އަންނަ އަހަރު ރައްޖޭގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ނަސީބުރި ފަރާތްތަކަކަށް ލިބޭ، "ދަ ވޯލްޑްސް ބިގެސްޓް ގިވްއަވޭ" ކެމްޕެއިން، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ވިޒިޓް މޯލްޑިވްސް ގުޅިގެން ކެމްޕޭން ވޯލްޑް ޓްރެވަލް މާޓް (ޑަބްލިއުޓީއެމް) ލަންޑަންގައި އިއްޔެ ވަރަށް ކުލަގަދަކޮށް އިފުތިތާހުކޮށްފިއެވެ.
ސޯޝަލް މީޑިއާ މެދުވެރިކޮށް ކޮންމެ މަހަކު ބާއްވާ މި ގިވްއަވޭގެ ނަސީބުވެރި ފަރާތްތަކަށް ކޮންމެ ހަފުތާއަކު ވެސް ހިތްގައިމު ޗުއްޓީއެއް ރާއްޖޭގައި ހޭދަކޮށްލުމުގެ ފުރުސަތު ލިބޭނެ ކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ.
ވިޒިޓް މޯލްޑިވްސް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ސިލްސިލާ ގިވްއަވޭއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަތުރުކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެކެވެ.
ކޮންމެ ގިވްއަވޭއެއްގައި ވެސް ރާއްޖޭގެ ރީތި ގޮނޑުދޮށްތަކާއި ސާފު މޫދާއ،ި ޤުދުރަތީ ރީތިކަމުން ފެށިގެން ރާއްޖޭގެ މުއްސަނދި ސަގާފަތާއި ތަފާތު ކަނޑުގެ ދިރުންތައް ފަދަ އެކިއެކި ކަންކަމަށް އަލިއަޅުވާލާނެއެވެ.
އަދި ރޮމޭންސް، ލަގްޒަރ،ީ ފެމިލ،ީ ޑައިވިން އަދި އެހެނިހެން ހިތްގައިމު ތަފާތު ސެގްމެންޓްތަކަށް އަލި އަޅުވައިލާނެ ކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ.
އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވީ މިއީ ފަތުރުވެރިންނަށް ރާއްޖެ ޒިޔާރާތްކޮށް، ސަނީ ސައިޑް އޮފް ލައިފް ތަޖުރިބާކޮށްލުމަށް އަދި ރާއްޖެ އިޝްތިހާރު ކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ.
"މި ގިވްއަވޭގައި ބައިވެރިވެގެން ކޮންމެ ފަރާތަކަށް ވެސް ޑްރީމް ވެކޭޝަން އެއް ތަޖުރިބާކުރުމުގެ ރަނުގެ ފުރުސަތުތަކެއް ލިބޭނެ" ޝިއުރީ ވިދާޅުވިއެވެ.
"ދަ ވޯލްޑްސް ބިގެސްޓް ގިވްއަވޭ" ކެމްޕޭންގެ މައިގަނޑު މަޤުސަދަކީ ސޯޝަލް މީޑިއާގެ ޒަރިއްޔާއިން ބައިނަލްއަޤްވާމީ ފަރާތްކަކުގެ ބައިވެރިވުމާއެކު ރާއްޖެއަށް ގިނަ ފަތުރުވެރިން އައުމަށް ޝައުގުވެރިކުރުވުން ކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ.
މި ގިވައަވޭގައި ބައިވެރިވުމުން ފަތުރުވެރިންނަށް ރާއްޖޭގެ ތަފާތު ހިތްގައިމުކަން ދެނެގަނެ، ލިބޭ ތަފާތު ތަޖުރިބާތައް ހިއްސާކޮށް، ރާއްޖެ އަކީ އަހަރުގެ ކޮންމެއިރަކު ވެސް ޒިޔާރަތްކުރެވޭނެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރެވޭނެ ކަމަށް އެ އެޖެންސީއިން ވަނީ ބުނެފައެވެ.
ސޯޝަލް މީޑިއާ ކެންޕޭންތަކުގެ އިތުރުން ވިޒިޓް މޯލްޑިވްސްއިން ރާއްޖެ އިޝްތިހާރުކުރުމަށް މަސައްކަތް ކުރަނީ ޓްރޭޑް ފެއާތަކާއި އޮންލައިން ވެބިނާތަކާއި ރޯޑް ޝޯތައް ފަދަ ބައިނަލްއަގުވާމީ ޕްލެޓްފޯމްތައް މެދުވެރިކޮށްގެންނެވެ.