މީގެކުރިންވެސް ރީތި ލޯބީގެ ވާހަކަތައް ސްކްރީނަށް ގެނެސްދިނުމަށް މަޝްހޫރު ދަރުމާ ޕްރޮޑަކްޝަންސްއިން އިތުރު ލޯބީގެ ވާހަކައެއް ގެނެސްދޭން ނިންމާފައިވާކަން އިއުލާނުކޮށްފިއެވެ.
ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ދަރުމާއިން "ޗާންދު މޭރާ ދިލް"ގެ ނަމުން އިއުލާނުކޮށްފައިވާ ލޯބީގެ މި ފިލްމަކީ ބަތަލާ އަނަނިޔާ ޕާންޑޭ އާއި ބޮޑު މަގުބޫލުކަމެއް ލިބުނު ފިލްމު "ކިލް"ގެ އެކްޓަރު ލަކްޝް ލަލްވާނީ ހިމަނައިގެން އުފައްދާ ފިލްމެކެވެ.
ކުރިއަށް އޮތްތަނުގައި ދަރުމާގެ އެންމެ މަގުބޫލު އޮން ސްކްރީން ޖޯޑަށް މި ދެތަރިން ވެދާނެ ކަމުގެ ފުރުސަތު ބޮޑު ކަމަށާއި ކުރިޔަށް އޮތް ތަނުގައި ވެސް މި ދެތަރިން އެކީގައި ގިނަ ފިލްމުތަކުން ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ބައެއް މީހުން އަންނަނީ ބުނަމުންނެވެ.
މި ފިލްމުގެ ރީތި ޕޯސްޓަރުތަކަކާ އެކު ފިލްމު އިއުލާނު ކުރުމުން މިއީ ވަރަށް ހިތްގައިމު ލޯބީގެ ވާހަކައަކަށް ވާނެ ކަމަށް ބައެއް މީހުން އަންނަނީ ބުނަމުންނެވެ. ވިވެކް ސޯނީ ޑައިރެކްޓްކުރާ މި ފިލްމު ރިލީޒްކުރާނެ ވަކި ތާރީޚެއް އިއުލާނުކޮށްފައި ނުވާއިރު ބެލުންތެރިންނަށް ފިލްމު ގެނެސްދޭން ނިންމާފައި ވަނީ އަންނަ އަހަރެވެ.
ދަރުމާއިން ގެނެސްދިން "ސްޓޫޑެންޓް އޮފް ދަ އިޔާ 2"އިން ފިލްމީ ދާއިރާއަށް ނުކުތް ބަތަލާ އަނަނިޔާ އަކީ މިވަގުތު ބޮލީވުޑްގެ އެންމެ އުޖާލާ ކުރިމަގެއް އޮތް ކަމަށް ގިނަ ބަޔަކު ދެކޭ އެއް ބަތަލާއެވެ. ވަރަށް ކުޑަ ދުވަސްކޮޅެއްގެތެރޭ ފިލްމު އުފެއްދުންތެރިންގެ ހިތުން ޖާގަ ހޯދާފައިވާ ބަތަލާގެ މިފަހުން ރިލީޒްވި ގިނަ ފިލްމުތަކަށް ބެލުންތެރިންގެ ފަރާތުން ވަނީ ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިފައެވެ.
ފިލްމު "ކިލް"ގައި ޒުވާން އެކްޓަރު ލަކްޝްޔަ ދެއްކި މޮޅު ހުނަރުން ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ލިބިފައިވާއިރު ލަކްޝް އަކީ ހުނަރުން ފުރިފައިވާ އެކްޓަރެއްގެ ގޮތުގައި ބެލުންތެރިން ވަނީ ސިފަކޮށްފައެވެ. ފިލްމު "ޗާންދު މެރާ ދިލް"ގެ ސްޓޯރީ މިހާތަނަށް ސިއްރުކޮށްފައިވާއިރު މި ފިލްމުގެ ޓެގް ލައިނަކަށް ބޭނުންކޮށްފައި ވަނީ 'ޕިޔާރު މޭ ތޯޅާ ޕާގަލް ހޯނާ ހީ ޕަޅްތާ ހޭ"އެވެ.