ސަލްމާނަށްފަހު ޝާހްރުކަށް ވެސް މަރުގެ އިންޒާރެއް

ބޮލީވުޑްގެ ސުޕަސްޓާ ޝާހްރުކް ޚާން--ފޮޓޯ/ޕިންކްވިލާ

ބޮލީވުޑްގެ ސުޕަސްޓާ ޝާހްރުކް ޚާނަށް މަރުގެ އިންޒާރު ލިބިފައިވާ ކަމަށް އިންޑިއާގެ މުމްބާއިގެ ބަންދްރާ ފުލުހުން ބުނެފިއެވެ.

ޝާހުއަށް މަރުގެ އިންޒާރު ލިބިފައި ވަނީ އިންޑިއާގެ ޗައްތިސްގަރުގެ ރައިޕޫރަށް ނިސްބަތްވާ ފައިޒާން ނަމަކަށް ކިޔާ މީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ފޯނު ނަމްބަރަކުންނެވެ. ޝާހްރުކްގެ ޓީމުން މި މައްސަލަ ބަންދްރާގެ ފުލުސް އޮފީހަށް ހުށަހަޅާފައިވާއިރު އެ އޮފީހުގެ ކްރައިމް ބްރާންޗުގެ ޓީމެއް މިހާރު ދަނީ އިންޒާރު ލިބުނު ނަމްބަރާ ގުޅޭ ތަފްސީލުތައް ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ބަންދްރާގެ ފުލުސް އޮފީހަށް ލިބުނު ފޯނު ކޯލުގައި ފައިޒާން ނަމަކަށް ކިޔާ މި މީހާ ޝާހްރުކްއަށް ޑިމާންޑުކޮށްފައި ވަނީ 50 ލައްކަ އިންޑިއާ ރުޕީސްއަށެވެ. އޭނާގެ ނަން މުހިއްމު ނޫން ކަމަށާއި އެހެންނަމަވެސް ބޭނުމިއްޔާ 'ހިންދުސްތާނީ'ގެ ނަމުން އޭނާއާ މުޚާތަބް ކުރަންވީ ކަމަށް މި މީހާ ވަނީ ބުނެފައެވެ. ޝާހު އެމީހާގެ ޑީމާންޑަށް ތަބައަ ނުވެއްޖެ ނަމަ މަރުވާނެ ކަމަށް ބުނެ ފައިޒާން ނަމަކަށް ކިޔާ މި މީހާ ވަނީ ފޯނު ކަނޑާލާފައެވެ.

ޝާހްރުކް ޚާން އެކުވެރިޔާ އަދި އެކްޓަރު ސަލްމާން ޚާންއާ އެކު--ފޮޓޯ/ޕިންކްވިލާ
އިންޑިއާގެ އެންމެ މުއްސަނދި އެކްޓަރުންގެތެރޭ ހިމެނޭ ޝާހްރުކް ޚާންއަށް މަރުގެ އިންޒާރު ލިބިފައިވާއިރު ޝާހުގެ އެންމެ ގާތް އެކުވެރިންގެ ތެރޭ ހިމެނޭ ބޮލީވުޑްގެ ނުފޫޒުގަދަ އެކްޓަރު ސަލްމާން ޚާންއަށް ވެސް އަންނަނީ މަރުގެ އިންޒާރުތައް ލިބެމުންނެވެ. އެގޮތުން މިދިޔަ ބުދަ ދުވަހު އިންޑިއާގެ ރާޖަސްތާނަށް ނިސްބަތްވާ މީހަކު ވަނީ އަނެއްކާ ވެސް ސަލްމާނަށް މަރުގެ އިންޒާރު ދީފައެވެ.

ފިލްމީ ރިޕޯޓުތައް ބުނާގޮތުން ފުލުހުން ވަނީ މިމީހާ ހޯދުމަށްފަހު ހައްޔާރުކޮށްފައެވެ. އެމީހާ އަކީ މަޝްހޫރު ގޭންގްސްޓާ ލޯރެންސް ބިޝްނޯއީގެ ކޮއްކޮ ކަމަށާއި އޭނާ ޑީމާންޑުކޮށްފައި ވަނީ އެމީހުންގެ ފައްޅިއަށް ސަލްމާން ގޮސް އެމީހުންގެ ކިބައިން މައާފަށް އެދުމަށް ކަމަށާއި އެގޮތަށް އަމަލު ނުކުރާ ނަމަ ފަސް ކްރޯޑު ރުޕީސްއަށް އޭނާ ވަނީ ޑިމާންޑުކޮށްފައެވެ.

ފިލްމީ ތަރިންނަށް މިފަހަކަށް އައިސް މަރުގެ އިންޒާރު ލިބުން އިތުރުވަމުން އަންނައިރު ޝާހްރުކްއަށް އިންޒާރު ދިނީ ގޭންގްސްޓާ ލޯރެންސް ބިޝްނޯއީއާ ގުޅުމެއް އޮތް މީހެއްކަން ނުވަތަ ނޫންކަން އަދި އެނގިފައެއް ނެތެވެ.

comment ކޮމެންޓް