މި މަހުގެ ފަސް ވަނަ ދުވަހު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގައި ހިމެނިވަޑައިގަންނަވާނެ ކަމަށް ފުރަތަމަ އިއުލާން ކުރެއްވި ބޭފުޅަކަށް އަންހެނެއްގެ ނަން އިއުލާންކުރައްވައިފިއެވެ.
ޓްރަމްޕް ފުރަތަމަ އިއުލާން ކުރެއްވި މަގާމަކީ ވައިޓް ހައުސް ޗީފް އޮފް ސްޓާފް ކަމަށްވާއިރު، އެ މަގާމަށް އައްޔަން ކުރެއްވީ އެމަނިކުފާނުގެ ކާމިޔާބު ކެމްޕޭންގެ މެނޭޖަރުގެ ގޮތުގައި މަސައްކަތް ކުރެއްވި ސޫސީ ވައިލްސްއެވެ.
"ސޫސީ ވައިލްސް ވަނީ އެމެރިކާގެ ތާރީޚުގައި ވެސް އަޅުގަނޑަށް ލިބުނު އެންމެ ބޮޑު ސިޔާސީ ކާމިޔާބީ ހޯދުމަށް އެހީތެރިވެދެއްވައިފައި. އަދި 2016 އާއި 2020 ވަނަ އަހަރުގެ ކާމިޔާބު ކެމްޕޭންތަކުގެ މުހިންމު ރޯލެއް އަދާކުރެއްވި." ޓްރަމްޕް ނެރުއްވި ބަޔާނެއްގައި ވިދާޅުވިއެވެ.
ސޫސީ ވައިލްސްއަކީ ކާކު؟
އެމެރިކާގެ ރަގްބީ ލީގް، އެންއެފްއެލްގެ މަޝްހޫރު ޝަހުސިއްޔަތެއް ކަމަށްވާ ޕެޓް ސަމަރޯލްގެ ދަރިކަނބަލުން ސޫޒަން ސަމަރޯލް ވައިލްސް ވަނީ ޔުނިވާސިޓީ އޮފް މެރީލޭންޑް، ކޮލެޖް ޕާކުން ޑިގްރީ ހާސިލް ކުރައްވާފައެވެ.
ސިޔާސީ ދާއިރާގައި ވައިލްސްގެ މަސައްކަތް ފެއްޓެވީ ނިއުޔޯކް ޖަޔަންޓްސްގައި އޭނާގެ ބައްޕަގެ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި އުޅުއްވުމަށް ފަހު ގާނޫނު ހަދާ މަޖިލީހުގެ ތިރީގޭގައި މަސައްކަތްކުރެއްވި، ރިޕަބްލިކަން ޕާޓީގެ ޖެކް ކެމްޕްއަށް ކެމްޕޭނު ކޮށްދެވުމުގެ ތެރެއިންނެވެ. ކުރީގެ ރައީސް ރޮނާލްޑް ރޭގަންގެ 1980 ވަނަ އަހަރުގެ ކެމްޕޭނުގައި ވެސް އޭނާ މަސައްކަތް ކުރައްވާފައިވާއިރު، އޭގެކުރިން ފްލޮރިޑާގެ ޖެކްސަންވިލްގެ މޭޔަރުގެ މަގާމު އަދާކުރެއްވި ޖޯން ޑެލާނީގެ ޗީފް އޮފް ސްޓާފްގެ މަގާމުވެސް އަދާކުރެއްވިއެވެ.
ޓްރަމްޕްގެ ކެމްޕޭނުގައި ވައިލްސްގެ މަސައްކަތް އެންމެ ފުރަތަމަ ފެއްޓެވީ 2016 ވަނަ އަހަރެވެ.
ވައިލްސް ޓްރަމްޕްގެ 'ސޭވް އެމެރިކާ' ކޮމިޓީގެ ސީއީއޯއަކަށް ވެވަޑައިގަތީ 2021 ވަނަ އަހަރުގެ މާޗް މަހެވެ.