ދެމީހުންގެ ދެމެދުގައި އިތުބާރު ނެތް ކަމަށް ބުނެ އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ ދިފާއީ ވަޒީރު ޔޫވް ގަލަންޓް މަގާމުން ވަކިކޮށްފިއެވެ.
މަގާމުން ވަކިކުރެއްވިކަން އަންގަވައި ގަލަންޓަށް ދެއްވި ސިޓީގައި ނަތަންޔަހޫ ވިދާޅުވީ އެ ސިޓީ ލިބޭތާ 48 ގަޑިއިރުތެރޭގައި އޭނާގެ ދައުރު ނިމޭނެ ކަމަށެވެ. އެ ސިޓީ ފަހުން ވަނީ ނަތަންޔާހޫގެ އޮފީހުންވެސް އާންމުކޮށްފައެވެ. މަގާމުގައި ހުންނަވައި ގަލަންޓް ކޮށްދެއްވި މަސައްކަތްތަކަށް ނަތަންޔާހޫ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އެކަމާ ގުޅިގެން ނަތަންޔާހޫ ދެއްވި ވީޑިއޯ ސްޓޭޓްމެންޓެއްގައި ވިދާޅުވީ ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގެ ފުރަތަމަ ދުވަސްކޮޅުގައި އިތުބާރު އުފެދި ނަތީޖާ ނެރެވުނު ނަމަވެސް، ފަހަކަށް އައިސް ދިފާއީ ވަޒީރާ ދެމެދު އޮތް އިތުބާރު ގެއްލެން ފަށައިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވާ ގޮތުގައި ހަނގުރާމައިގެ ކަންކަމާމެދު ދެ މީހުންގެ މެދުގައި ޚިޔާލުތަފާތުވި ކަމަށާއި، ގަލަންޓް ބަޔާންތައް ދެއްވުމާއި ކެބިނެޓްގެ ނިންމުންތަކާ ޚިލާފު ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.
ގަލަންޓްގެ ބަދަލުގައި ޑިފެންސް މިނިސްޓަރު ކަމަށް އައްޔަންކުރީ ޚާރިޖީ ވަޒީރު އިސްރާއީލް ކާޓްޒް އެވެ. ޚާރިޖީ ވަޒީރަކަށް އައްޔަންކުރީ ވަކި ވުޒާރާއެއް ހަވާލުނުކޮށް ހުރި ގިޑިއޯން ސާރް އެވެ.
ދިފާއީ ވަޒީރަކަށް އަލަށް އައްޔަން ކުރި "ބުލްޑޯޒާ"ގެ ނަމުން މަޝްހޫރު ކާޓްޒް އަކީ ވަރަށް ހަރުކަށި ނަތަންޔާހޫއާ ގުޅުން ރަނގަޅު މީހެއް ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ.
ގަލަންޓް އަކީ ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެކޮޅަށް ހަމަލާ ދިނުމަަށް ވުރެ ސުލްހައިގެ އެއްބަސްވުމެއް ހަދައި އިޒްރޭލުގެ ރަހީނުން ސަލާމަތުން ތިއްބާ ގެނެވޭނެ ގޮތެއް ހޯދަންޖެހޭ ކަމަށް ބުނަމުން ދިޔަ މީހެކެވެ. އޭނާ މަގާމުން ވަކިކުރުމާ އެކު ވެސް އެ ވާހަކަތައް ތަކުރާރުކޮށް ވަނީ ވާހަކަ ދައްކާފައެވެ.
ގަލަންޓް މަގާމުން ވަކިކުރުމާ ގުޅިގެން އިސްރާއީލުގެ ވެރި ރަށް ތެލް އަވީވްގެ މަގުތަކަށް ގިނަ ބަޔަކު އެއްވެ އަންނަނީ މުޒާހަރާކުރަމުންނެވެ.