ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ހައިޑްރަންޓް ސިސްޓަމްއާއި ފިއުލް ފާމް މިއަދު ހުޅުވައިފިއެވެ.
އެކަމަށް ޚާއްސަކޮށް، ވީއައިއޭގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ފާމް ހުޅުވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ.
އެ ރަސްމިއްޔާތުގައި ފިއުލް ފާމާއި ހައިޑްރެންޓް ސިސްޓަމްއާއި ގުޅުވައި ވީޑިއޯއެއް ވަނީ ދައްކާފައެވެ. އެ ވީޑިއޯގައި ބުނާ ގޮތުން، ފިއުލް ފާމުގައި ތެޔޮ ރައްކާ ކުރުމުގެ ކެޕޭސިޓީ 13.5 މިލިއަން ލީޓަރުން 45 މިލިއަން ލިޓަރަށް އިތުރުވެގެން ދާނެއެވެ.
ޗައިނާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގެ ދަށުން މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނިންމި މި މަޝްރޫއުގެ ދަށުން ގާއިމުކުރި ސިސްޓަމަކީ ބޯޓުތަކަށް ތެޔޮ އެޅުމުގައި ކުރާ މަސައްކަތް ބަދަލުކޮށްލާނެ ސިސްޓަމެކެވެ.
މިއަދު އިފުތިތާހުކުރި، 8.4 ކިލޯ މީޓަރުގެ ހައިޑްރެން ސިސްޓަމަކީ ތެޔޮ ރައްކާ ކުރާ ހިސާބުން ފެށިގެން ބޯޓުތައް ޕާކު ކުރާ ސަރަހައްދާ ހަމައަށް ބިމުގެ އަޑިން ގާއިމުކޮށްފައިވާ ނިޒާމެކެވެ. މީގެކުރިން ބޯޓުތަކަށް ތެޔޮ އަޅަން ބޭނުންކުރީ ޓްރަކުތަކެއް ނަމަވެސް، މި ނިޒާމުގެ ސަބަބުން ތެޔޮ އެޅުމަށް ހޭދަވާ ވަގުތުތައް މަދުވާނެއެވެ.
އެކަމާ ގުޅުން ހުރި އިތުރު ތަފްސީލު ދެއްވަމުން އެމްއޭސީއެލްގެ ސީއީއޯ އިބްރާހީމް ޝަރީފު ވިދާޅުވީ، ކުރީގެ ނިޒާމު ބޭނުންކޮށްގެން 60،000 ލީޓަރުގެ ދެ ބައުޒަރުގެ ތެޔޮ ބޯޓަކަށް އެއް ގަޑިއިރާ 30 މިނެޓުގެ ތެރޭގައި ވެސް އަޅާ ނިންމާނުލެވޭނެ ކަމަށެވެ. އެއާ ޚިލާފަށް، ހައިޑްރެންޓް ސިސްޓަމުން ކުރިން ހޭދަވާ ވަގުތުގެ އެއް ގަޑިއިރާ 45 މިނެޓު ސަލާމަތްވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
މީގެއިތުރުން، ފިއުލްފާމަށް ތެޔޮ ރިސީވްކޮށް، ޑިސްޓްރިބިއުޓްކުރުމާއި އޭގެ ސަލާމަތީ ކަންކަން ބެލުމުގެ އިތުރުން ހުރިހާ ކަމެއް ކުރަނީ އޮޓޮމޭޓެޑް ސިސްޓަމަކުން ކަމަށް ސީއީއޯ ވިދާޅުވިއެވެ. އެ ޚިދުމަތްތައް ދިނުމުގައި މަސައްކަތް ކުރަނީ ހުސް ދިވެހިން ކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.