ޚިދުމަތް ފެށިތާ 10 މަސް ތެރޭ އެެއާ އެމްބިއުލާންސްގައި 804 ބަލިި މީހުން އުފުލިކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފިއެވެ.
ހެލްތު މިނިސްޓްރީން މިއަދު ކުރި ޕޯސްޓެއްގައި ބުނީ، އެއާ އެމްބިއުލާންސްގެ ޚިދުމަތް ފެށި ފަހުން މިހާތަނަށް 700 ދަތުރުކޮށްފައިވާ ކަމަށެވެ. އަދި، 804 ބަލި މީހުން އުފުލިކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
އެއާ އެމްބިއުލާންސްގެ ޚިދުމަތް މިދިޔަ މާޗު މަހު އެކެއްގައި ފެށީ ކުއްލި ފަރުވާގެ ޚިދުމަތް ފުޅާކޮށް ބަލި މީހުން އުފުލުމުގެ ބޭނުމުގައެވެ.

އެއާ އެމްބިއުލާންސްއަކުން ބަލި މީހަކު ބާލަނީ: މިހާތަނަށް އެ ޚިދުމަތުން ވަނީ 804 ބަލި މީހުންނަށް އެހީވެފައި --- ފޮޓޯ/ އޭވިއޭޓާސް މޯލްޑިވްސް
ސަރުކާރުން އެއާ އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދެނީ އައިލެންޑް އޭވިއޭޝަނާ ގުޅިގެންނެވެ.
ކުއްލި ފަރުވާގައި މީހުން އުފުލުމުގެ ތަމްރީން ލިބިފައިވާ 15 މީހުންނާއެކު ފެށި އެއާ އެންބިއުލާންސްގެ ޚިދުމަތަކީ 24 ގަޑިއިރުގެ ޚިދުމަތެކެވެ. ޑޭޝް-8 މަރުކާގެ މަތިންދާ ބޯޓުގައި ދެމުން އަންނަ މި ޚިދުމަތް ސީޕްލޭންގައި ދޭންފެށީ މާޗު މަހުގެ 15ވަނަ ދުވަހެވެ.
މީގެ ކުރިން ކުއްލި ފަރުވާގައި ބަލިމީހުން އުފުލައި އުޅުނީ ގައުމީ އެއާލައިން މޯލްޑިވިއަނުންނާއި ގައުމީ ދިފާއީ ބާރު އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ބޭނުންކޮށްގެންނެވެ.
އެއާ އެމްބިއުލާންސްގެ ޚިދުމަތް ތައާރަފުކޮށް، އެ ޚިދުމަތް ފުޅާކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.