1997ގެ ފަހުން ޖަނަވަރީއެއްގައި އެންމެ ގިނައިން މަސް ކިރީ މި އަހަރު

މިފްކޯގެ ބޯޓަކަށް މަސް ކިރަނީ: މިދިޔަ މަހު ވަނީ ރިކޯޑު އަދަދަކަށް މަސް ކިރާފައި -- ފޮޓޯ/ މިފްކޯ

ޖަނަވަރީ މަހެއްގައި 1997ގެ ފަހުން އެންމެ ގިނައިން މަސް ކިރީ މި އަހަރު ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ ވުޒާރާއިން އާންމުކުރި ތަފާސްހިސާބުގައި ވާގޮތުން މިދިޔަ މަހު 8،324 މެޓްރިކް ޓަނުގެ މަސް ވަނީ މިފްކޯއަށް ކިރާފައެވެ. އެއީ، ރިކޯޑު އަދަދެއް ކަމަށް އެ ވުޒާރާއިން ބުންޏެވެ.

ރާއްޖޭގެ މަސްވެރިކަން ރަނގަޅުވެ، މަސްކިރާ މިންވަރު އިތުރުވާން ފަށައިފި ކަމަށް ޖެނުވަރީ މަހުގެ 12 ވަނަ ދުވަހު މިފްކޯއިން ވަނީ ބުނެފައެވެ.

މިފްކޯގެ ތަފާސްހިސާބުން ދައްކާ ގޮތުގައި ޖަނަވަރީ މަހު ދުވާލެއްގެ މައްޗަށް އެވަރެޖުކޮށް 280 މެޓްރިކު ޓަނުގެ މަސް މިފްކޯއަށް ކިރިއެވެ.

އެކަމަކު، މި ދޭތެރެއިން މިފްކޯއިން މަސް ގަންނަ އަދަދު ވަރަށް ބޮޑަށް ދަށްވި ކަމަށް ހިސާބުތަކުން ދައްކައެވެ.

އެ ގޮތުން، މިދިޔަ ޑިސެންބަރު 23ގައި މިފްކޯއިން މަސްވެރިންނަށް ފައިސާ ދޫކޮށްފައިވަނީ 55 މެޓްރިކް ޓަނުގެ މަހަށެވެ. އެއީ، ޖުމްލަ 631،848 ރުފިޔާއެވެ. އަދި، ޖެހިގެން އައި 24ވަނަ ދުވަހު މަސްވެރިންނަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވަނީ 82 މެޓްރިކު ޓަނުގެ މަހަށެވެ.

މަސްވެރިން ބާނާ މަހަށްވާ ފައިސާ، 48 ގަޑިއިރުގެ ތެރޭގައި އެ މީހުންނަށް ދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެ ވައުދާ އެއްގޮތަށް އެންމެ ފުރަތަމަ ޕޭމަންޓު ދޫކުރީ މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހެވެ.

ބީއެމްއެލްގައި އެކައުންޓް ހުޅުވާފައިވާ މަސް ދޯނިތަކުން މަސް ކިރާތާ 48 ގަޑިއިރު ތެރޭ ފައިސާ ޖަމާކުރަން ބީއެމްއެލާ އެކުވަނީ އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފައެވެ.

comment ކޮމެންޓް