ސަރުކާރުގެ ހިލޭ ބޭސްފަރުވާދޭ ސްކީމް، އާސަންދައިން ޚިދުމަތްދޭ އުސޫލަށް ގެންނަ ބަދަލުން އެއްވެސް ރައްޔިތަކު ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް ނާންނާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް މި ރޭ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ހެލްތް މިނިސްޓްރީން ބާއްވާ "ހެލްތު އެކްސްޕޯ" ފެށުުމުގެ ހަފްލާގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ އާސަންދައިގެ ތެރެއިން އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް އެ ނިޒާމުގެ ފައިދާ ލިބި، ނިޒާމުގައި "ލޫޕްހޯލްތައް" ބައްދައިގެން ނޫނީ އެ ކަން ދެމެހެއްޓެން ނެތް ކަމަށެވެ.
"އެތައް އެތައް ފަންނީ މާހިރުންނެއް ނިޒާމުގެ ކަންކަން މިހާރު ވަނީ ބަލާފައި. މި ކަމުގައި ހުރި ޖޮންޖެހުންތަކާއި، މި ކަމުން އަރައިގަންނަން މިއަދު ފިޔަވަޅު ނާޅައިފިނަމަ، މާދަމާ ދިވެހި ރައްޔިތުން ތަހައްމަލު ކުރަން ޖެހިދާނެ ގެއްލުމެއްގެ ވާހަކަ އަޅުގަނޑުމެން އެންމެންނަށް މިހާރު އެބަ އެނގޭ" މިނިސްޓަރު ވިދާޅުވިއެވެ.
އިތުރަށް މިނިސްޓަރު ވިދާޅުވި ގޮތުގައި، ގެންނަ ބަދަލުތަކާ އެކުގައި އާސަންދަ ނިޒާމު ވެގެންދާނީ ރައްޔިތުންނަށް އެއްވެސް ބަރުހެލި ކަމެއް ނެތި ދެމެހެއްޓެނިވި ގޮތެއްގައި ފަރުވާ ހޯދޭނެ ނިޒާމަކަށް ކަމަށެވެ.
އާސަންދައިގެ ދަށުން ޚިދުމަތް ދިނުމުގެ އުސޫލަށް ސަރުކާރުން ބަދަލު ގެނައީ ދައުލަތުގެ ޚަރަދުކުޑަ ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިންނެވެ. އާސަންދައިން ކުރަމުންދާ ޚަރަދު ކުޑަކުރުމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ވެސް ވަނީ ރާއްޖެއަށް ލަފާދީފައެވެ.
އެ ބަދަލުތަކާ ގުޅިގެން އާންމުން ކަންބޮޑުވުން ފާޅުކުރަމުން ދިޔުމުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ވަނީ، އެއްވެސް ދިވެހި ރައްޔިތަކަށް އާސަންދަ ނުކަނޑާ ކަމަށާއި، އާސަންދަ ސްކީމަށް ގެނައި ބަދަލާއެކު އައި އެންމެ މުހިންމު ބަދަލަކީ އެއްފަހަރާ ދެ އިންޝުއަރެންސް ސްކީމެއް ބޭނުން ނުކުރެވުން ކަމަށް ބުނެފައެވެ.
އާސަންދައަކީ، ބޭސްފަރުވާގެ ޚަރަދު ހަމަޖެއްސުމަށް ދައުލަތުގެ އެހީތެރިކަމަށް އެދޭ ފަރާތްތަކަށް އެކަމާ ގުޅުންހުރި ޚިދުމަތްތައް ފޯރުކޮށްދިނުމަށް، 2011 ވަނަ އަހަރު ސަރުކާރުން ތައާރަފު ކުރި ޚިދުމަތެކެވެ.