އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެއްޖެއެވެ.
ސިޓީ މި ފަހަރު ބަލިވެފައިވަނީ ޔުއޭފާ ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގައި ލީގާ ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން އަތުން 4-1ގެ ބޮޑު ތަފާތަކުންނެވެ.
މެޗުގެ ކުޅުންފެށިތާ ހަތަރުވަނަ މިނެޓުގައި ސިޓީން ލަނޑެއް ޖަހާ މެޗުގެ ލީޑު ނެގިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފިލް ފޯޑެންއެވެ. ފުރަތަމަ ހާފުގައި ސިޓީއަށް ވަނީ އެ ޓީމުގެ ލީޑު ފުޅާކުރާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ.
ނަމަވެސް، މިއިން އެއްވެސް ފުރުސަތެއް ނިންމާލެވޭގޮތެއް ނުވިއެވެ. ނަތީޖާއަކަށްވީ ސްޕޯޓިންއިން މެޗުގެ 38 ވަނަ މިނެޓުގައި އުފެއްދި ކައުންޓާ އެޓޭކެއްގައި އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް، ނަތީޖާ ހަމަހަމަ ކުރުމެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ވިކްޓާ ގިޔޮކެރޭސްއެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިތާ 20 ސިކުންތުގެ ތެރޭގައި އެ ޓީމުންވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެކްސިމިލިއާނޯ އަރައުހޯއެވެ. މި ލަނޑު ކާމިޔާބު ކުރިތާ ތިން މިނެޓް ފަހުން ލިބުނު ޕެނަލްޓީއަކުން ގިޔޮކެރޭސްވަނީ ސްޕޯޓިންއަށް ދެ ލަނޑުގެ ލީޑެއް ނަގައިދީފައެވެ.
އެހެންވެ، ސިޓީއަށް އަލުން މެޗުގެ ތެރެއަށް ވަނުމަށް ވަގުތުކޮޅެއް ނުގިއެވެ. ދެވަނަ ހާފުގެ މެދުތެރޭ ސިޓީއަށް ދެޓީމުގެ ދެމެދުގައިވާ ފަރަގު ކުޑަކުރުމަށް ލިބިގެން ދިޔަ އެންމެ ރަނގަޅު ފުރުސަތުގައި އާލިން ހާލަންޑް ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
މެޗުގައި ސްޕޯޓިންއިން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު މެޗުގެ 80 ވަނަ މިނެޓުގައި ލިބިގެންދިޔަ ދެވަނަ ޕެނަލްޓީން ކާމިޔާބުކޮށް ގިޔޮކެރޭސްވަނީ މެޗުގައި ހެޓްރިކެއް ވެސް ހަދާފައެވެ.
އަންނަ ހަފުތާއިން ފެށިގެން، ސިޓީއާ އެންމެ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމަށް ހަމަޖެހިފައިވާ ރުބެން އަމޮރިމްގެ ކޯޗުކަމުގެ ދަށުން ސްޕޯޓިން މެޗު ކާމިޔާބުކުރިއިރު އޭނާ މި ކާމިޔާބީ ސިފަކޮށްފައިވަނީ އޭނާގެ ކޯޗުކަމުގެ ދަށުން ސްޕޯޓިންއިން ހޯދި އެންމެ ބޮޑު ކާމިޔާބީގެ ގޮތުގައެވެ.
ސިޓީއަށް ބަލާލާއިރު މި ނާކާމިޔާބީއާ އެކު މިއީ 2018 ވަނަ އަހަރަށް ފަހު ޖެހިޖެހިގެން ތިން މެޗުން ސިޓީ ބަލިވި ފުރަތަމަ ފަހަރެވެ. އަދި، 2020 ވަނަ އަހަރަށް ފަހު އެންމެ ބޮޑު ނަތީޖާއަކުން ސިޓީ ބަލިވި ވެސް ފަހަރެވެ.
މި ކާމިޔާބީއާ އެކު ސްޕޯޓިން މިހާރުވަނީ 10 ޕޮއިންޓާ އެކު ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލާފައެވެ. ސިޓީ އޮތީ ހަތް ޕޮއިންޓާ އެކު ތާވަލުގެ ހަވަނައިގައެވެ. ނަމަވެސް، މިރޭ ކުޅޭ މެޗުތަކާ އެކު ސިޓީ އިތުރަށް ފަހަތަށް ސޮއްސައިލުން ގާތެވެ.
މުބާރާތުގައި ފްރެންޗް ލީގު އާންގެ ލީލްއާއި އިޓަލިއަން ސެރީއާގެ ޔުވެންޓަސް ބައްދަލުކުރި މެޗު 1-1 އިން ވީ އެއްވަރެވެ. މެޗުގައި ލީލްގެ ޖޮނަތަން ޑޭވިޑް ލަނޑެއް ޖަހައި، އެ ޓީމަށް ލީޑު ނަގައިދީފައިވަނިކޮށް މެޗުގެ ނަތީޖާ ޔޫވޭއަށް ހަމަހަމަކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ޑުސާން ވުލަހޮވިޗްއެވެ.
މެޗު އެއްވަރުވުމުން ޔޫވޭ އޮތީ ހަތް ޕޮއިންޓާ އެކު ތާވަލުގެ 10 ވަނައިގައެވެ. އަދި، ލީލް ވެސް ހަމަ އެ ވަރަށް ޕޮއިންޓް ލިބި ނަމަވެސް ފައިދާ ގޯލަށް ބަލާއިރު އުޅެނީ ތާވަލުގެ 12 ވަނައިގައެވެ.