އެ މީހާ ހައްޔަރުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ފްރެންކްފާޓްގައެވެ.

ޕީޖީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބޭރުގެ ޖާސޫސީ އިދާރާއެއްގެ އޭޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރަން ތައްޔާރަށް ހުރި ކަމަށް ބުނެފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށާއި އޭނާ ވަނީ 2024ވަނަ އަހަރު ޗައިނާގެ އޮފިޝަލުންނާ ގުޅައި އެމެރިކާގެ އަސްކަރިއްޔާއާ ބެހޭ ސިއްރު މައުލޫމާތު ފޯރުކޮށްދިނުމަށް ތައްޔާރަށް ހުރި ކަމަށް ބުނެފައި ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

ޕީޖީން ބުނީ ދައުވާ ލިބޭ މީހާއަކީ ދާދިފަހަކާ ޖެހެންދެން ވެސް އެމެރިކާ ސިފައިންގެ ތެރޭގައި މަސައްކަތް ކުރި މީހެއް ކަމަށެވެ. މި ތަހުގީގު ކުރިއަށް ގެންދަނީ ޖަރުމަނުވިލާތުގެ ޖާސޫސީ އިދާރާއާ ގުޅިގެން ކަމަށް ޕީޖީން އިތުރަށް ބުނެފައިވެއެވެ.

އެކަމާ ގުޅިގެން ޗައިނާއިން އަދި އެމެރިކާއިން ވެސް ވަކި އެއްޗެއް ހާމަކޮށްފައެއްނުވެއެވެ.

މިދިޔަ މަހު ޖަރުމަނުވިލާތުން ވަނީ ބެއިޖިން އިން ޖާސޫސު ކުރުމުގެ ނުރައްކާ އިތުރުވާނެ ކަމުގެ އިންޒާރު ދީ، ސަރުކާރާއި ވިޔަފާރީގެ ދާއިރާތަކުގެ މުވައްޒަފުންގެ ސެކިއުރިޓީ ހަރުކަށިކޮށްފައެވެ.

އޭޕްރީލް މަހު ޖަރުމަނުވިލާތުގެ ތިން މީހަކު ވަނީ ޗައިނާގެ ކަނޑުގެ ސިފައިން އިތުރަށް ވަރުގަދަކޮށްދޭނެ ޓެކްނޮލޮޖީ ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ. ހަމަ އެ މަހު ޖަރުމަނުވިލާތުގެ ސިޔާސީ ބޭފުޅެއްގެ މުވައްޒަފަކު ޗައިނާގެ ޖާސޫސީ އިދާރާއާ ގުޅިގެން މަސައްކަތް ކުރި ކަމަށްވެސް ތުހުމަތު ކުރެވުނެވެ.

ޗައިނާއިން ޖާސޫސްކުރާ ކަމަށް ތުހުމަތު ކުރެވޭ ކަންކަމާ މެދު ކަންބޮޑުވުން ފާއިތުވި މަސްތަކުގައި ހުޅަނގުގެ އެހެން ހިސާބުތަކުގައިވެސް ވަނީ އިތުރުވެފައެވެ.

އެގޮތުން މާޗް މަހު އެމެރިކާ އާއި އިނގިރޭސިވިލާތުން ވަނީ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއި ޢިލްމުވެރިންނާއި ނޫސްވެރިންގެ އިތުރުން ޑިފެންސް ކޮންޓްރެކްޓަރުން ފަދަ ކުންފުނިތަކާ ދެކޮޅަށް ބެއިޖިން އިން ސައިބާ ޖާސޫސު ކުރާ ކަމަށް ތުހުމަތުކޮށްފައެވެ.

comment ކޮމެންޓް