އަޒަރުބައިޖާނާއި ޖޯޖިއާގައި ބޭއްވި ރޯޑްޝޯއިން ރަށްރަށުގެ ފަތުރުވެރިކަމަށް ޝައުގުވެރިކަން

އަޒަރުބައިޖާން، ޖޯޖިއާ، އެންއެޗްޖީއޭއެމްގެ އިތުރުން އެމްއެމްޕީއާރުސީ އަދި މަޓާޓޯ ގުޅިގެން ބޭއްވުނު ރޯޑްޝޯގެ ތެރެއިން --- ފޮޓޯ/ އެންއެޗްޖީއޭއެމް

ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން (އެންއެޗްޖީއޭއެމް) އާއި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ގުޅިގެން އަޒަރުބައިޖާނާއި ޖޯޖިއާގައި ރާއްޖެ އިޝްތިހާރުކޮށްފިއެވެ.

ގެސްޓްހައުސް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައިވާ ގޮތުން، އައި އެމް މޯލްޑިވްސް ރޯޑްޝޯ'ގެ ނަމުގައި އަޒަރުބައިޖާނުގެ ބާކޫގައި އާއި ޖޯޖިއާގެ ތިބިލީސީގައި އެ ހަރަކާތް ބޭއްވުމުގެ މަގުސަދަކީ ރާއްޖެއަށް އާ މާކެޓްތަކާ ދެމެދު ގުޅުން ވަރުގަދަ ކުރުމެވެ.

އެ ހަރަކާތުގައި ބާކޫއާއި ތިބިލީސީން ދަތުރުފަތުރާ ގުޅުންހުރި 300 އަށްވުރެ ގިނަ އޮފިޝަލުން ބައިވެރިވި ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.

އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ އެކި ދާއިރާތައް ތަމްސީލުކުރާ 18 ކޯ އެގްޒިބިޓަރުންނާއެކު އުފެއްދުންތެރި ބީ2ބީ ނެޓްވޯކިން ސެޝަންތައް ބޭއްވި ކަމަށާއި މި އިވެންޓުން، ސީދާ ވިޔަފާރީގެ ގުޅުންތައް ގާއިމުކުރުމަށް މަގު ފަހިކޮށްދިނުމާއެކު ރާއްޖޭގެ ތަފާތު ފަތުރުވެރިކަމުގެ ޚިދުމަތްތައް ދެއްކުމުގެ ފުރުސަތު ލިބުނު ކަމަށް ގެސްޓްހައުސް އެސޯސިއޭޝަނުން ބުންޏެވެ.

އަޒަރުބައިޖާން އަދި ޖޯޖިއާގައި ބޭއްވުނު އަޅުގަނޑުމެންގެ ރޯޑްޝޯއަށް ލިބުނު ތަރުޙީބު އަޅުގަނޑުމެންގެ އުންމީދުތަކަށްވުރެ މާ މަތިވެއްޖެ. އެ ގައުމުތަކުގެ ދަތުރުފަތުރުގެ ޕާޓްނަރުން ދެއްކި ޝައުގުވެރިކަމާއި ރާއްޖޭގެ ރަށްރަށުގެ ފަތުރުވެރިކަމުގެ އުފެއްދުންތަކަށް އެ ފަރާތްތަކުން ދެއްކި ޝައުގުވެރިކަމުން ދައްކައިދެނީ މި ސަރަޙައްދު ތަކުގައި މާކެޓް ކުރިއެރުވުމަށް ވަރަށް ބޮޑު ފުރުސަތެއް އޮތްކަން.އެންއެޗްޖީއޭއެމްގެ ރައީސް އަބްދުﷲ ނަޝީދު

މި ރޯޑްޝޯގެ މުހިންމު ކަންތައްތަކުގެ ތެރޭގައި އަޒަރުބައިޖާން އެއާލައިންސް އަދި އެއާ އަރަބިއާއިން ދަތުރުތަކާ ބެހޭގޮތުން ދިން ޕްރެޒެންޓޭޝަންތަކާއި ވިޒިޓް މޯލްޑިވްސްއިން ދިން ރާއްޖެއާ ގުޅޭ ޕްރެޒެންޓޭޝަންގެ އިތުރުން ރަށްރަށުގެ ފަތުރުވެރިކަމުގެ އުފެއްދުންތައް ދެއްކުން ފަދަ ކަންކަން ގެސްޓްހައުސް އެސޯސިއޭޝަނުން ވަނީ ފާހަގަކޮށްފައެވެ.

މި ހަރަކާތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އިސް ހޮޓާތަކާއި ގެސްޓްހައުސްތަކާއި ރިސޯޓުތަކުން ސްޕޮންސާކޮށްފައިވާ 40 އަށްވުރެ ގިނަ ޗުއްޓީ ޕެކޭޖް ހިމެނުނު ކަމަށާއި ރަށްފުށުގެ ފަތުރުވެރިކަން ކުރިއެރުވުމަށް ހުށަހަޅާފައިވާ މި ޕެކޭޖްތަކުގެ ޖުމްލަ އަގު 50،000 އެމެރިކާ ޑޮލަރަށް ވުރެ ބޮޑު ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.

ގެސްޓްހައުސް އެސޯސިއޭޝަނުން ވަނީ މި ރޯޑްޝޯގެ ކާމިޔާބީން އަޒަރުބައިޖާނާއި ޖޯޖިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ވަރުގަދަ ބިންގަލެއް އެޅިފައިވާ ކަމަށް ބުނެފައެވެ.

މި އަހަރު ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެންނަން ސަރުކާރުން އަޒުމު ކަނޑައަޅައިފައިވާއިރު މިހާތަނަށް 1.94 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

comment ކޮމެންޓް