ގޭމް ޝޯއެއްގައި ދޭ އެންމެ ބޮޑު ފައިސާގެ އިނާމާއެކު، މިސްޓަ ބީސްޓުގެ ޝޯ ދައްކަން ފަށައިފި

މިސްޓަ ބީސްޓްގެ ނަމުން މަޝްހޫރުކަން ހޯދާފައިވާ ޔޫޓިއުބަރު ޖޭމްސް ސްޓެފަން (ޖިމީ ޑޮނާލްޑްސަން)ގެ ގޭމް ޝޯއެއް އެމޭޒަން ޕްރައިމްގައި ޕްރީމިއާ ކުރަން ފަށައިފިއެވެ.

"ބީސްޓް ގޭމްސް"ގެ ނަމުގައި މިދިޔަ ބުރާސްފަތި ދުވަހު އެމޭޒަން ޕްރައިމްގައި ޕްރީމިއާ ކޮށްފައި ވަނީ މި ގޭމް ޝޯގެ އެންމެ ދެ އެޕިސޯޑެވެ. ޔޫޓިއުބް މެދުވެރިކޮށް ތަފާތު ކޮންޓެންޓްތައް ގެނެސްދެމުން އަންނަ މިސްޓަ ބީސްޓްގެ ހޮލީވުޑްއާ އެއް ފެންވަރެއްގެ އުފެއްދުމެއް މާކެޓަށް ނެރުމުގެ މަޝްވަރާތައް ކުރެވެމުން އަންނަތާ ވަރަށް ގިނަ ދުވަސްވެފައި ވާއިރު މިއީ މިހާތަނަށް މި މާކެޓަށް ނެރެފައިވާ އެންމެ ބޮޑު އެއް ގޭމް ޝޯ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިސްޓަ ބީސްޓްގެ ނަމުން މަޝްހޫރުކަން ހޯދާފައިވާ ޔޫޓިއުބަ--ފޮޓޯ/ސްޕޯޓްސްކީޑާ

މިސްޓަ ބީސްޓްގެ މި ގޭމް ޝޯގައި ވަރަށް ތަފާތު ސްޓަންޓްތައް ބައިވެރިންގެ ފަރާތުން ފެންނާނެއިރު މި ޝޯ ގެނެސްދެނީ އެކަމަށް ޚާއްސަކޮށް ތައްޔާރު ކުރެވިފައިވާ ސިޓީއެއްގައެވެ. އެކި ގޮތްގޮތުން ބައިވެރިން އިމްތިހާނު ކުރެވޭ މި ގޭމް ޝޯއަކީ ހިލޭ ސާބަހަށް އާއްމުންނަށް އެހީތެރިވުމަށް މަސައްކަތް ކުރާ މީހުންނަށް ހުރި ވަރަށް ރަނގަޅު މިސާލެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ.

އެއްހާސް ބައިވެރިންގެ މެދުގައި ކުރިއަށްދާ މި ގޭމް ޝޯއިން މޮޅުވާ މީހަކަށް ފައިސާގެ އިނާމެއްގެ ގޮތުގައި ލިބޭނީ ފަސް މިލިއަން އެމެރިކާ ޑޮލަރެވެ. މިއީ ޓެލެވިޝަން ޝޯގެ ތާރީޚުގައި ވެސް ގޭމް ޝޯއެއް ބާއްވައިގެން ފައިސާގެ އިނާމުގެ ގޮތުގައި ބައިވެރިއަކަށް ދޭ އެންމެ ބޮޑު ފައިސާގެ އަދަދެވެ.

މި ގޭމް ޝޯގެ ތިން ވަނަ އެޕިސޯޑު މި މަހުގެ 26 ވަނަ ދުވަހު އެމޭޒަން ޕްރައިމް މެދުވެރިކޮށް ޕްރީމިއާ ކުރާނެ އިރު މުޅިއަކު ނުވަ އެޕިސޯޑު ޕްރީމިއާކުރަން ވަނީ ހަމަޖެހިފައެވެ. މިއިން ކޮންމެ އެޕިސޯޑެއް ވެސް ޕްރީމިއާ ކުރަން ތާވަލުކޮށްފައިވަނީ ބުރާސްފަތި ދުވަހެވެ. އެންމެ ފަހު އެޕިސޯޑު ޕްރީމިއާ ކުރަން ތާވަލު ކޮށްފައި ވަނީ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަސްވާ ހުކުރު ދުވަހެވެ.

comment ކޮމެންޓް