ހެލްތު މިނިސްޓްރީގައި 'ފަޒީސް ހިޖާމާ ތެރަޕީ' ރަޖިސްޓްރީކޮށްފި

ފަޒީލާ އޭނާގެ ކްލިނިކްގައި: އެ ތަން މިހާރު ވަނީ ހެލްތު މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައި --- ފޮޓޯ/ ސޯޝަލް މީޑިއާ

ހިޖާމާ ޖެހުމުގެ ޚިދުމަތް ދޭ ފަޒީލާ އުސްމާނުގެ 'ފަޒީސް ހިޖާމާ ތެރަޕީ' ކްލިނިކް ހެލްތު މިނިސްޓްރީގައި ރަޖިސްޓްރީކޮށްފިއެވެ.

ހެލްތު މިނިސްޓްރީގެ ހުއްދަ ނުހޯދާ ޚިދުމަތް ދޭތީ، އެ ކްލިނިކް ބަންދު ކުރާނެ ކަމުގެ އިންޒާރު ފުލުހުން މެދުވެރިކޮށް، ދިނުމުން މިދިޔަ ސެޕްޓެމްބަރު މަހުގެ 24ގައި އެ ކްލިނިކް ވަނީ ބަންދުކޮށްފައެވެ.

އެ ކްލިނިކްގެ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ފަޒީލާ ވަނީ، 'ފަޒީސް ހިޖާމާ ތެރަޕީ' ކްލިނިކް ހެލްތު މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ކަމަށް ބުނެ، އެތަން ހިންގަން މިނިސްޓްރީން ހުއްދަ ދޫކުރި ސެޓްފިކެޓުގެ ފޮޓޯއެއް އާންމުކޮށްފައެވެ.

މީގެއިތުރުން، ކްލިނިކް ރަޖިސްޓްރީ ކުރެވުނު ނަމަވެސް، ޚިދުމަތް ފެށެން އޮތީ އޮޕަރޭޝަން ލައިސަންސް ލިބުމުން ކަމަށް ފަޒީލާ ބުނެފައިވެއެވެ.

"އެ ލައިސަންސް ހޯދުމުގެ މަސައްކަތް ވެސް އަޅުގަނޑު މި ދަނީ ކެނޑިނޭޅި ކުރަމުން. އިންޝާ ﷲ އެއް މަސް ދުވަސް ތެރޭ ޚިދުމަތް ފެށޭތޯ އަޅުގަނޑު މި ދަނީ މަސައްކަތް ކުރަމުން" ފަޒީލާ ބުނެފައިވެއެވެ.

އޭނާ އިތުރަށް ބުނީ، ޔޫކޭއިން އޭނާ ފުރިހަމަ ކުރި ހިޖާމާ ކޯސް އެލައިޑް ހެލްތު ކައުންސިލުން ރިޖެކްޓު ކުރި މަސައްކަތް ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި އެ ކޯހަކީ ކެނެޑާ، އެމެރިކާ، ލަންޑަން، އޮސްޓްރޭލިއާ އަދި ނެދަލޭންޑުގެ ދަރިވަރުން ސެޓިފައިޑް ވަމުންދާ އެކަޑަމީއަކުން ހެދި ކޯހެއް ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ފަޒީލާއަކީ ހިޖާމާ ޖަހައިގެން ވަރަށް ބޮޑު އާމްދަނީއެއް ހޯދަމުން އައި މީހެކެވެ.

comment ކޮމެންޓް