ކުކުން: އަޖައިބު ކުރުވަނިވި ފައިދާތަކެއް އެކުލެވޭ އެއްޗެއް

ކުކުން އަޅާ މާތައް އާއްމުގޮތެއްގައި ބިންނަނީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު މަހުތެރޭގައި--ފޮޓޯ/ޕިންޓްރެސްޓް

ކުކުން ނުވަތަ އިނގިރޭސި ބަހުން ނަމަ 'ސެފްރޮން'އަކީ ކުޑަވަރެއްގެ ގަހެއްގައި އަޅާ ވަރަށް ހިތްގައިމު މީރު ވަހެއް އޭގައި ހުންނަ މަލެއްގެ ކަރުގަނޑެވެ.

މި ކަރުގަނޑު ހިއްކާލުމުން ރަތް ރީނދޫ ކުލައަކަށް ބަދަލުވެއެވެ. މިއީ ދުނިޔޭގެ އެތައް ޤައުމެއްގައި ތައްޔާރުކުރާ ކެއުންތަކާއި ބުއިންތަކުގައި ބޭނުންކުރާ ވަރަށް އަގުހުރި ބާވަތެކެވެ. ހަމައެއާއެކު ބައެއް މީހުން ބޭސްވެރިކަމަށް ވެސް ކުކުން ބޭނުންކުރެއެވެ.

މީގެ އަގު ކިތަންމެ ބޮޑަސް އަގަށް ބެލުމެއް ނެތި ގިނަ ބަޔަކު ކުކުން ބޭނުން ކުރަނީ އޭގައި އެކުލެވޭ ތަފާތު އަދި އަޖާއިބު ކުރުވަނިވި ފައިދާތައް ގިނަކަމުންނެވެ.

ކުކުން ނުވަތަ ސެފްރޮން އަކީ އޭގައި އެންޓިއޮކްސިޑެންޓް، އެންޓި-އިންފްލެމޭޓްރީ އަދި ކެންސަރު ބަލިން ރައްކާތެރިކަން ހޯދައިދިނުމަށް އެހީތެރިވެދޭ މާއްދާތައް އެކުލެވޭ އެއްޗެކެވެ. ކުކުންގައި އެކުލެވޭ ކްރޮސިން ކިޔާ އެންޓި-އޮކްސިޑެންޓްގެ އެހީގައި ސިކުނޑީގެ ސެލްތަކަށް ލިބޭ ގެއްލުންތަކުން ރައްކާތެރިކަން ހޯދައިދެއެވެ.

އިންޑިއާގެ ކަޝްމީރުގައި ކުކުން ބޭނުންކޮށްގެން ތައްޔާރުކުރެވޭ ހާއްސަ ސެފްރޮން ކާހްވާ ސައި--ފޮޓޯ/ޕިންޓްރެސްޓް

ހަމައެއާ އެކު ގަވައިދުން ކުކުން ބޭނުން ކުރާނަމަ އަސްތަމާ އަދި ޑިޕްރެޝަން ފަދަ ބަލިމަޑުކަމުން މީހާ ދުރުކޮށްދިނުމަށް އެހީވެދެއެވެ. ކެންސަރު ސެލްތައް މަރާލުމަށް ކުކުން އެހީތެރިވާއިރު ކޮލޮރެކްޓަލް ކެންސަރު، އުރަމަތީގެ ކެންސަރު، ލަންގް ކެންސަރު، ޕްރޮސްޓޭޓް ކެންސަރު، ސަވިކަލް ކެންސަރު، ލިއުކްމިއާ އަދި ސިކުނޑީގެ ކެންސަރު އޭގެތެރޭގައި ހިމެނެއެވެ.

ކުކުން އަޅާ ކްރޮކަސް ސެޓިވަސް ކިޔާ މަލުގެ ފަތުގައި ހުންނަ ކޮމްޕައުންޑެއްގެ ސަބަބުން މީހާ ހެޕަޓައިޓިސް ބީ، އެޗްއައިވީ، ރެސްޕިރޭޓަރީ ސިންކްޝިއަލް ވައިރަސް އަދި އަވަސް އަވަހަށް ޖެހޭ ރޯގާތަކުން ދުރުކޮށްދީ އިމިއުން ސިސްޓަމް ވަރުގަދަކޮށްދިނުމަށް ވެސް އެހީތެރިވެދެއެވެ.

ކުކުން ހުންނަ ކްރޮކަސް ސެޓިވަސް މާ ދަނޑަކުން ބަޔަކު މާތައް ބިންނަނީ. ކުކުންގެ އެންމެ ގްރާމެއް ހަމަ ކުރުމަށް ގާތްގަނޑަކަށް އޭޣެ 150 މާ ބޭނުންވޭ--ފޮޓޯ/ބީބީސީ

ސަންޝައިން ސްޕައިސްގެ ނަމުގައި ގިނަ ބަޔަކު މުހާތަބުކުރާ ކުކުން އަކީ އަހަރުމެންގެ ސިކުނޑިއަށް ލިބޭ ވަރުބަލިކަން ފިލުވާލަދީ މާޔޫސްކަމާ ދުރަށް ގެންދިއުމަށް ވެސް އެހީތެރިވެދޭ އެއްޗެކެވެ.

މީގެ އިތުރުން ވެސް ކުކުންއިން ލިބިދޭ އިތުރު ފައިދާތަކަށް ބަލާއިރު ހިތުގެ ދުޅަހެޔޮކަން ދަމަހައްޓަން އެހީތެރިވުން، ލޭގައި ހަކުރު އުފެދޭ މިންވަރު ދަށްކޮށް ދިނުން، ލޮލޮގެ ފެނުން ރަގަޅުކޮށްދިނުން އަދި ބަރުދަން ލުއިކޮށްދިނުމަށް އެހީތެރިވުން ހިމެނެއެވެ.

ދުނިޔޭގެ ބާޒާރުގައި އެންމެ އަގުބޮޑު ސްޕައިސެސްގެ ގޮތުގައި ހިމެނޭ ކުކުން ޕްރޮސެސް ކުރުމުގެ މަރުހަލާ އަކީ ބުރަ އެހާމެ ވަގުތު ނަގާ މަރުހަލާއަކަށް ވުމުން ރަގަޅު ފެންވަރުގެ ކުކުންގެ 450 ގްރާމް ލިބެން ހުންނަނީ 500 އާއި 5،000 ޑޮލަރުގެ އަގެއްގައެވެ.

comment ކޮމެންޓް