ފިލްމު 'އާޒާދު': 'ތާޒަން ވޮންޑަ ކާ'ގެ ހަނދާންތައް އާކޮށްދީފި

ބަތަލާ ރަވީނާ ޓަންޑަންގެ ދަރިފުޅު ރަޝާ ތަޑާނީ އަދި އެކްޓަރު އަޖޭ ދޭވްގަންއަށް ބޮޑު ބޭބެ ކިޔާ އާމަން ދޭވްގަން ބޮލީވުޑަށް ތައާރަފުވާ ފިލްމު "އާޒާދު"ގެ ޓީޒާ ޓްރެއިލާ ދައްކާލައިފިއެވެ.

މި ފިލްމުގެ ޓީޒާ ރިލީޒްކުރުމާއެކު މީގެ އަހަރުތަކެއް ކުރިން އަޖޭ މުހިއްމު ރޯލްއިން ފެނުނު ފިލްމު "ތާޒަން އަ ވޮންޑަ ކާ"ގެ ހަނދާންތައް އާ ވެއްޖެ ކަމަށާއި މިއީ އަނެއްކާ އެފިލްމުގެ ސީކުއަލްއެއްތޯ ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ.

ފިލްމުގައި އަޖޭ ފެންނަނީ ވަރަށް މޮޅަށް އަސް ދުއްވާ މީހެއްގެ ރޯލްއިންނެވެ. އިނގިރޭސިންގެ އަސްކަރިއްޔާގައި ކުރިން މަސައްކަތްކޮށްފައިވާ މީހެއްގެ ގޮތުގައި އަޖޭ ފެންނާނެއިރު މި ފިލްމުގައި އަޖޭ ވަރަށް ލޯބިން ގެންގުޅޭ އަސް ގެއްލުމުން އެ ހޯދަން ކުރާ މަސައްކަތް ދައްކުވައިދެއެވެ.

ފިލްމު "އާޒާދު"ގައި އަޖޭގެ ދޭވްގަންގެ ބަތަލާގެ ރޯލް ކުޅޭ ޑަޔާނާ ޕެންޓީ--ފޮޓޯ/ޕިންކްވިލާ

އެހެންވެ މި ފިލްމުން "ތާޒަން އަ ވޮންޑަ ކާ"ގެ ހަނދާންތައް އާކޮށްދީފި ކަމަށް ބެލުންތެރިން ވަނީ ބުނެފައެވެ.

މިއީ ފިލްމު "ކެދަރުނާތު" ގެނެސްދިން ޑައިރެކްޓަރު އަބީޝެކް ކަޕޫރު އުފައްދާ އެކްޝަން އެޑްވެންޗަ ފިލްމެކެވެ.

އަބީޝެކް އެންމެ ފަހުން ގެނެސްދިން ފިލްމަކީ ފިލްމީ ތަރިން ކަމަށްވާ ވާނީ ކަޕޫރު އަދި އަޔުޝްމާން ކުރާނާ ފެނިގެންދިޔަ ފިލްމު "ޗަންދީގަރް ކަރޭ އާޝިޤީ"އެވެ.

ރިލީޒްކުރާނެ ދުވަހަކަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމު "އާޒާދު" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ ޖަނަވަރީ މަހެވެ. ފިލްމު ސިނަމާތަކަށް ގެންނާނެ ސީދާ ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ.

comment ކޮމެންޓް